ރިޕޯޓް

އިސްލާމިކް ބޭންކުން ހިއްސާ ގަންނަންވީ ކީއްވެ؟

Jul 21, 2019
3

މޯލްޑިވްސް އިސްލާމިކް ބޭންކް އުފެދުމާއެކު އެތަންވީ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށެވެ. އެއް ސަބަބަކީ ޝަރިއާ ހުއްދަ ކުރާ އުސޫލުން ހިންގާ ފުލްފްލެޓް ހަމައެކަނި އިސްލާމިކް ބޭންކަށް ވުމެވެ. މިއާއެކު އިސްލާމިކް ބޭންކުން، ދިވެހިންނަށް ގެނެސްދިން އިސްލާމިކް ފައިނޭންސުގެ ޕްރޮޑަކްޓްތައް ފުރިހަމަވުމެވެ. ރާއްޖެއަށް އާ މި ދާއިރާއަށް ގިނަ ޕްރޮޑަކްޓް ތަކެއް އިސްލާމިކް ބޭންކުން ގެނެސްދީ ކުރިއެރުން ހޯދައި ދިނެވެ. ބޭންކު އުފެދި އަށް އަހަރު ފަހުން މި ވަނީ ދިވެހިންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލަން ތައްޔާރުވެފަ އެވެ.

"ހިއްސާ ގަންނައިރު ބަލާ ކުންފުނީގެ ބޮޑުވާ މިންވަރު ނޫނީ ގްރޫޕް ޕޮޓެންޝަލް ހުރި ވަރަށް. މިގޮތަށް ބަލާނަމަ ވެސް އެމްއައިބީއަކީ ފަހުގެ ތާރީހުގައި އެންމެ ހަލުވިކަމާއެކު ގްރޯތްވާ ކުންފުނި. ކަސްޓަމާ ބޭސް ނޫނީ އޮޕަރޭޝަނަލް ވައިސްކޮށް ބެލިއަސް،" އެމްއައިބީގެ ޗީފް ފައިނޭންސް އޮފިސަރު އަލީ ވާސިފު ވިދާޅުވި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އުފެދުނީ އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވްލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާސް އާއި ދިވެހި ސަރުކާރު ގުޅިގެންނެވެ. މިހާރު ބޭންކުގައި އަމާނާ ތަކަފުލްގެ 6.5 ޕަސެންޓް ހިއްސާ އޮތްއިރު، ދިވެހި ސަރުކާރު ހިއްސާއަކީ 35 ޕަސެންޓެވެ. އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވްލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާސްގެ 58 ޕަސެންޓް ހިއްސާވެ އެވެ.

ބޮޑު ކުރިއެރުމާއި ވިޔަފާރި ވަރުގަދަ

ދުނިޔޭގައި އެންމެ ހަލުވި ކުރިއެރުމެއް ހޯދަމުން އަންނަ އިސްލާމިކް ފައިނޭންސުގެ "މީރު" ކަން ދިވެހިންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފެއްދި ބޭންކުގެ ވިޔަފާރި މިވަނީ ވޭތުވެދިޔަ އަހަރުތަކުގައި މާލީ ގޮތުން ވެސް ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

ބޭންކުގެ ކޮންމެ ނިންމުމެއް ނޫނީ ޕްރޮޑަކްޓެއް އަންނާނީ ހާއްސަ ޝަރީއާ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މިއީ ލިބޭނެ ޔަގީން ކަމެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ބޭންކުން ކަސްޓަމަރުންގެ އަދަދު މި ވަނީ 70،000 އަށްވުރެ އިތުރުވެފަ އެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2017 ވަނަ އަހަރު 40 މިލިއަން ރުފިޔާއާ އަޅާބަލާނަމަ ބޮޑު ކުރިއެރުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދޫކުރި ލޯނުގެ އަދަދު ބޮޑުތަން އިތުރުވެފައިވެ އެވެ. ބޭންކުން 400 އަށް ވުރެ ގިނަ ޕީއޯއެސް މެޝިން ދޫކޮށްފައިވާއިރު، 11 އޭޓީއެމް ބަހައްޓައި، ހަ ބްރާންޗެއް ހުޅުވައި ދަނީ ހިދުމަތް ދެމުންނެވެ. އަދި އެމްއައިބީ އިން 2015 ގައި ތައާރަފު ކުރި "އެމް- އައިސާ" ކާޑާއި އިންޓަނެޓު ބޭންކިންގެ ސަބަބުން ކަސްޓަމަރުންނަށް ވަނީ ބޮޑު ލުއި ފަސޭހަ ތަކެއް ގެނެސްދީފަ އެވެ. އަދި ކުންފުނީގެ މިހާރުގެ މިޝްރާބު ހުރީ ޑިޖިޓަލް ބޭންކިންގެ ފަސޭހަކަން ހޯދައި ދިނުމަށެވެ.

ވާސިފް ވިދާޅުވި ގޮތުގައި އެ ބޭންކް އައިޕީއޯ އަކަށް ދާން ނިންމި މައިގަނޑު ސަބަބަކީ ދިވެހިންގެ ހިއްސާ އިތުރުކޮށް، ބޭންކުގެ ވިޔަފާރި ފުޅާ ކުރާށެވެ.

"ކޮންމެ ވިޔަފާރިއެއްގައި ވެސް ވަކި ލެވަލްތަކެއް ހުރޭ. އެގޮތަށް ބަލާއިރު އަޅުގަނޑުމެން ކަޑައްތުކުރި އަށް އަހަރަކީ އަޅުގަނޑުމެންގެ ފުރަތަމަ ފޭސް ކަމަށް ބުނެވި ދާނެ. ފިއުޗާގައި ގްރޯވާން ކެޕިޓަލް މުހިންމުވޭ. ހާއްސަކޮށް ބޭންކްއެއްގެ ހައިސިއްޔަތުން ކެޕިޓަލް މުހިންމު. ކެޕިޓަލް ލިބުމުން ގްރޯ ވެވޭނެ ގޮތް ތަކެއް ވެސް ހުރޭ،" ވާސިފު ވިދާޅުވި އެވެ.

ބޭންކުގެ ކުރިއެރުން މިގޮތުގައި ހުރިއިރު، ހިއްސާ ގަންނަ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ލިބޭނެ އެވެ. އެއް ފައިދާއަކީ ފަހަށް ރައްކާ ކުރަން ރަނުގެ ފުރުސަތެއް ލިބުމެވެ. ހިއްސާ ގަތުމުގެ އެއް ފައިދާއަކީ ކުންފުނި ކުރިއަރައިގެންދާ ވަރަކަށް ނިސްބަތުން ހިއްސާގެ ގޮތުގައި ލިބޭ އަދަދު އިތުރުވެގެން ދިއުމެވެ. މި ވިސްނުމުން ބަލާއިރު އިސްލާމިކް ބޭންކުގެ ކުރިއެރުމަކީ ހިއްސާދާރުންނަށް ލިބޭނެ ފައިދާއަކަށްވާނެ އެވެ.

35ރ. އަށް ހިއްސާއެއް، ރަނުގެ ފުރުސަތެއް!

މި ކުރިއެރުމާއެކު ފެށި ބޭންކުން، އާއްމުންނަށް ހިއްސާ ވިއްކަން ފަށާނީ މި މަހުގެ 28 އިން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ދިވެހިންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށްވާނެ އެވެ. ސަބަބަކީ ކުރި އަރަމުން އަންނަ ވިޔަފާރީގެ ބައިވެރިއަކަށްވުމުން ފުރުސަތު ލިބުމެވެ. ހިއްސާއެއް ވިއްކާނީ 35ރ. އަށެވެ.

ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ހޯދަން ވަނީ ކަނޑައަޅާފަ އެވެ. ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ. އާއްމުންނަށް މަދުން ގެނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެމްއައިބީ އިން ވަނީ ހިއްސާ ވިއްކަން ފަސޭހަ އިންތިޒާމު ތަކެއް ވެސް ހަމަޖައްސާފަ އެވެ. އެ ކުންފުނީގެ މެއިން ބްރާންޗުންނާއި ހުޅުމާލެ ބްރާންޗުން އަދި ހިތަދޫ ބްރާންޗާއި ފުވައްމުލަކު ބްރާންޗު އަދި ކުޅުދުއްފުށީ ބްރާންޗުގެ އިތުރުން ހިތަދޫ ބްރާންޗާއި އައިޕީއޯ ކޯޑިނޭޝަން ސެންޓަރުން ގަނެވޭނެ އެވެ. މީގެ އިތުރުން އޮންލައިން މެދުވެރިކޮށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީޒްގެ ޕޯޓަލް އިން ވެސް ހިއްސާ ގަނެވޭނެ ކަމަށެވެ.

އިސްލާމިކް ފައިނޭންސްއަކީ ދުނިޔޭގައި މިހާރު އެންމެ ހިންގާ ވިޔަފާރީގެ މޮޑެލް އެވެ. ނުވަތަ ގޮތެވެ. މުސްލިމް ނޫން ގައުމުތަކުގައި ވެސް އިސްލާމިކް ފައިނޭންސުގެ މަގުބޫލުކަން ބޮޑުވަނީ އެހެންވެ އެވެ. މި ވިޔަފާރީގެ ފައިދާ ހޯދައި، ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އިސްލާމިކް ބޭންކުން މި މަހު ހުޅުވާލާނެ އެވެ.