ކުޅިވަރު

ވެސްޓް ހާމްގެ ފުރަތަމަ މޮޅާއެކު ކޯޗްގެ މަގާމު ސަލާމަތްވެއްޖެ

ހަޑަލްސްފީޑް ޓައުންގެ މައްޗަށް 0-2 ކުރިހޯދައި ވެސްޓް ހާމްއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިމޮޅާއެކު ވެސްޓް ހާމްގެ ކޯޗް ސްލެވާން ބިލިޗްއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް އެނާ މިވަނީ ރަނގަޅު ރައްދެއްދީފައެވެ. ރޭގެ މެޗުގައި ވެސްްޓް ހާމްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޕެޑްރޯ އޮބިއަންގް އާއި އަންދްރޭ އާޔޫއެވެ.

އަލަށް ޕްރިމިއާ ލީގައި ކުޅެމުން އަންނަ ހަޑަލްސްފީލްޑް ޓައުންގެ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން އެޓީމު ވަނީ ލީގުގައި ފުރަތަމަ ދެމެޗުގައި ކްރިސްޓަލް ޕެލެސް އަދި ނިއުކާސަލްގެ މައްޗަށް ކުރި ހޯދައި ސައުތުއެމްޓާން އާއި އެއްވަރުކޮށްފައެވެ.

ވަރުގަދަ ޑިފެންސިވް ކުޅުމެއް ކުޅެމުން އަންނަ ހަޑަލްސްފީލްޑްގެ ޑިފެންސް ވެސްޓް ހާމްއަށް ފޫއަޅުވާލެވުނީ މެޗުގެ 72 ވަނަ މިނިޓުގައެވެ. މިއީ ވެސްޓް ހާމްގެ ޕެޑްރޯ އޮބިއާންގް ފޮނުވާލި ބޯޅާ ހަޑަލްސްފީލްޑްގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ގޯލްގެ ތެރެއަށް އޮއްސުނު ބޯޅައެކެވެ.

ފަސް މިނިޓު ފަހުން ވެސްޓް ހާމްއިން ލީޑު ފުޅާކުރިއެވެ. މިއީ އަންދްރޭ އާޔޫ ކާމިޔާބުކޮށްދިން ގޯލެކެވެ. ވެސްޓް ހާމްއިން ނެގި ކޯނަރަކުން ފަސޭހަކަމާއެކު އާޔޫ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެސްޓް ހާމްގެ ކޯޗު ސްލެވާން ބިލިޗް ބުނީ މިރޭގެ މެޗުގައި މާރީތި ފުޓުބޯޅައެއް ކުޅެވިފައި ނުވާކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިން މެޗުން މޮޅުވާން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. ގިނަ އިންގިރޭސި މީޑިޔާތަކަކުން މިމެޗުގެ ކުރިން ބުނެފައިވާ ގޮތުގައި ވެސްޓް ހާމް މިމެޗުން ބަލިވިނަމަ ބިލިޗް މަގާމުން ވަކިކުރެވޭނެއެވެ.