ވިޔަފާރި

ރާއްޖޭގެ ރީތިކަން ދައްކާލަން އެއްލައްކަ ރުފިޔާގެ ވީޑިއޯ މުބާރާތެއް!

  • ދިވެހިންނަށް ބައިވެރިވެވޭނެ
  • އިނާމު އެއްލައްކަ އަށް ވުރެ ބޮޑު
  • ވީޑިއޯގެ ދިގުމިން މިނެޓެއް

ރާއްޖޭގެ ރީތިކަން ދައްކާލަން ވީޑިއޯ ހެދުމުގެ މުބާރާތެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

"އެޑްވެންޗާ އޮފް މޯލްޑިވްސް" ގެ ނަމުގައި އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކުރު ވީޑިއޯ ހެދުމުގެ މުބާރާތް ފައްޓަވައި ދެއްވުމަށްފަހު އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ މި މުބާރާތުގެ މަގުސަދަކީ ރާއްޖެ އަށް އަންނަ މީހުންނާއި ދިވެހިންނަށް "ދިވެހިންގެ ވާހަކަ" ދުނިޔޭގައި މަގުބޫލު ކުރުން ކަމަށެވެ.

"މި ކޮމްޕެޓިޝަން މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެމީހުން ރާއްޖޭގައި ކުރި ތަޖުރިބާ ހިއްސާކޮށްލެވިދާނެ. ހަމައެކަނި މިއީ ބޭރު މީހުންނަށް އޮތް ފުރުސަތެއް ނޫން. ދިވެހިންގެ ތެރޭގައި ވެސް ޒުވާން ހުނަރުވެރި ކުދިން އެބަތިބި އެ ކުދިންނަށް ވެސް ރާއްޖޭގެ ރީތި މަންޒަރުތައް ހިމަނައިގެން ކްރިއޭޓިވް ވީޑިއޯއެއް ހެދިދާނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މުބާރާތެއްގެ ސަބަބުން ކުޑަ ހަރަދެއް ކޮށްގެން ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމަށް މަގު ފަހި ވެގެންދާނެ ކަމަށެވެ.

"ފޭސްބުކްއަކީ ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމެއް. އެހެންވެ މި ޕްލެޓްފޯމް މެދުވެރިކޮށް މި ވީޑިއޯތައް ދުނިޔެއަށް ފެނި ރާއްޖެ އިޝްތިހާރު ވެގެންދާނެ،" ހާރިސް ވިދާޅުވި އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ "އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ ކޮމްޕެޓިޝަންގައި ބައިވެރިކުރާނީ އެއް މިނެޓުގެ ވީޑިއޯތަކެވެ. މި ވީޑިއޯތައް ފޭސްބުކްއަށް އަޕްލޯޑުކޮށް ވޯޓު ދިނުމަށް ހުޅުވާލާނެ އެވެ. އަދި އެގޮތަށް ވޯޓު ދިނުމަށްފަހު ރާއްޖޭގެ ފަންނާނުން ހިމެނޭ ޖަޖުންގެ ޕެނަލްއަކުން ޖަޖުކޮށް އެއްވަނަ އަށްދާ ފަރާތެއް ހޮވާނެ އެވެ. އެއްވަނަ ފަރާތަކަށް 6،500 ޑޮލަރު ( ގާތްގަނޑަކަށް 100230ރ.) ލިބޭނެ އެވެ. މި މުބާރާތުގެ އެއްވަނަ ލިބޭ ފަރާތެއް ޑިސެމްބަރު މަހު އިއުލާނު ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. މި ވީޑިއޯތައް އެމްއެމްޕީއާރުސީގެ ވެބްސައިޓު މެދުވެރިކޮށް އަޕްލޯޑު ކުރެވޭނެ އެވެ. މި މުބާރާތުގެ މެއިން ސްޕޮންސާއަކީ ސިކްސް ސެންސަސް ލ. އެވެ.

އެމްއެމްޕީއާރުސީން ދަނީ ރާއްޖެ މާކެޓު ކުރާ ގޮތް ބަދަލު ކުރަމުންނެވެ. އެގޮތުން "ދިވެހިންގެ ވާހަކަ" އިގެ ގޮތުގައި ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ރީތިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ ދައްކާލަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސޯޝަލް މީޑިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައިވެ އެވެ.