ޓެކްނޯލޮޖީ

ފޭސް އައިޑީއާއެކު އައިފޯން 10 ލޯންޗުކޮށްފި

އެޕަލް އައިފޯނަށް 10 އަހަރު ވުމާ ގުޅިގެން އެޕަލްއިން ނެރެން ނިންމައިފައިވާ އައިފޯންގެ ހާއްސަ އެޑިޝަން އައިފޯން 10ގެ ނަމުގައި ލޯންޗް ކޮށްފިއެވެ. އެޕަލް އައިފޯން 10 ލޯންޗްކޮށްފައިވަނީ މިހާރު ކުރިއަށްދާ އެޕަލްގެ ހާއްސަ އިވެންޓުގައެވެ. އެޕަލް އައިފޯން 10 އަކީ އެޕަލްގެ އެހެން ފޯނުތަކާ ޑިޒައިން މުޅިން ތަފާތު ފޯނެކެވެ. އެގޮތުން މި ފޯނުގެ ފީޗާތަށް މިރޭ އިއުލާންކުރި އައިފޯން 8 އަދި އައިފޯން 8 ޕްލަސް އަށް ވުރެ ގިނައެވެ.

މިފޯނަކީ މިހާތަނަށް އެޕްލްއިން ހޯމްބަޓަންއަކާ ނުލާ ނެރޭ ފުރަތަމަ އައިފޯންނެވެ.

އައިފޯންގެ ފަހުގެ މި ވާޝަންތަކަށް އަންނާނެ އެންމެ މުހިންމު އެއް ފީޗާއަކީ ފޯނަށް ފޭސް އަޑީ އައުމެވެ. ފޭސް އައިޑީއަކީ އިންސާނާގެ މޫނު ސްކޭން ކޮށްލެވޭ ފީޗާއެކެވެ. އެގޮތުން މި ފީޗާއިން ފޯނު އަންލޮކް ކޮށްލެވޭނެއެވެ. މީގެ އިތުރުން އެޕަލް ޕޭގައި ވެސް މި ފީޗާ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެޕަލްއިން ބުނެއެވެ.

މި ފޯނަށް އެހެން އައިފޯންތަކާއި ތަފާތުވާނެ އަނެއްފީޗާއަކަށް ވާނީ އެނިމޯޖީއެވެ. އެގޮތުން މި ފޯނުގައި ފަރުމާކުރެވިފައިވާ ފޭސް ސެންސަރ ތަކުގެ އެހީގައި ފޯނުގެ އެމީޖީތަށް އެނިމޭޝަންގެ ސިފައިގައި ފެންނާނެއެވެ. މި ފޯނުގައި މީގެ އިތުރަށް ދެން ހިމެނޭ ފިޗާތާކަކީ އެޕަލްއިން ހަމަ މި ފޯނު ނޭރުމަށް ބޭއްވި އިވެންޓުގައި ލޯންޗްކުރި އައިފޯން 8 ގެ ފީޗާތަކެވެ. އެގޮތުން މި ފޯނުގައި ހިމެނޭ ކެމެރާވެގެންދާނީ 12 މެގަޕިކްސެލްގެ ކެމެރާއަކަށެވެ. އަދި މީގެ އިތުރުން އެޕަލްގެ އާ އޭ11 ބައޮނިކް ޕްރޮސެސާވެސް މި ފޯނުގައި ހިމެނޭނެއެވެ.

އެޕަލްއިން މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އަދި އެންމެ މޮޅު ފޯނަށް ވެގެން މިދަނީ މި ފޯނެވެ. އެޕަލްއިން ސިފަކުރާ ގޮތުގައި މި ފޯން ވެގެންދާނީ ސްމާޓްފޯންތަކުގެ ކުރިމަގަށެވެ.

އެޕަލްއިން އިއުލާން ކުރި ގޮތުގައި މި ފޯނުގެ އަގުތަށް ފެށޭނީ 999 ޑޮލަރުންނެވެ. މި ފޯނުގެ ނެރުމަށް ހަމަޖެހިފައިވާނީ އެންމެ ކުލައެކެވެ. އެއީ ސިލްވަރ ކުލައެވެ.

އައިފޯން 10ގެ ޕްރީއޯޑަރ ތަށް ފެށުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ ގައެވެ. އަދި ދުނިޔޭގެ ބާޒާރުތަކަށް ފޯނު ނެރޭނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.