ސްވިޒަލޭންޑްގެ އެފްސީ ބަސެލްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޕައުލް ޕޮގްބާ އަށް މެޗުގެ ވަރަށް ކުރީ ކޮޅު އަނިޔާ ވުމުން، އޭނާގެ ބަދަލުގައި ކުޅެން ނިކުތް މަރުއާން ފެލޭނީ ދައުރު އަދާކޮށް ބަސެލްގެ މައްޗަށް 3-0 ން ޔުނައިޓަޑް މޮޅު ކޮށްދީފި އެވެ.
އަޒަރުބައިޖާނުން ޗެމްޕިއަންސް ލީގްގައި ވާދަ ކުރާ ފުރަތަމަ ޓީމު ކަރަބާގް އެފްކޭ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ޗެލްސީވެސް ވަނީ ކާމިޔާބު ހޯދާފަ އެވެ.
ޕޮގްބާގެ ފަލަމަސްގަނޑަށް އަނިޔާވީ މެޗުގެ 20 ވަނަ މިނެޓްގައެވެ. މިސީޒަންގައި އާންމުކޮށް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެ ތަފާތު ދައްކާ ފެލޭނީ ވަނީ، ކުޅެން ނިކުމެ ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެޝްލީ ޔަންގް ތަނަވަސްކޮށްދިން ބޯޅަ އަކުން، ފެލޭނީ ލަނޑު ޖެހީ އޭނާ ކުޅެން ނިކުތްތާ 15 މިނެޓް ފަހުން ނެވެ.
އެ ލަނޑުގެ ކުރިންވެސް ޔުނައިޓަޑްގެ ހެންރިކް މިހިތާރިޔަންއަށް ވަނީ ލަނޑު ޖަހާނެ ތަނަވަސް ދެ ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި، ބަސެލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެންތޮނީ މާޝިއަލް ހުރަސް ކޮށްދި ން ބޯޅަ މިހިތާރިޔަން ބޮލުން ފޮނުވަލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ. މެޗުގެ 25 ވަނަ މިނެޓްގައި ރޮމެޔޫ ލުކާކޫ ދިން ބޯޅަ، މިހިތާރިޔަން ފޮނުވާލުމުން އެ ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. ދެ ވަނަ ފަހަރަށް އެބޯޅަ ފޮނުވާލުމުން ބަސެލްގެ ކީޕަރު ތޯމަސް ވަސްކްލިކް ވަނީ ސޭވް ކޮށްފަ އެވެ.
ޔުނައިޓަޑްގެ ދެ ވަނަ ލަނޑު ރޮމެޔޫ ލުކާކޫ ކާމިޔާބު ކުރީ ޑެނީ ބްލިންޑް ހުރަސް ކުރި ބޯޅަ އަކުން ބޮލުން ކާމިޔާބު ކުރި ލަނޑަކުން ނެވެ. ޔުނައިޓަޑްގެ ތިން ވަނަ ލަނޑު ޖެހުމުގައިވެސް، ފެލޭނީ ވަނީ ހިއްސާ ވެފަ އެވެ. މާކޯސް ރަޝްފާޑް ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ފެލޭނީ ތަނަވަސް ކޮށްދިން ބޯޅަ އަކުން ތަނަވަސްވި ފުރުސަތަކުން ނެވެ.
ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ މެޗުން މޮޅުވިޔަސް، މެޗުގައި ޔުނައިޓަޑްގެ ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭ ސީރިއަސް ކަމެއް ނުފެންނަ ކަމަށާއި ރަނގަޅު ނިންމުމެއް ފެނިގެން ނުދިޔަ ކަމަށެވެ.
އެފްކޭ ކަރަބާގް ކޮޅަށް ޗެލްސީން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގައެވެ. ޑޭވިޑް ލުއިޒް އާއި އަލްވާރޯ މޮރާޓާ ނުލައި ކުޅުނު މެޗު ފެށިގެން ފަސް ވަނަ މިނެޓް ތެރޭގައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޕެޑްރޯ ރޮޑްރިގޭޒް އެވެ.
ޗެލްސީގެ ދެ ވަނަ ލަނޑު ޑިފެންޑަރު ޒަޕަކޯސްޓާ ކާމިޔާބު ކުރީ، ޗެލްސީގެ ފަހަތުން، ކީޕަރު ތައިބަޓް ކޯޓްއާ ދިން ބޯޅަ ހިފައިގެން ގޮސް، ކަރަބާގް ޕެނަލްޓީ އޭރިއާ ހިސާބުން އޭނާ ވަނީ ހުހަށް އޮތް ކަރަބާގްގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ޗެލްސީގެ ތިން ވަނަ ލަނޑު 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެޒާ އަޒްޕްލިކްއޭޓާ އެވެ.
ޗެލްސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ބަކަޔޯކާ އެވެ. ފަސް ވަނަ ލަނޑު ޖެހީ މިޗީ ބަޓްޝުއާއީ އެވެ. ޗެލްސީގެ ހަ ވަނަ ލަނޑަކީ ކަރަބާގްގެ މަކްސިމް މެޑްވެޑޭވް އަތުން ބައިކޮޅަށް ވަން ލަނޑެ ކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ ގިނަ ލަނޑުތަކެއް ޖެހުމުގެ އިތުރަށް ބައިކޮޅަށް ލަނޑެއް ނުވަދެ މެޗު ފުރިހަމަ ކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.