އދ.ގެ އާއްމު މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް މިޔަންމާގެ ލީޑަރު އަންސަން ސޫޗީ އެމެރިކާއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ.
ސޫޗީގެ ތަރުޖަމާނު ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ ސޫޗީ ގެ ދަތުރުފުޅު ކެންސަލް ކުރެއްވީ މިޔަންމާގައި އުފެދިފައިވާ ދީނީ ހަމަނުޖެހުންތަކުގެ މައްސަލަ ހައްލުކޮށް ސުލްހައާއި އަމާންކަން ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
" އޭނާ މަސައްކަތް ކުރައްވަނީ ސަލާމަތީ ކަންތައްތައް ހަމަޖެއްސެވުމަށް. އެތެރޭގެ ހަމަޖެހުމާ އަމާންކަން ގާއިމްކުރެއްވުމަށް. އަދި ދީނީ ހަމަނުޖެހުންތައް ފެތުރުނަ ނުދެއްވަން،" ސޫޗީގެ ތަރުޖަމާނު ޒޯ ޓޭ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
ޑިމޮކްރަސީގެ ރަމްޒެއްގެ ގޮތުގައި ދުނިޔެއިން ބަލައިގެންފައިވާ ސޫޗީ އދ.ގެ ޖަލްސާއަށް ވަޑައި ނުގަންނަވާނެކަން ހާމަކޮށްފައި މިވަނީ މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގާ އަނިޔާވެރި އަމަލުތަކާ ހެދި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓް އާއްމުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފައެވެ.
ރަކީން ސްޓޭޓްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ފެށުނީ ރޯހިންޔާ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ދިން ހަަމަލާތަކަކާ ގުޅިގެންނެވެ. އެހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ވަނީ ރޯހިންޔާ ދަރިކޮޅުގެ އާއްމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އެގޮތުން އާއްމުންގެ އެތައް ބަޔަކު މަރާލައި އެތައް އަވަށެއް ވަނީ އަންދާލާފައެވެ. އެކަންތައްތަކުން ސަލާމަތް ވުމަށް ބަންގްލަދޭޝަށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ތިން ލައްކައަށް އަރާފައެވެ.