ދުނިޔެ

ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޖެޓަކީ 20 ޑޮލަރު

މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުން ހުއްޓުވުމަށް ގާނޫނުގެ ބޭރުން މީހުން މެރުމުގެ އަމަލުތައް ހިންގަމުންދާ ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ 2018 ވަނަ އަހަރުގެ ބަޖެޓަކީ އެންމެ 1000 ޕީސޯ( 20 ޑޮލަރު) ކަމަށް އެގައުމުގެ ޕާލަމެންޓްގެ ތިިރިގެ ' ކޮންގްރެސް' އިން ނިންމައިފިއެވެ.

ބީބީސީ ބުނީ ކޮމިޝަނުގެ ބަޖެޓް އެވަރަށް ކުޑަ ކުރުމަށް ކޮންގްރެސްގެ 119 މެމްބަރުން ވޯޓް ދެއްވި އިރު އެކަމާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ 32 މެމްބަރުން ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް އެހާ ކުޑަ ބަޖެޓެއް ކަނޑައަޅަން ޖެހޭ ސަބަބެއްގެ ގޮތުގައި ކޮންގްރެެސްގެ ސްޕީކަރު ޕަންޓަލިއޯން އަލްވަރޭޒް ވިދާޅުވެފައި ވަނީ އެއީ ބޭނުމެއް ނެތް ކޮމިޝަނެއްކަމުގައި ވުމެވެ. ކޮންގްރެސްގެ ނިންމުމަށް ފާޑުކިޔާ ފަަރާތްތަކުން ބުނަމުން ދަނީ އެއީ ޑްރަގާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށް ވިދާޅުވެ، ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓް ހިންގަވަމުން ގެންދަވާ ހަރަކާތަށް ކޮމިޝަނުން ފާޑުކިޔާތީ ދިން އަދަބެއް ކަަމަށެވެ.

ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ފުރަތަމަ އެދުނީ އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި 1.72 ބިލިޔަން ޕީސޯ ( 34 މިލިޔަން ޑޮލަރު) އެވެ. ނަމަވެސް ސަރުކާރުން ހުށަހެޅީ އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ބަޖެޓެކެވެ. ބަޖެޓަށް ބަހުސްގެ ދެވަނަ އަޑު އެހުމުގައި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހުށަހެޅީ ބަޖެޓަކީ 1000 ޕީސޯ ( 20 ޑޮލަރު ) ކަމަށް ކަނޑައެޅުމަށެވެ. އަދި ފާސްކުރީ އެގޮތަށެވެ.

ބަޖެޓާއި މެދު ފިލިޕީންސް ޕާލަމެންޓްގެ މަތިގެ ' ސެނެޓް' އިން ވެސް ގޮތެއް ނިންމަން ޖެހެއެވެ. ނަމަވެސް ޑުޓާޓްއަށް އަޣުލަބިއްޔަތު އޮންނަ އެ ތަނުން ވެސް ކޮންގްރެސްގެ ނިންމުމާ ތަފާތު ގޮތަކަށް އަމަލުކުރާނެ ކަަމަކަށް ނުބެލެވެއެވެ.

ބަޖެޓާ ބެހޭ ގޮތުން ޓީވީން ދުރަށް ދެއްކި އިންޓަވިއުއެއްގައި ކޮންގްރެސްގެ ސްޕީކަރު އަލްވަރޭޒް ތުހުމަތު ކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން މަސައްކަތް ކުރަނީ ކުށްވެރިންނަށް ޓަކައި ކަމަށެވެ.

" ކުށްވެރިންގެ ހައްގުތައް ހިމާޔަތް ކުރަން ބޭނުން ވަންޏާ ކަލޭމެން ބަޖެޓް ހޯދާ ކުށްވެރިން އަތުން،" އަލްވަޒޭޒް ވިދާޅުވި ކަމަށް ނޫހުގައި ވެއެެވެ.