ކުޅިވަރު

ވޯލްޑް ކަޕްގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ

Sep 13, 2017

އަންނަ އަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ ވޯލްޑް ކަޕް ފަށަން އަދި ލައްކަ ދުވަސް އެބައޮތެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރަޝިޔާއާ އެކު މުބާރާތުގައި ވާދަ ކުރާނެ ކަން މިހާތަނަށް ކަށަވަރު ވެފައި ވަނީ ބްރެޒިލް އާއި އިރާން، ޖަޕާން، މެކްސިކޯ، ބެލްޖިއަމް، ދެކުނު ކޮރެއާ އަދި ސައުދީ އަރަބިއްޔާ އެވެ. ބާކީ އޮތް 24 ޖާގައަށް އަންނާނީ ކޮން ގައުމު ތަކެއް ކަމެއް އަދި ނޭނގެ އެވެ. އެކަން ނޭންގުނަސް ވަރިހަމަ ތާ އެވެ! ފީފާ މިހާރު ފޫގަޅައިގެން ތިބީ ވޯލްޑް ކަޕް ޓިކެޓް ވިއްކާށެވެ.

ވޯލްޑް ކަޕް ޓިކެޓް ވިއްކުން މާދަމާ ފަށާއިރު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ތިން ސްޓޭޖަކަށް ބަހާލައިގެން ނެވެ. މާދަމާ މި ފަށަނީ ފުރަތަމަ ސްޓޭޖެވެ. މާދަމާ ފުރަތަމަ މިއޮތީ ޓީކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ދުރާލާ ޓިކެޓް ރިޒާވް ކުރުމެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ފީފާގެ ވެބްސައިޓުން ޓިކެޓް ރިޒާވް ކުރުމަށް ވަނީ ހުޅުވާލާފަ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރިހަކީ އަންނަ މަހުގެ 12 ދުވަހެވެ.

ދެ ވަނަ ބުރުގެ މެޗުތަކުގެ ޓިކެޓް އަގަކީ 79 ޕައުންޑް، 1608.10 ދިވެހި ރުފިޔާ އެވެ. ރަޝީޔާގެ ރައްޔިތުންނަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކާނެ އެވެ. އެއީ ޓިކެޓެއްގެ އަގު 17 ޕައުންޑް، 346.05 ދިވެހި ރުފިޔާ އެވެ. އެންމެން ބަލާހިއްވާނެ މެޗު، ފައިނަލް މެޗުގެ ޓިކެޓް އަގު މިހާރު ހުރީ 829 ޕައުންޑް (16874.82 ދިވެހި ރުފިޔާ) އެވެ.

އެކި ކެޓަގަރީތައް ޓިކެޓްގެ ވިއްކާނީ އެކި އަގުތަކުގައިކަން ފީފާއިން ވަނީ ހަމަޖައްސާފަ އެވެ. ތިރީގައި މިވަނީ ޓިކެޓްގެ އަގުތަކެވެ. އަގުތައް ޖަހާފައި ވަނީ ޕައުންޑުން ނެވެ.

ޓިކެޓް ރިޒާވް ކުރުމަށް މިހާރު ކުރިއަށް ގެންދާ ބުރުގައި، ޓިކެޓް ހޯދުމަށް އެދުނު ފަރާތަކަށް ޓިކެޓް ލިބުނު ކަމުގެ ޔަގީންކަން ދޭނީ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. ފުރަތަމަ ފިޔަވަހީގެ ޓިކެޓްގެ ކަންކަން މުޅިން ނިމޭނީ 28 ނޮވެމްބަރުގަ އެވެ. އެ ފިޔަވަހީގައި ޓިކެޓް ދޭނީ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށެވެ.