ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އިތުރުކޮށްދީފި އެވެ. މިހާރު ސިންގަޕޫރުގަިއ ފަރުވާ ހޯއްދަވަމުންދާއިރު އެ މަނިކުފާނަށް ވަނީ ބޭސްފަރުވާ ކުރެއްވުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ކަރެކްޝަނަލް އިން ބުނީ ގާސިމްއަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައިވަނީ މިއަދުގެ މުއްދަތެއްގައި ކަމަށެވެ. ބޭސްފަރުވާއަށް ގާސިމްއަށް ކުރިން ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ގާސިމްގެ ހާލަތާ ގުޅޭ ގޮތުން ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުން ޑޮކްޓަރު ބުނެފައި ވަނީ އެމަނިކްފާނު ކޮރޮނަރީ އެންޖިއޯގްރާމް ކޮރޮނަރީ އެންޖީއޯޕްލާސްޓީ ހަދަން ޖެހޭ ކަމަށެވެ. އަދި އެމަނިކްފާނުގެ ހާލަތު ގާތުން ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ތިން މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ.
ގާސިމް ސިންގަޕޫރަށް ފުރާ ވަޑައިގަތުމުގެ ކުރިން އެމަނިކްފާނު ވަނީ އައިޖީއެމްއެޗްއާއި އޭޑީކޭ އަދި މެޑިކާގައި ވެސް އެޑްމިޓްކޮށްފަ އެވެ. އޭގެ އިތުރުން ކަރެކްޝަން އިން ކަނޑައެޅި ހާއްސަ ޑޮކްޓަރު ވެސް ގާސިމްގެ ހާލަތު ބެލުމަށް ފަހު ވަނީ އިތުރު ޓެސްޓުތައް ހެދުމަށް ލަފާދީފަ އެވެ. އެމަނިކުފާނު ވަނީ ޝަރީއަތް ކުރިޔަށް ދަނިކޮށް ވެސް ހޭފުޅު ނެތިގެން ވެއްޓިފަ އެވެ.
ރިޝްވަތު ދޭން އުޅުމުގެ ކުށް ސާބިތުވެ ގާސިމްގެ މައްޗަށް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. އެ ހުކުމުގައި އެމަނިކުފާނު ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ބަންޑާރަ ނައިބު ވަނީ ހުކުމްގެ އެ ބައި އިސްތިއުނާފުކޮށްފަ އެވެ.