ވާހަކަ

މިންނުގެ ޑައިރީ

(12 ސެޕްޓެމްބަރ 2017 އާ ގުޅޭ) -- "ޒޭން... ތިހެން ހުއްޓަކަސް މިތަޅެއް ނުހުޅުވެޔޭ. ދޭބަލަ މި ކޮޓަރީގެ ތަޅުދަނޑި ހިފައިގެން އަންނާން" ޔާނާ ޒޭނަށް ގޮވާލަމުން ބުނެލިއެވެ.

ސިކުނޑީގައި ގިނަވަމުންދިޔަ ޚިޔާލުތަކުގެ ތެރެއިން ޒޭނަށް ޔާނާގެ އަޑުއިވުނެވެ. މަޑުމަޑުން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ޔާނާ ބުނިފަދައިން ތަޅުދަނޑިފަތި ބަލައެވެ. ގިނައިރުތަކެއް ނުވެ ޒޭން އައެއެވެ. އަތުގައި އޮތް ތަޅުދަނޑިފަތި ދިއްކޮއްލީ ޔާނާއަށެވެ. ދެ މީހުންކުރެ އެކަކަށް ވެސް އެ ތަޅުދަނޑިފަތިން އެ ކޮޓަރީގެ ތަޅުދަނޑިއަކީ ކޮބާކަން ވަކިކުރާކަށް ނޭނގުނެވެ. އެހެންވެ ހުރިހާ ތަޅުދަނޑިއެއް ބެލުމަށް ނިންމިއެވެ. ކަންދިމާކުރި ގޮތުން ހަތަރުވަނައަށް ޖެހުނީ އެ ކޮޓަރީގެ ތަޅުދަނޑިކަން އެނގުނީ ތަޅުހުޅުވިގެންދިޔަ އަޑު އިވުމުންނެވެ. ޒޭންގެ ހިތް ތެޅިގަތެވެ. ހަމަ ވަންނަންވީ ބާއޭ ހިތަށްއަރާފައެވެ. ޔާނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އަދި ޒޭންއަށް ބަލާލަމުން އަތް ދިއްކޮށްލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ޒޭން ޔާނާގެ އަތުގައި ހިފާލިއެވެ. ހާސްވެފައިހުރެ ވެސް ޒޭން ޔާނާއާއެކު އެ ކޮޓަރިއަށްވަނެވެ.

ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. ޒޭން ހުއްޓުން އަރާފައި ހުރީއެވެ. ޔާނާ ފާރުގައިވާ ސުވިޗެއް ޖައްސާލިއަޑުއިވުނެވެ. އެއާއެކު ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ދެމީހުންނަށް ލިބުނު ހައިރާންކަން ވެސް އިތުރުވެގެން ދިޔައެވެ. އެނދަކާއި އަލަމާރިއެއްގެ އިތުރުން ކުޑަ މޭޒެއް ފިޔަވާ އެތަނުގައި އިތުރު އެއްވެސް އެއްޗެއް ނެތެވެ. ޒޭން ހީކުރި ފަދަ ތަނަކަށް އެ ކޮޓަރިއެއް ނުވިއެވެ. ހައިކަލްގެ ކޮޓަރިއާ ބަލާފައި އެ ކޮޓަރިއަކީ އެގޭ ގެންގުޅޭ މީހުންގެ ކޮޓަރިތަކަށްވުރެ ވެސް ހުސްކޮށް އޮތް ކޮޓަރިއެކެވެ. އެ ކޮޓަރީގައި ދޮރުފޮތިގަނޑު ދަމާފައި ހުރި ކުޑަދޮރެއް ހުއްޓެވެ. އެ ދޮރުގެ ތިރީގައި، ފާރުގައި ޖައްސާފައި ކުޑަމޭޒެއް ހުއްޓެވެ. ރީތިވާން ބޭނުންކުރާފަދަ މޭޒެއް ނެތްއިރު ލޯގަނޑެއްހާ ހިސާބު ވެސް އެ ކޮޓަރިއަކު ނެތެވެ. ޔާނާ ފާޚާނާއަށް ބަލާލިއެވެ. އެންމެ އާދައިގެ ފާޚާނާއަކާ ހުރި ތަފާތަކީ ހަމައެކަނި ބިލިގާއެއް އެތަނުގައި ހުރުމެވެ.

"މީތަ ޒޭންގެ ދޮންމަންމަގެ ރޫމް އަކީ. ހާދަ ޤަބޫލު ނުކުރެވެއޭ... ޒޭން ބުނީމެއްނު އެއީ ވަރަށް ޒީލަގަދަ އަންހެނެކޭ" ޔާނާއަށް ފެނުނު މަންޒަރުތަކުން ބުނެލެވުނެވެ.

"ޔާން، އަހަންނަށްވެސް ގަބޫލެއް ނުކުރެވޭ، އައި ހޭވް ނަތިން ޓުސޭ" ޒޭން އަޖައިބުވީވަރުން ބުނާނެ އެއްޗެއް އޭނައަކަށް ނޭގުނެވެ. އޭނައަށް ހީކުރެވުނީ މުޅިން ރަގަޅަށް ނޫންކަން އެކޮޓަރިވެސް އެބަ ހެކިވެއެވެ. އެކަމަކު އެހެންވާންވީ ކީއްވެހެއްޔެވެ.
ޒޭން އެކޮޓަރީގައި ހުރި އަލަމާރި ހުޅުވާލިއެވެ. އޭގައި އެއްވެސް އެއްޗެއް ނުވެއެވެ. ނަމަވެސް ތިރީ ވަތްގަނޑުގައި ކަރުދާސް ފޮށްޓެއް ހުއްޓެވެ. ރެބަން އަޅާފައި ހުރި ފޮށްޓެކެވެ. ޒޭން އެ ފޮށިނެގިއެވެ. ގިނަދުވަސްވެފައިވުމުގެ ސަބަބުން އޭގެ ކުލަވަނީ ބަދަލުވެފައެވެ. އަދި ކޮޓަރީގެ ހުރިހާ އެއްޗިއްސައް ވެސް ވަނީ ހިރަފުހުގެ އަސަރުކޮއްފައެވެ. ހީވާގޮތުން އެ ކޮޓަރި މިއިންދުވަހަކު ފޮޅާ ސާފުކޮއްފައެއް ނުވެއެވެ.

"ޔާން..." ޒޭން ގޮވާލިއެވެ. ޔާނާއަށް ޒޭން ފެނުމާއެކު ފެށީ ހޭށެވެ.

"ސާބަސް!... ތީ ކާކުގެ އެއްޗެއް" ޒޭންގެ ކައިރީ ހުރި ފޮށިން ނެގި ރަތްކުލައިގެ ކުޑަކުޑަ ލޭސް ނައިޓީ ގައިގާ ޖައްސާލާފައި ހުރިތަންފެނުމުން ޔާނާ އަހާލިއެވެ.

"ދޮންމަންމަގެ ކަންނޭގެ.... އެކަމަކު އަލަމާރީގަ އެހެން އެއްވެސް ހެދުމެއްނެތް... މީގަ އެބައިން ޕުރައިޒު ޓެގު ކޮޅުވެސް" ނިކަން ޒާތަކަށް ޒޭން ބުނެލިއެވެ.

"ޒޭން އާދެބަލަ، ބަލާބަލަ މިއޮތް ފޮތް" ޔާނާ މޭޒުމަތީގައި ވަކިން އޮތް މަޑު ޗޮކުލެޓުކުލައަކަށްދާ ބޯ ފޮތެއް ދައްކާލިއެވެ. ޒޭންގެ އަތުގައި އޮތް ނައިޓީ އެ ކުރީން އޮތް ފޮށްޓަށް ލުމަށްފަހު އަވަހަށް ޔާނާގެ ގާތަށް ޖެހިލިއެވެ. ޔާނާ އެ ފޮތުގެ ބޭރުގަނޑަށް ބަލާލަމުން ފޮތުގައި މަޑުމަޑުން އަތްޖައްސާލިއެވެ. ހީވާގޮތުން ފޮތުގެބޭރުގަނޑު ހަދާފައިވަނީ މަހުމާއިންނެވެ. ޒޭން ފޮތްހުޅުވާލުމަށް ބުންޏެވެ. ޔާނާ ފޮތް ހުޅުވާލިއިރު ފުރަތަމަ ގަނޑުގައި "މިންނު" މިހެން ޖަހާފައި އޮތެވެ.

"މިންނުއަކީ ކާކު...." ޒޭންއާ ޔާނާ ސުވާލު ކުރިއެވެ.

"އެއީ ދޮންމަންމަގެ ނަން" ޒޭން ބުނެލިއެވެ. ދެމީހުންވެސް ތިބީ އެއީ ކޮންފޮތެއްތޯ ބަލާހިތުން ކެތްމަދުވެފައެވެ. ހަމަ އެވަގުތު ޔާނާއަށް ކިނބިއްސެއް އެޅުނެވެ.

"މިތަން މާ ހިރަފުހީދޯ، ހިނގާ މިފޮތް ހިފައިގެން އަހަރެންގެ ކޮޓަރިއަށް، މިތާ މާގިނައިރު މަޑުކުރާނަމަ ރޯގާޖެހިދާނެ" ޒޭން ޚިޔާލުދިނެވެ. ޔާނާ އެކަމާ އެއްބަސްވިއެވެ. އަދި ނުކުންނަން ވެގެން އެ ފޮތް ނެގިތަނާ ފޮތުގެ ތެރެއިން ހިމަދިގު ސިޓީއުރައެއް ވެއްޓުނެވެ. ޒޭން އެ ސިޓީ އުރަ ނެގިއިރު އޭގައި އެއްޗެއް އޮތްކަން އެނގުނެވެ. އެހެންވެ ސިޓީ އުރަ އަތާ ދިމާކޮއްލާފައި ތަޅުވާލިއެވެ. އޭގެ ތެރެއިން ވެއްޓުނީ ރިހި ފަށެކެވެ. ޒޭން ޔާނާއަށް ފަށްދައްކާލިއެވެ. ފަށުފުލުގައި އިނގިރޭސި އަކުރެއް ލާފައިވެއެވެ. އަދި އެ ފަށަށް އަމުނާލާފައިވާ އަނގޮޓިއެއް ވެސް އޮތެވެ.

"މީ ކޮން އޭ އަކުރެއް... އަނގޮޓީގައި ވެސް އޭ އަކުރެއް" ޒޭނަށް ބުނެލެވުނެވެ.

ޔާނާ ވެސް ހައިރާންކަމާއެކު ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އަދި ޒޭންއާ ދެމީހުން އެކުއެކީ އެ ކޮޓަރިން ނުކުމެ އިހު ހުރިގޮތަށް ދޮރުތަޅުލިއެވެ. ޒޭން ތަޅުދަނޑި ފައްޗާއި އެކޮޓަރިން ފެނުނު ފޮށްޓާއި ސިޓީއުރަ ހިފައިގެން ހުއްޓެވެ. ޔާނާގެ އަތުގައި މޭޒުމަތިން ފެނުނު ބޯފޮތް އޮތެވެ.

ކޮޓަރިއަށް ވަދެވުމާއެކު ޒޭން އޭނަގެ އަތުގައި އޮތް ފޮށި އެނދުކައިރީ ބެހެއްޓިއެވެ. އަދި ސިޓީއުރަ ހިފައިގެން ޔާނާއާ ދެމީހުން އެނދުމައްޗަށް އަރާ ހަމަޖެހިލިއެވެ. އެ ފޮތުގައިވާ އެއްޗެއް ކިޔުމުގެ ޝައުގުވެރިކަން ދެމީހުންގެ ހިތުގައި ވެސް ވަނީ އުފެދިފައެވެ. ދެފައި ވަށްކޮށްލައިގެން އިށީނދެ އިން ޔާނާ އެ ބޮޑު ފޮތް ހުޅުވާލިއެވެ. ފުރަތަމަ ގަނޑު އެއްލުމާއެކީ އެއީ ކޮންކަހަލަ ފޮތެއްކަން ޔާނާއަށް އެނގުނެވެ. ޒަމާންވެ ދުވަސްވެފައި ވުމުން ގަނޑުތަކުގެ ކުލަވަނީ ބަދަލުވެފައެވެ. އަދި އޭގައި ލިޔެފައިވާ ލިޔުމަކީ މީހަކު ގަލަމުން ލިޔެފައިވާ އަތުލިޔުންތަކެކެވެ.

"ޒޭން! މީ މިންނުގެ ޑައިރީ...." ޔާނާ ޒޭންއަށް ބަލާލަމުން ބުނެލިއެވެ. ޒޭން އިތުރަށް ހައިރާންވިއެވެ. އަދި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ.

ހުޅުވާލާފައި ހުރި ދޮރުގައި ލަކްޝްމީ ޓަކިޖެހި އަޑަށް ޒޭނާއި ޔާނާއަށް ބަލާލެވުނެވެ. ލަކްޝްމީ ހަވީރުގެ ސައިތައްޔާރުކޮށްފައި ހުރިކަމަށް ބުންޏެވެ. އެކަމަކު ޒޭނާއި ޔާނާ ސައިބޯން ދިއުމަށްވުރެ ޔާނާގެ އަތުގައި އޮތް ފޮތަށް ދެމީހުން ވެސް ތިބީ މާޝައުގުވެރިވެފައެވެ. އެހެންވެ ލަކްޝްމީ ގާތު އެ ކޮޓަރިއަށް ސައިގެނެސް ދިނުމަށް ޒޭން އެދުނެވެ.

ޔާނާ ފޮތުގެ ގަނޑުތަކަށާއި ލިޔެފައިވައި އެއްޗަކަށް އަވަސް ނަޒަރެއް ހިންގާލިއެވެ. ލިޔެފައިވާ ޖުމްލަތަކުން ޔާނާއަށް އެއީ ޒޭންގެ ދޮންމަންމަގެ ޑައިރީކަން އިތުރަށް ޔަގީންވިއެވެ.

"ޒޭން، މީ ޒޭންގެ ދޮންމަންމަގެ ޑައިރީ، މީގަ ހުންނާނީ ހުސް ޕުރައިވެޓް ވާހަކަތަކެއްނު، އަހަރެން ކިޔާކަށް ނުވާނެއެއްނު" ޔާނާއަށް އެ ފޮތަކީ ޑައިރީއެއްކަން އެނގުމާއެކު ބުނެލިއެވެ.

"އެކަމަކު ތި ޑައިރީ ކިއުމުން އަހަރެންގެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ލިބިދާނެއޭ ހިތްބުނޭ. ޔާނާ! އަހަންނަކީ ފޮތްކިޔާ އުޅޭ މީހެއްނޫން... އަހަރެން ބޭނުން އަހަރެންގެ ލައިފާ ބެހޭ ކަންތައްތައް އެނގޭނޭ މީހެއް ހުންނަން، އެގޮތުން އަހަންނަށް ވަރަށް ރަނގަޅު ޔާން މި ޑައިރީ އަހަންނަށް ކިޔާދީފިއްޔާ... ކިޔާދޭނަންދޯ" ޒޭން ބުނެލިއެވެ. ޔާނާއަށް އިތުބާރު ކުރެވެނީ ކީއްވެކަމެއް ޒޭނަކަށް ނޭނގެއެވެ. އެހިންވިޔަސް ހިތާއި ޟަމީރު ބުނަނީ ޔާނާއަށް އިތުބާރު ކުރުމަށެވެ.

"ޒޭން ބޭނުންވަނީ އަހަރެން މި ޑައިރީ ކިޔާދޭން ކަމަށްވިއްޔާ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް، އެކަމަކު ޒޭން ހުއްޓާލަން ބޭނުންވެއްޖެޔާ ބުނަންވާނެ... ފަހަރެއްގައި އަހަންނަށް އެނގެން ބޭނުންނުވާ ކަމެއްވެސް އޮވެދާނެ އެއްނު" ޔާނާ ފޮތުގެ ކަނާ ކުޅެމުން ބުނެލިއެވެ. މީހަކު ލިޔެފައި އޮތް ޑައިރީއެއްގައި ކޮންމެ ފަދަ ބޮޑު ސިއްރެއް ވެސް ހާމަކޮށްފައި އޮވެދާނޭ ޔާނާގެ ހިތަށް އެރީއެވެ. ޚާއްޞަ ޒޭންގެ ޢާއިލާ މީހެއްގެ ޑައިރީ ކިޔާއިރު ޔާނާއަށް އިހުސާސް ކުރެވެނީ އޭނާއަކީ ދުރުހިލޭ މީހެއްގެ ގޮތުގައެވެ. އެހެންވީމާ އޭނާއަށް އެނގިގެން ނުވާނޭ ޢާއިލާ ސިއްރުތައް ހުރުމަކީ ވެދާނޭ ކަމެއް ކަމެވެ.

ލަކްޝްމީ ތަބަކެއްގައި ސައިތައްޔާރުކޮށްގެން ގެނައިއިރު ދެމީހުން ވެސް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އެ ފޮތަކީ މީހެއްގެ ޑައިރީއަށް ވެފައި، އެކިޔުމުން އޭނަގެ މުޅިހަޔާތް ސިފަވެގެން ދާނެތީ އެކަމާ ކަންބޮޑުވެފައެވެ. ނަމަވެސް ޒޭން އެކަނި އިނދެ އެފޮތް ކިޔާކަށް ބޭނުމެއްނޫނެވެ. އެހެންވެ އެކަމަށް ޔާނާއަށް ވުރެ ރަނގަޅު ބައިވެރިއަކު ނެތެވެ. ޔާނާގެ ގާތުން އެ ޑައިރީ ކިޔަން ފެށުމަށް ޒޭން އެދުނެވެ. ޔާނާ ސައިތަށި ނަގާ އެއިން އެތިފޮދެއް ބޯލުމަށްފަހު އެ ޑައިރީ ކިޔަން ފެށިއެވެ. އޭނާއަށް އެ ޑައިރީ ކިޔާލުމުގެ ޝަރަފު ޒޭން ދިނީތީ ހިތަށް އުފާވެރިކަމުގެ އިތުރުން ގާތް ކަމެއް އިހުސާސް ކުރެވުނެވެ.

* * * *
މިންނުގެ ޑައިރީ

މިއަދަކީ އަހަރެންގެ ދިރިއުޅުމައި އައި އެންމެ އުފާވެރި ދުވަހެވެ. ކީއްވެކަން އެނގޭ ހެއްޔެވެ؟.... މިއަދަކީ އަހަންނަށް އާއެކުވެރިޔަކު ލިބުނު ދުވަހެވެ. އެއީ ތި އެކުވެރިޔާއެވެ. ޔަގީނުން ވެސް އަހަރެންގެ ހުރިހާ ވާހަކައެއް ކެތްތެރިކަމާއެކު އަޑުއަހާނެކަން ގައިމެވެ. އަހަންނަށް ލިބޭ ކޮންމެ އުފަލަކާ، ކޮންމެ ހިތާމައެއްގައި ބައިވެރިވާނެކަން އެނގެއެވެ. ތި އެކުވެރިޔާއަކީ މުޅި އުމުރަށް ވެސް އަހަންނާއެކު، އަހަރެންގެ އެންމެ ގާތް ރާޙުމަތްތެރިޔާގެ ގޮތުގައި ވާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތް ފަރާތެކެވެ.

އޭ އެކުވެރިޔާއެވެ. މިއަދުން ފެށިގެން އަހަރުމެން ދެމީހުންގެ ދަތުރު ފެށުނީކަމުގައި ދެކޭށެވެ. އަހަނަށް ކިޔަނީ މިލްނާއެވެ. ގޭތެރޭގައި އުޅޭ އާއިލާގެ މެމްބަރުންނާއި ދަންނަ ރައްޓެހިން ކިޔާ އުޅެނީ މިއްނުއެވެ. އަހަރެންގެ ނަން މިންނުއަށް ބަދަލުވީ ކޮންއިރަކުކަމެއް މިހާރު ހަދާނެއްނެތެވެ. ގައިމުވެސް އަހަރެން އަމިއްލައަކަށް އެނަމެއް ނަހަދަމެވެ. ހީވާ ގޮތުން އެހެން މީހުންނަށް މިލްނާ އަށްވުރެ މިންނު ކީމަ ރީތީ ކަންނޭގެއެވެ. އަހަރެން މިއަދު ތިއެކުވެރިޔާއަށްވެސް ނަމެއް ދޭނަމެވެ. އަހަރެންގެ ނަމާ ގުޅުވާލާފައެވެ. އެއީ މިންނުގެ ޑައިރީއެވެ. ކަމުދާނެކަން އެނގެއެވެ.

އެނގޭހެއްޔެވެ. އަހަންނަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ އަންހެން ކުއްޖަކީމެވެ. އުޅެބޮޑުވަން ޖެހުނީ އެހާ އުފާވެރި މާޙައުލެއްގައެއްނޫނެވެ. އެހާ ފުއްދުންތެރިއެއްވެސް ނޫނެވެ. ހުރީ ހަމައެކަނި މަންމައެކެވެ. އަހަންނަކީ ޢާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އަހަންނަށް ވެސް އެހެންގޭގޭގައި އެންމެ ހަގުކުއްޖާއާ ދޭތެރޭ ޢާއިލާގެ މީހުން އުޅޭގޮތް ފެނެއެވވެ. އެކަމަކު އެފަދަ ކަންތައްތަކަކީ އަހަންނަށް އިހްސާސްކޮށްލުމަށް ލިބުނު ކަންތައްތަކެއް ނޫނެވެ. މަންމަގެ ތިބީ ތިން އަންހެނން ދަރިންނެވެ. ދެއަންހެން ކުދިންނަށްފަހު އަނެއްކާ ވެސް އަންހެން ކުއްޖެއް ލިބުންވީ މަންމަގެ ހިތަށް އިތުރު ނުތަނަވަސް ކަމެއް ލިއްބައިދިން ކަމަކަށެވެ. އަހަރެން ދުނިޔެއަށް އައިތާ ހަފްތާ އެއްގެ ތެރޭ ބައްޕަ ދަތުރު ކުރަން އުޅުނު ބޯޓަށް ރާޅު އަރާ ބޯޓު ބަންޑުން ޖަހާލިކަމަށްވެއެވެ. އެކަމުގައި ބައްޕަވަނީ ކަނޑަށް ގެއްލިފައެވެ. އެހެންވެ ކަންނޭނގެއެވެ. މަންމަގެ ލޯތްބަކީ އަހަންނަށް ހޯދަން އެހާ ފަސޭހަވި އެއްޗެއް ނޫނެވެ. އެކަމަކު ޢާއިލާގައި އަހަންނަށް އަޅާލާނެ މީހަކުވިޔެވެ. އެއީ ދައްތަ ސުހާއއެވެ. ސުހައްތައެވެ. ނަމަވެސް އެންމެ ދޮށީ ދައްތަ ހައިފާއަކީ ވަރަށް ތަފާތު މިޒާޖެއްގެ މީހެކެވެ. އަހަރެންދެކެ ހަފިއްތަ އަލިފާންކަހަލަ ރުޅި އަންނަނީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. ހާއްޞަކޮށް އަހަރެންގެ ދެލޯދެކެ އޭނަ ވަރަށް ލޯބިވާނެއެވެ. އަހަރެންގެ ލޮލުގެ ކަޅި އެހެންމީހުނާ ޚިލާފަށް ނޫކުލައިގައި ހުންނާތި ކަމަށް ވެދާނެއެވެ. (ނުނިމޭ)