ދުނިޔެ

ކުއާލަލަމްޕޫރުގެ ސްކޫލެއްގައި ރޯވެ 23 ދަރިވަރަކު މަރުވެއްޖެ

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ސްކޫލެއްގައި ރޯވެ، 23 ދަރިވަރުން މަރުވެއްޖެއެވެ.

ބީބީސީ ބުނީ ތަހުފީޒު ދާރުލް ޤުރުއާން ނަމަކަށް ކިޔާ އެ ސްކޫލުގައި ރޯވީ ރޭ ފަތިހު ކަމަށެވެ. އަދި ބުނީ މަރުވި 23 ދަރިވަރުންގެ އިތުރުން ސްކޫލުގެ ދެމުވައްޒަފަކުވެސް މަރުވި ކަަމަށެވެ.

" މަރުވިކަން ކަށަވަރުވެފައި ވަނީ 23 ދަރިވަރުންނާއި ދެ ވޯޑެން އިން،" ކުއާލަލަމްޕޫރުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ޑައިރެކްޓަރު ޚައިރުއްދީން ދުރަހްމާން އޭއެފްޕީއަށް ވިދާޅުވެފައި ވެެއެވެ.

މެލޭޝިއާ ފުލުހުންނާ ހަވާލާދީ އޭފްޕީން ބުނީ މަރުވި ދަރިވަރުންނަކީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ފިރިހެން ކުދިން ކަމަށެވެ. އަދި ބުނީ އެ ސްކޫލަކީ ގުރުއާން ކިޔަވައިދޭ ތަނެއް ކަމަށާއި ބައެއް ދަރިވަރުން ދިރިވެސް އުޅޭ ތަނެއް ކަމަށެވެ. އަލިފާން ރޯވީ ދަރިވަރުންތަކެއް ނިދާފައި ތިބި ތަނެއްގައެވެ.

އަލިފާން ނިވާ މީހުން ވަނީ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސްކޫލަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އަލިފާން ނިއްވުނީ ގަޑިއެއްހާއިރުން ކަމަށް މެލޭޝިއާ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ.

ފުލުހުންނާ ހަވާލާދީ މެލޭޝިއާގެ ނޫސްތަކުން ބުނީ އަލިފާން ރޯވީ ސްކޫލުގެ ދެވަނަ ފަންގިފިލާގައި ކަމަށާއި މަރުވި ކުދިންގެ ހަށިތައް ހުރީ ކުޑަދޮރުތައް ކައިރީ ބޮނޑިއަކަށް ކަމަށެވެ. ކުޑަދޮރުތަކުގައި ހުރީ ދަގަނޑު ތޭރި ޖަހާފައެވެ.

މަރުވި ކުދިންގެ އިތުރުން ޒަހަމްވެފައިވާ އެތައް ކުދިންނަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.