ދުނިޔެ

ރޯހިންޔާ މީހުންނާ ދެކޮޅު އަމަލުތައް ހުއްޓާލަން އދ. އިން ގޮވާލައިފި

ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި ސަލާމަތީ މަޖިލީހުން ގޮވާލައިފިއެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރަން ، 15 މެމްބަރުން ހިމެނޭ ސަލާމަތީ މަޖިލީހުން ބޭއްވި ދެވަނަ ބައްދަލުވުން ބޭއްވީ އިއްޔެއެވެ. ސުވިޑުންއާއި އިނގިރޭސިވިލާތުން އެދިގެން ބޭއްވި އެ ބައްދަލުވުން ބޭއްވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ރޯހިންޔާ މައްސަލައިގައި ފާޅުގައި މިޔަންމާ ކުށްވެރިކުރަން އިއްޔެ ބައްދަލުވުމުން ފާސްކުރިއެވެ. ނަމަވެސް މިޔަންމާއާ ދެކޮޅަށް އަމަލީ ގޮތުން އެެއްވެސް ފިޔަވަޅެއް އަޅަން އެމަޖިލީހަކުން ފާހެއް ނުކުރެއެވެ.

މިޔަންމާގައި 1980 ވަނަ އަހަރު އަސްކަރީ ވެރިކަމެއް ގާއިމް ކުރީއްސުރެ ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާ ތަކާ މެދު އދ. އިން މިހައިތަނަށް އަމަލީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިޔަންމާގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ބައިނަލް އަގުވާމީ މުޖުތަމައުން އެޅިނަމަ އެޅި ފިޔަވަޅެއް އަޅާފައި ވަނީ މިހާރު އެގައުމުގެ ވެރިކަމުގައި އޮތް ޕާޓީގެ ލީޑަރު އަންސަން ސޫޗީ މިނިވަން ކުރުމަށެވެ.

ނަސްލު ނައްތައިލުމުގެ ބޮޑު ކެމްޕޭނެއް މިޔަންމާގައި ކުރިއަށް ގެންދާތާ 30 އަށް ވުރެ ގިނަ އަހަރު ވީ އިރު ފިޔަވަޅެއް ނޭޅިޔަސް އެހެން ބައެއް ގައުމުތަކުގައި ހިނގި އެފަދަ ކަންތައްތައް އދ. އިން ހުއްޓުވާފައި ވަނީ ބާރުގެ ބޭނުންކޮށްގެނެވެ. އެގޮތުން އިންޑޮނޭޝިއާގެ ދަށުގައި ކުރިން އޮތް އީސްޓް ޓީމޯރު( މިހާރު ޓީމޯރް ލެސްތޭ) ގައި އިންޑޮނޭޝިއާ ސިފައިން ހިންގި ޖަރީމާތައް ހުއްޓުވަން އދ. އިން އެތަނަށް ސިފައިން ވެސް ފޮނުވިއެވެ. އަދި އެ ސަރަހައްދުގައި އިންޑޮނޭޝިއާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް 1999 ވަނަ އަހަރު މިނިވަން ވަކި ދައުލަތެއް ވެސް ހަދައިދިނީ އދ. އިންނެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރެސް ވިދާޅުވީ ރޮހިންޔާ މީހުންނާ ދެކޮޅަށް ހިންގަމުންްދާ ކަންތައް ތަކަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއްް ނޫން ކަމަށެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގައެވެ.