ކުޅިވަރު

އަގުއޭރޯ 50 ގޯލް ހަމަ ކޮށްފި

Sep 14, 2017

ޗެމްޕިއަންސް ލީގްގެ ގުރޫޕް 'އެފް' ގައި ހޮލެންޑް ފޭނޯޑް އަތުން 4-0 މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި، ސާޖިއޯ ކުން އެގުއޭރޯ ކާމިޔާބު ކުރި ލަނޑާއެކު ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުގައި އޭނަ 50 ލަނޑު ހަމަ ކޮށްފި އެވެ.

މެޗު ފެށިގެން ދެ ވަނަ މިނެޓްގައި، ސިޓީން ވަނީ ލީޑް ނަގާފަ އެވެ. ޑޭވިޑް ސިލްވާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖޯން ސްޓޯން ވަނީ ބޮލުން ފޮނުވާލައިގެން ގޯލް ކާމިޔާބު ކޮށްފަ އެވެ. އެ ބޯޅަ ގޯލް ތެރެއަށް ވަނީ، ފޭނޯޑްގެ ޓޮނީ ވިލްހީނާގެ ދެ ފައި ދޭތެރެއިން ލާފައެވެ. އޭނަ އަށް އެ ބޯޅަ ދިފާއުވެސް ކުރެވުނީ ހެވެ.

އަގުއޭރޯ ލަނޑު ޖެހީ މެޗުގެ 10 ވަނަ މިނެޓްގަ އެވެ. އޭނަ ލަނޑު ޖެހީ ކައިލް ވޯލްކާ ނަގައިދިން ހުރަހަކުން ނެވެ. އަގުއޭރޯއަށް ވަނީ ދެ ވަނަ ލަނޑެއް ޖަހަން ފުރުސަތު ލިބިފަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން އެ ބޯޅަ ދިޔައީ ގޯލާ ދުރުން ބޭރަށެވެ.

ސިޓީގެ ތިން ވަނަ ލަނޑު ޖެހީ، ގެބްރިއަލް ޖީސަސް އެވެ. ސިޓީން އުފެއްދި ހަމަލާއެއް ފޭނޯޑްގެ ކީޕަރު ބްރެޑް ޖޯންސް ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ޖީސަސް އަށް ލިބުމުން އޭނާ ވަނީ ފަސޭހަ ކަމާއެކު ގޯލް ތެރެއަށް ފޮނުވާލާފަ އެވެ. އެ ތަނުގައި ފޭނޯޑްގެ ކުޅުންތެރިން ތިބީ ޖީސަސް އޮފްސައިޑް ވާނެ ކަމަށް ބަލަހައްޓައިގެން ނެވެ.

ފަނަރަ އަހަރަށް ފަހު ޗެމްޕިއަންސް ލީގްގައި މުޅިން އަލަށް ވާދަ ކުރާ، ފޭނޯޑްއަށް، ސިޓީގެ ކީޕަރު އެޑާސަން މޮއަރޭސް ޓެސްޓް ކޮށްލެވޭ ވަރުގެ ބޯޅައެއް ފޮނުވާ ނުލެވުނެވެ. ސޓީގެ ހަތަރު ވަނަ ގޯލް 63 ވަނަ މިނެޓްގައި ކަމިޔާބު ކުރީ ސްޓޯންސް އެވެ. ކެވިން ޑި ބްރޭން ނަގައިދިން ހުރަހަކުން، ސްޓޯންސް މިފަހަރުވެސް ލަނޑު ޖެހީ ބޮލުން ނެވެ.

ސިޓީގެ ކޯޗް ޕެޕް ގަޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގް ފެށުން ރަނގަޅަށް ދިއުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި ރަނގަޅު ކުޅުމެއްވެސް ފެނިގެން ހިނގައްޖެ ކަމަށެވެ.

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، ޔޫކްރޭންގެ ޝަހްތަރު ޑޮނެސްކްއާ އިޓަލީގެ ނަޕޯލީ ކުލުނު މެޗު ޑޮނެސްކް ކާމިޔާބު ކުރީ 2-1 ން ނެވެ.