ވިޔަފާރި

ހޮޓެލް އޭޝިޔާ ހޯމަ ދުވަހު، ދާންވާނެ!

  • ކަލިނަރީ ޗެލެންޖުގައި 600 ގިނަ ކައްކާއިން
  • ހޮޓެލް އޭޝިޔާ ބާއްވާ 13 ވަނަ އަހަރު
  • ސަތޭކަ ހަތްދިހަ އަށްވުރެ ގިނަ ކުންފުނި

ހޮޓެލް އޭޝިޔާ، އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު 2017، ސަތޭކަ ހަތްދިހައަށް ވުރެ ގިނަ ސްޓޯލާއެކު ހޯމަ ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފެއާ ކަމަށްވާ، ހޮޓެލް އޭޝިޔާ އިންތިޒާމުކުރާ، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް)ގެ ޖެނެރަލް މެނޭޖަރު ހުސެއިން ރައޫފު ވިދާޅުވީ އަންނަ މަހުގެ 18-20 އަށް ދަރުބާރުގޭގައި ފަށާއިރު އޭގެ އެއް ދުވަސް ކުރިން އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު އޮންނާނެ ކަމަށެވެ.

"ކަލިނަރީ ޗެލެންޖުގައި 600 އަށްވުރެ ގިނަ ޝެފުން މި އަހަރު ބައިވެރިވާނެ. މިއީ އެންމެ ފުރަތަމަ ކަލިނަރީ ޗެލެންޖު ފެށި އިރާ ބަލާއިރު ބޮޑު ކުރިއެރުމެއް. ކަލިނަރީ ޗެލެންޖު ފުރަތަމަ ފެށީ 20 ޝެފުންނާއެކު،" މާބުލް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހުސެއިން ވިދާޅުވި އެވެ.

މެކްސްގެ ޑިރެކްޓަރު އަހުމަދު ޖާމިލް ވިދާޅުވީ މި އެގްޒިބީޝަންގެ މަގުސަދަކީ ޓޫރިޒަމް ދާއިރާއަށް ހިދުމަތްތަކާއި އުފެއްދުންތައް ވިއްކާ ފަރާތްތައް ގުޅުވައި ދިނުން ކަމަށެވެ.

"ހޮޓެލް އޭޝިޔާ އިން އެބަ ގެނެސްދެވޭ ރިސޯޓެއް ރިސޯޓު/ ހޮޓާތަކުގެ ކޮންސްޓްރަކްޝަނުން ފެށިގެން އެފްއެންބީއާ ހަމައަށް ހުރިހާ ހިދުމަތްތެއް ދޭ ބައެއް،" ޖާމިލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖާމިލް ވިދާޅުވީ މި ފެއާއަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ބައިވެރިންގެ ތަރުހީބު ދުވަހެއް ދުވަހަށް އިތުރުވުން ކަމަށެވެ.

"ތަރުހީބު ވަރަށް ބޮޑު. މިހާރު މި ފެއާ މި ބާއްވަނީ ދަރުބާރުގޭގައި ބޭއްވޭނެ އެންމެ މެކްސިމަމް. ކުރިއަށް އޮތް އަހަރުތަކުގައި ބައިވެރިވާންވެސް ގިނަ ބަޔަކު ވަނީ ސްޓޯލްތައް ނަގާފައި،" ޖާމިލް ވިދާޅުވި އެވެ.

ސްރީލަންކާގެ އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (އެލްއީއެކްސް) އާއި އިންޑިޔާގެ އެގްޒިބިޝަން ސާވިސަސް (އައިއީސީއެކްސް) ގުޅިގެން ބާއްވާ، ހޮޓެލް އޭޝިޔާ ފެއާގެ މެއިން ސްޕޮންސާއަކީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެފްއެމް) އެވެ.

އެ ކުންފުނީގެ އެސިސްޓެންޑް މާކެޓިން މެނޭޖަރު އަލީ އަފްރާހު ވިދާޅުވީ މި ފެއާގައި އެ ކުންފުނިން އެތެރެކުރާ 35 ބްރޭންޑުގެ ރަހަ ދެއްކުމާއި ސާމްޕަލް ދިނުން ވެސް އޮންނާނެ ކަމަށެވެ.

"މި ފެއާ [ހޮޓެލް އޭޝިޔާ] ބައިވެރިވުމުގެ ސަބަބަކީ ޝެފުންނަށް އެހީތެރިވެދިނުން. މި މަގުސަދުގައި ރާއްޖޭގެ ޝެފުން ކުރިއެރުވުމަށް މަސައްކަތް ކުރަނީމި،" ދިވެހި ޝެފުންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދެމުންގެންދާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި އަފްރާހު ވިދާޅުވި އެވެ.