ހަބަރު

ޕީޕީއެމް އެސްޖީ ކަމަށް ހަލީލު އައްޔަންކޮށްފައެއް ނުވޭ: މައުމޫން

ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު އައްޔަންކޮށްފައިނުވާ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީއިން އެމަނިކުފާނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބުގަ އެވެ. އެމްޑީޕީއިން ރައީސް މައުމޫންއަށް ސިޓީ ފޮނުވީ، ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނުގައި އެ ބަޔާން ނެރުމުގައި ޕީޕީއެމް ޝާމިލުވާ ކަމަށް ލިޔެފައި އޮތުމުން ޕީޕީއެމްގެ ނަން ނަގަން އަންގާ އެމްޑީޕީއަށް ޕީޕީއެމްގެ އެސްޖީ އަބްދުﷲ ހަލީލު ފޮނުއްވި ސިޓީއާ ގުޅިގެންނެވ.

އެމްޑީޕީގެ އެސްޖީ އަނަސް އަބްދުލް ސައްތާރު، ޕީޕީއެމްގެ ރައީސް ކަމަށް ރައީސް މައުމޫންއަށް މުހާތަބު ކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ، "ޑރ އަބްދުﷲ ހަލީލު"ގެ ނަން ޖައްސަވައި ސޮއި ކުރައްވައި ސިޓީއެއް އެމްޑީޕީއަށް ފޮނުވާފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދެއްވުމަށެވެ. ސޮއިކުރައްވާފައިވާނަމަ ސޮއިކުރައްވާފައިވަނީ ކޮން ހައިސިއްޔަތުންތޯ ވެސް ސާފުކޮށްދިނުމަށް އަނަސް ރައީސް މައުމޫންގެ އަރިހުން އެދިވަޑައިގެންފައިވެ އެވެ.

އެ ސިޓީގެ ޖަވާނުގައި ރައީސް މައުމޫން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ހަލީލު ސޮއިކުރައްވައި އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައިވަނީ އެމަނިކުފާނަށް އެނގިގެން ނޫން ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވައިދު ތަންދޭ ގޮތުގެ މަތިން ޕީޕީއެމްހެ ގައުމީ މަޖިލީހުގެ ޖަލްސާއިން އިންތިހާބުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލުން ޑރ. އަބްދުﷲ ހަލީލު ކިޔާ ބޭފުޅަކު އެސްޖީގެ މަގާމަށް އައްޔަންކޮށްފައިނުވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ރައީސް މައުމޫންގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު އެ މަގާމަށް އިންތިހާބުވީ 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ގޮތަކީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ޕާޓީގެ ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތު ލިބިގެން ކަމަށެވެ. ޕީޕީއެމްގެ ގައުމީ ޖަލްސާއިން މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައިވާ ނުވާކަމަށާއި އެހެންކަމުން ޕީޕީއެމްގެ ރައީސަކީ މައުމޫން ކަމަށެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވާ އިދިކޮޅު ޕާޓީތަކުން ނެރެފައިވާ ނޫސް ބަޔާނުގައި ޕީޕީއެމް ޝާމިލުވާ ކަމަށް ބުނެފައި އޮތުމުން އެކަމުގައި ފިޔަވަޅު އެޅުމަށް ކޯޓަށް ދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.