ހަބަރު

ވަކީލުންގެ އިސްލާހީ ހަރަކާތާ ބޮޑެތި ބޭފުޅުން ގުޅެނީ

ގާނޫނީ ވަކީލުން ފަށާފައިވާ އިސްލާހީ މަސައްކަތުގައި ބައިވެރިވަޑައިގަތް ވަކީލުން ސަސްޕެންޑްކޮށް ފިޔަވަޅު އެޅި ނަމަވެސް ހަރަކާތް ނުހުއްޓި ބާރަށް ކުރިއަށްދާ ކަމަށާއި ހަރަކާތަށް ތާއިދު ހޯދުމުގެ ގޮތުން ގިނަ ބޭފުޅުންނާ ބައްދަލުކުރައްވަމުންދާ ކަމަށް ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޝަމީމު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަޝްހޫރު ގާނޫނީ ވަކީލް މުނައްވަރުއާ ބައްދަލުކޮށް ފޮޓޯއެއް މިއަދު ޓްވީޓް ކުރައްވާފަ އެވެ. އެ ފޮޓޯގައި ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ޗީފް ސުޕްރިޓެންޑަންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ހުންނެވި އެވެ.

އެ ޓްވީޓާ ގުޅިގެން އަވަސްއިން ޝަމީމުއާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ވަކީލުންގެ އިސްލާހީ މަސައްކަތަށް ތާއިދު ހޯދުމަށް މިހާރު ވެސް ގިނަ ބޭފުޅުންނާ ބައްދަލުކުރަމުންދާ ކަމަށެވެ. އެގޮތުން މުނައްވަރާއި އަޒްމިރަލްދާއާ މިއަދު ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގެ ތެރެއިން ރިޔާޒުއާ ވެސް ބައްދަލުވެފައިވާ ކަމަށެވެ.

ޝަމީމު ވިދާޅުވީ، އަޒްމިރަލްދާ އާއި މުނައްވަރުއާ ވެސް މިއަދު ބައްދަލުކޮށްފައިވާއިރު އެ ބޭފުޅުން ތިއްބެވީ ވަކީލުންގެ އިސްލާހީ ހަރަކާތުގައި ބައިވެރިވަޑައިތުމަށް ތައްޔާރަށް ކަމަށެވެ. އޭގެ އިތުރުން ވެސް މިއަދު ގިނަ ބޭފުޅުންނާ ބައްދަލުކޮށްފައިވާނެ ކަމަށް ޝަމީމު ވިދާޅުވި އެވެ.

މިހާރު ވެސް ވަކީލުންގެ ހަރަކާތުގެ ދަށުން އިތުރު ޕެޓިޝަނެއް ތައްޔާރުކުރަމުންދާ ކަމަށާއި އެ ޕެޓިޝަނުގައި ކުރީގައި ފަނޑިޔާރުކަން ކުރައްވާފައިވާ ގިނަ ބޭފުޅުން ވެސް ސޮއިކުރައްވާފައިވާ ކަމަށެވެ. އެ ޕެޓިޝަން ވެސް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. ޝަމީމު ވިދާޅުވި ގޮތުގައި ވަކީލުން ފެށި އިސްލާހީ ހަރަކާތަކަށް ގާނޫނީ ބޭފުޅުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

އެ ހަރަކާތް ފަށައި، އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޕެޓިޝަން ހުށަހެޅުއްވި 54 ވަކީލުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ޕެޓިޝަން ހުށަހެޅީ 56 ވަކީލުންނެވެ. އޭގެ ތެރޭގައި ޝަމީމު އާއި އަލީ ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. އެ ދެ ބޭފުޅުންނަކީ މީގެކުރިން ސަސްޕެންޑްކޮށްފައިވާ ދެ ވަކީލުންނެވެ.