ކުޅިވަރު

ނަފްރަތު ކުރާ ކްލަބަކަށް ލައިޕްޒިގް ވަނީ ކީއްވެ؟

ފުރިހަމަ ނަމަކީ ރާޒެން ބޯލް ސްޕޯޓްސް ލައިޕްޒިގް އެވެ. ނަމަވެސް އާމު ނަމަކީ ރެޑްބުލް ލައިޕްޒިގް އެވެ. ރެޑްބުލް ލައިޕްޒިގް ޓީމަކީ ޖަރުމަންގެ ސިޓީއެއް ކަމައްވާ ލައިޕްޒިގްއަށް ނިސްބަތްވާ ޓީމެކެވެ. އެޓީމަކީ 2009 ވަނަ އަހަރުގެ ފަހުން އިރުމަތީ ޖަރުމަންގެ ޓީމަކަށް ބަންޑަސްލީގާ ކުޅޭ ފުރަތަމަ ޓީމެވެ. މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. ވަރުގަދައަށް ޑިފެންސްކޮށްގެން ކުޅޭ ލައިޕްޒިގް އަކީ ނުރައްކާތެރި ކައުންޓާ އެޓޭކުތަކުގައި އިދިކޮޅު ޓީމުތަކުގެ ގޯލް ފޫއަޅުވާލާ ޓީމެކެވެ. ވަރުގަދަ އެކަޑަމީއެއް އޮތް ޓީމެކެވެ. އިރުމަތީ ޖަރުމަންގެ އެންމެ ފެންވަރު ރަނގަޅު، ޒަމާނީ ސްޓޭޑިއަމް އޮތް ޓީމެވެ. ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ ޓީމެކެވެ. ނަމަވެސް އެޓީމަކީ ޖަރުމަން އަދި ޔޫރަޕުގެ އެންމެ ގިނަ ބަޔަކު ނަފްރަތުކުރާ ޓީމެވެ. ސަބަބަކީ ރެޑް ބުލް ކުންފުންޏެވެ.

ދެހާސް ނުވަ ވަނަ އަހަރާ ހަމައަށް ލައިޕްޒިގް އޮތީ ޖަރުމަންގެ ފަސްވަނަ ޑިވިޝަންގައި ސްޕެއިލް އުންޑް ސްޕޯޓްވެރެއިން މާކްރެއިންސްޓެޑްގެ ނަމުގައެވެ. އެ އަހަރު އޮސްޓްރިއާގެ އެނާޖީ ޑްރިންކް ކުންފުނި ރެޑްބުލްއިން އެޓީމުގެ ފުޓުބޯޅަ ޓީމުގެ ލައިސެންސް ގަތެވެ. އެއައްފަހު ޓީމުގެ ނަން، ޖޯޒީ، އަދި ޓީމުގެ ލޯގޯވެސް ބަދަލުކޮށް ލައިޕްޒިގްއަށް 100 މިލިއަން ޔޫރޯގެ ބަޖެޓެއް ހަމަޖެއްސިއެވެ.

ޖަރުމަންގެ ފުޓުބޯޅަ ލީގުގެ ގަވާއިދު ބުނާ ގޮތުން ސްޕޮންސަރުންގެ ނަން ކްލަބްގެ ނަމުގެތެރެއަށް ނުލެވެ އެވެ. މިހެންވުމުން ރެޑްބުލްއިން ވަނީ ލައިޕްޒިގް ޓީމްގެ ނަމަކަށް ރާޒެންބޯލްސްޕޯޓްސް ލައިޕްޒިގް ކިޔާފަ އެވެ. ނަމަވެސް ލައިޕްޒިގް އަދި ރެޑްބުލްގެ މާކެޓިން ޓީމުން އަބަދުވެސް "ރާޒެން ބޯލް ސްޕޯޓްސް ލައިޕްޒިގް" ގެ ބަދަލުގައި ބޭނުން ކުރަމުން އަންނަނީ "އާރްބީ" ލައިޕްޒިގް އެވެ. އާރް އިން ރެޑް ރަމްޒުކުރާއިރު ބީ އިން ރަމްޒުކުރަނީ ބުލް އެވެ. ވަރަށް ފަސޭހަ ކަމާއެކު ރެޑް ބުލްއިން މިވަނީ ޖަރުމަން ފުޓުބޯޅަ ލީގުގެ ގާނޫނުގައިވާ ގަވާއިދެއްގެ ކުޑަ ބާގަނޑެއްގެ ފައިދާ ހޯދައި ސްޕޮންސަރެއްގެ ނަން ކްލަބްގެ ނަމުގެ ތެރެއަށް ގައްނުވާލާފަ އެވެ. މި ބަދަލުތަކާއެކު އެޓީމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުއެވެ.

ޖަރުމަންގެ ފުޓުބޯޅަ ލީގަކީ ޔޫރަޕްގެ ގިނި ލީގުތަކާ ވަރަށް ތަފާތު ގަވާއިދުތަކެއް އެކުލެވޭ ލީގެކެވެ. ގަވާއިދު ބުނާ ގޮތުން ވޯޓު ލުމުގެ މެޖޯރިޓީ ހިއްސާ އޮންނަ ވާނީ ކްލަބްތަކުގެ އަތުގައެވެ. އަދި ކްލަބްތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އިންވެސްޓްކޮށްފަވައިވާ އިންވެސްޓަރުންނަށް މެޖޯރިޓީ ހިއްސާ ކްލަބްތަކުގެ ބަދަލުގައި ގެންގުޅެވިދާނެ އެވެ. މިފަދަ ގަވާއިދެއްގެ ބޭނުމަކީ ކްލަބްތަކުގެ ބޭނުން ހިފާ އޯނަރުންގެ ކިބައިން ކްލަބްތަށް ސަލާމަތްކޮށް ސަޕޯޓަރުން ބާރުވެރި ކުރުވުމެވެ.

ޖަރުމަން ކްލަބް ބޮރޫޝިއާ ޑޯޓްމަންޑްގައި 139,000 މެންބަރުންނަށް ކްލަބްގެ ކަންކަމުގައި ބަސް ބުނެވޭނެ އެވެ. ޑޯޓްމަންޑްގެ އެންމެ އަގު ބޮޑު ހިއްސާ ވިއްކަނީ 62 ޔޫރޯއަށެވެ. ނަމަވެސް ލެއިޕްޒިގްގެ އެންމެ އަގުބޮޑު ހިއްސާ ކަމަށްވާ "ގޯލްޑް" 1،000 ޔޫރޯއަށް ވިއްކާއިރު މި ހިއްސާ އާއެކުވެސް ވޯޓު ލުމުގެ ހައްގު ނުލިބެ އެވެ. ލެއިޕްޒިގްގައި ވޯޓު ލެވޭ ހިއްސާ ދާރުންގެގޮތުގައި ތިބީ އެންމެ 17 މެންބަރުންނެވެ. މިފަދަ ގޮތަކަށް މިކަން މިވަނީ ސަޕޯޓަރުންނަށް އަތްނުފޯރާ ފަދަ ބޮޓެތި އަގުތަގެއްގައި ހިއްސާ ވިއްކާއިގެނެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ 17 މެންބަރުންގެ ތެރޭގައި މުޅިންވެސް ތިބީ ރެޑްބުލް ކުންފުނީގެ އިސްވެރިންނާއި އެ ކުންފުންޏާއި ގާތް ގުޅުމެއް ބާއްވަމުންދާ ވިޔަފާރިވެރިންނެވެ.

ލައިޕްޒިގްއިން ޖަރުމަންގެ ފުޓުބޯޅަ ގަވާއިދުތަކަށް އަމަލު ކުރާ ނަމަވެސް އެ ކްލަބުންވަނީ އެތައް ފަހަރެއްގެ މަތިން ގަވާއިދުތައް ޖޯކަކަށް ހަދާފައެވެ. އެ ކްލަބްއިން އަމަލު ކުރަމުން އަންނަނީ ރެޑްބުލް ހިތުހުރި ގޮތަކަށެވެ. ޖަރުމަން ފިޓުބޯޅައިގައި ސަޕޯޓަރުން ބާރުވެރި ކުރުވާ ސަގާފަތް ރެޑްބުލްއިން މިވަނީ ފުނޑުފުނޑުކޮށްލާފަ އެވެ. އަދި އެ ޓީމުން އަންނަނީ ބޮޑެތި އަގުތަކަށް ޖަރުމަންގެ ދަށްޑިވިޝަންތަކާއި ބަންޑަސްލީގާގެ ކުޅުންތެރިން ގެންނަމުންނެވެ. މީގެ އިތުރުން ރެޑްބުލްގެ އޮސްޓްރިއާގެ ޓީމް ރެޑްބުލް ސަލްސްބާގް އާއި ލައިޕްޒިގް އާއި ދެމެދު ކުޅުންތެރިން ލޯނު އެއްބަސްވުމުގެ ދަށުން ދެޓީމުގެ ދެމެދުގައި ބަދަލު ކުރުމާ ކުޑަ އަގެއް ދީގެން ދެޓީމުގެ މެދުގައި ކުޅުންތެރިން ވިއްކައި ހަދައެވެ. މިއީވެސް ޖަރުމަންގެ އެހެން ކްލަބްތަކުން އެޓީމާ މެދު ނަފަރަތުކުރާ ސަބަބެކެވެ.

ލައިޕްޒިގް އާއި އެހެން ޓީމުތަކާއި ދެމެދު އޮތް ނަފްރަތު އެންމެ ބޮޑަށް ފާޅުވެގެންދިއައީ 2015 ވަނަ އަހަރު ޖަރުމަން ދެވަނަ ޑިވިޝަން މެޗެއްގައި އެޓީމާއި ޔޫނިއަން ބާލިން އާއި ދެމެދު ކުޅުމު މެޗުގެ މެޗް ޑޭ ޕްރޮގްރާމްގައި އިދިކޮޅު ޓީމުގެ މައުލޫމާތު ހިމަނާ ސަފުހާގައި ޔޫނިއަން ބާލިންއިން މެޗް ޑޭ ޕްރޮގްރާމްގެ ޕްރޮޑިއުސަރުން ވަނީ ބުލް ފާމިންގެ ތާރީހާއި ބެހޭގޮތުން 700 ބަހުގެ ލިޔުންކޮޅެއް ހިމަނާފައެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ލައިޕްޒިން އިން މިހޯދާފައިވާ ކާމިޔާބީ ވެސް އެޓީމަށް އަމާޒުވާ ނަފްރަތުގެ ބޮޑު ހިއްސާއަކާށް ވެއެވެ. އެ ޓީމު ވެގެން ގޮސްފައިވަނީ 27 އަހަރު ދުވަހުގެ ތެރޭގައި އިރުމަތީ ޖަރުމަންއިން ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމެވެ. އަދި ޖެހިޖެހިގެން ފަސް ޕްރޮމޯޝަން ހޯދައި ޖަރުމަންގެ ބުންޑަސްލީގާއަށް ކޮލިފައިވި ފުރަތަމަ ޓީމަކީ ލެއިޕްޒިގް އެވެ. މީގެ އިތުރުން ޖަރުންގައި މިހާރުއޮތް އެންމެ ވަރުގަދަ އެކަޑެމީ އާއި ޒުވާން ޓީމުތަށް އޮތީ އެ ކްލަބްގެ އަތުގައެވެ.

ރެޑް ބުލްގެ ވެރިޔާ ޑީޓްރިހް މަޓަޝީޓް މިދިއަ އަހަރުގެ ތެރޭގައި ބުނެފައިވަނީ އޭނާއަށް 80 އަހަރު ވުމުގެ ކުރިން ޖަރުމަން ބުންޑަސްލީގާ ކާމިޔާބު ކުރުމަށް ބޭނުން ކަމަށެވެ. އަދި އެކަން ހާސިލް ކުރުމަށް ކޮންމެ ކަމަކަށް ތައްޔާރު ކަމަށް އޭނާ ބުނެފައިވެއެވެ. ބެޔާން މިއުނިކް އަދި ބޮރޫޝިއާ ޑޯޓްމަޑް ފަދަ ޖަރުމަންގެ ޒަމާންވީ ގަދަ ބާރުތައް ފަހަތަށް ޖައްސާލުމަށްފަހު ޖަރުމަން ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމު އައުމަށް ރެޑް ބުލް ލައިޕްޒިގް އިން ވަނީ ތައްޔާރުވެފަ އެވެ.