ދުނިޔެ

އުތުރުކޮރެއާއިން އަނެއްކާވެސް ޖަޕާނު މަތިން މިސައިލެއް އުދުއްސައިފި

އުތުރުކޮރެއާއިން އަނެއްކާވެސް ޖަޕާނު މަތިން މިސައިލެއް ފޮނުވާލައިފިއެވެ.

ދެކުނު ކޮރެއާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ މިފަހަރު ފޮނުވައިލީވެސް ބެލިސްޓިކް މިސައިލެއް ކަމަށާއި މިސައިލް ވެއްޓުނީ ޖަޕާނުގެ ހޮކައިޑޯ ޖަޒީރާގެ ކަނޑުގެ ސަރަހައްދަށް ކަމަށެވެ.

އުތުރުން ފޮނުވައިލި މިސައިލް 770 ކިލޯމީޓަރުގެ އުސްމިނަށް އެރުމަަށް ފަހު 3700 ކިލޯމީޓަރުގެ ދުރުމިނަށް އުދުހުނެވެ. މިއީ ޖަޕާނަށް ޖެއްސުން ކުރުމުގެ ގޮތުން ފަހަކަށް އައިސް އުތުރުން ހިންގި މިފަދަ ދެވަނަ އަމަލެވެ. ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އުތުރުކޮރެއާއިން ހިންގާ މިފަދަ ރުޅި އެރުވުމުގެ އަމަލުތަކަށް ޖަޕާނުން އަޅައި ނުލާ ދޫނުކުރާނެ ކަމަށެވެ.

" އުތުރުކޮރެއާއިން މިމަގުން ހިނގާ ނަމަ، އެގައުމަކަށް އުޖާލާ މުސްތަގުބަލެއް ނެތް،" އަބޭ ނެރުއްވި ބަަޔާނުގައި ވިދާޅުވެފައި ވެއެވެ.


އުތުރުކޮރެއާއާ ދެކޮޅަށް އދ.އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖެހުމަށް ފަހު މިސައިލެއް ޓެސްޓްކުރި މައްސަލައިގައި އެމެރިކާއިން ވެސް ވަނީ އެގައުމަށް ފާޑުކިޔާފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ވިދާޅުވީ އުތުރުކޮރެއާއިން ކުރި ޓެސްޓާ ގުޅިގެންް ޗައިނާއާއި ރަޝިޔާއިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އުތުރުކޮރެއާ ހުއްޓުވުމުގެ ޒިންމާ އެމެރިކާއިން އެ ދެގައުމުގެ ބޮލުގައި އަޅުވަނީ އުތުރުކޮރެއާއަށް ލުއި ދިނުމަށް މަސައްކަތް ކުރަނީ އެދެގައުމުން ކަމަށް ވާތީއެވެ. އދ.އިން އުތުރުކޮރެއާއާ ދެކޮޅަށް އެންމެ ފަހުން ފާސްކުރި ގަރާރުގައި އުތުރަށް ދިނުަމަށް އެމެރިކާއިން މަސައްކަތް ކުރި އަދަބު ލުއިކުރީ ޗައިނާއާއި ރަޝިޔާއިންނެވެ.

ނިއުކްލިއަ ޓެސްޓް ނުކުރުމަށާއި މިސައިލް ނޫފެއްދުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވައިލަމުންދާ ގޮވައިލުންތަކަށް އުތުރުކޮރެއާއިން ވަނީ ބީރު ކަންފަަތެއް ދީފައެވެ. އަދި އެގައުމުން ވަނީ ފަހަކަށް އައިސް ގިނަ މިސައިލްތަކެއް ޓެސްޓްކޮށްފައެވެ.