ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކްގެ އިންޓަނެޓު ބޭންކިން އަށް އާންމުން ހޭލުންތެރި ކުރަން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ. މި ހަރަކާތް ކުރިއަަށް ދަނީ "ގެޓް އޮންލައިން"ގެ ނަމުގަ އެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އިންޓަނެޓު ބޭންކިން އަށް ހޭލުންތެރި ކުރުވަން މުޅީރާއްޖޭގައި ހަރަކާތްތައް ހިންގަމުން ދާ ކަމަށެވެ. އެގޮތުން، ބީއެމްއެލްގެ ޑެސްކްތައް މާލެ އާއި އަތޮޅުތަކުގައި ބަހައްޓައިގެން އާންމުން އިންޓަނެޓް ބޭންކިންއަށް ސަބްސްކްރައިބް ކުރުމުގެ ހިދުމަތް ވަގުތުން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޭލުންތެރި ކުރުވުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ދާނެ. ބޭންކިންގެ ހިދުމަތް ނުދާ ރައްތަކަށް ވެސް ގޮސް އެކި ދުވަސްތަކަށް ބަހާލައިގެން މި ކުރިއަށް ގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ މި ހަރަކާތްތަކުގެ ތެރެއިން މިއަދު މާލޭ- ސްކެއާ (އަމީނީ މަގު) ގައި ހިލޭ އިންޓަނެޓު ބޭންކިން ހިދުމަތް ހޯދޭ ގޮތް ހަމަޖައްސާފަ އެވެ. އަދި އިއްޔެ ވެސް އާޓިފިޝަލް ބީޗްގައި އެފަދަ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. މި ކެމްޕޭންގެ ދަށުން އިންޓަނެޓް ބޭންކިން އަށް ގިނަ ކަސްޓަމަރުންތަކެއް އަންނަނީ ސަބްސްކްރައިބް ކުރަމުން އެވެ.
"ހިލޭ މި ހިދުމަތް ލިބޭނެ. ހަމައެކަނި އައިޑީ ކާޑު ހިފައިގެން ދިއުމުން ރަނގަޅުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ބީއެމްއެލް އިން ދަނީ އިންޓަނެޓު ބޭންކިން ހިދުމަތް ފުޅާ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މިފަހުން ބީއެމްއެލް އިން ވަނީ އިންޓަނެޓް ބޭންކިން ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް، އާ ކަންތައްތަކެއް ތައާރަފްކޮށްފަ އެވެ. އަދި މޯބައިލް އެޕް ތައާރަފްކޮށް އެ އެޕްމެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ބޭންކުން ވަނީ ތައާރަފްކޮށްފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބީއެމްއެލްގެ ހިދުމަތް ފުޅާކުރަން އެ ބޭންކުން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. އެގޮތުން ރަށްރަށުގައި ހުރި އެ ބޭންކްގެ ބްރާންޗްތަކާއި އޭޓީއެމްތައް ވަނީ އިތުރުކޮށްފަ އެވެ.