ރިޕޯޓް

އެއީ ރޯހިންޔާ މީހުންނާ ސީދާ ގުޅުން ހުރި ބަހުސެއް!

އދ. ގެ އާންމު މަޖިލީހުގެ 72 ވަނަ ސެޝަން ކުރިއަށް ދާއިރު އެ ސެޝަނުގައި އެޅި ފިޔަވަޅަކުން ސަރުކާރަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. ފާޑުކިއުން އަމާޒުވީ ސެޝަންގައި ބަހުސް ކުރުމަށް އޮސްޓްރޭލިއާއާއި ގާނާއިން ސްޕޮންސާކޮށް ހުށަހެޅި އައިޓަމެއް އެޖެންޑާގައި ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރި ނުވުމުންނެވެ. އެ ދެގައުމުން ހުށަހެޅީ ''ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިން، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ" ނުވަތަ އާރްޓޫޕީ އެޖެންޑާގައި ހިމެނުމަށެވެ.

އެ މައުލޫއު އެޖެންޑާގައި ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުންް ފާޑުކީ މީހުން ބުނީ އެއީ ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުތަށް ހިމާޔަތް ކުރުމަށް އަމަލީ ގޮތުން މަަސައްކަތް ކުރުމުގައި ސަރުކާރުން ފަސްޖެހުނު ޖެހުމެއް ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދިނުމަަށް ސަރުކާރުން ބުނީ އެއީ ރޯހިންޔާ މުސްލިމުންނާ ބެހޭ ގޮތުން ނެގުނު ވޯޓެއް ނޫން ކަަމަށެވެ. އަދި އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޯހިންޔާ މީހުންގެ ނަން ވެސް ހިމަނާފައި ނުވާ ކަމަށެވެ.

އެޖެންޑާގައި އާރްޓޫޕީ ހިމަނަން ހުށަހެޅީ ކީއްވެ؟

އދ. ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަނުގެ އެޖެންޑާގައި ސަޕްލިމެންޓްރީ އައިޓަމެއްގެ ގޮތުގައި އާރްޓޫޕީ ހިމަނަން ހުށަހެޅީ އޮސްޓްރޭލިއާއާއި ގާނާއިންނެވެ. އެ އައިޓަމް ހިމަނަން ހުށަހެޅުމަށް އެ ދެ ގައުމުން ސެކްރެޓަރީ ޖެނެރަލްއަށް އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ފޮނުވި ސިޓީގައި އެކަން ހުށަހެޅި ސަބަބު ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ.

ސަބެބެއް ކަމަށް ސިޓީގައި ބުނެފައި ވަނީ "ގަތުލު އާއްމުތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތައިލުމުގެ އަމަލުތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހުއްޓުވުމުގެ ބޭނުންތެރިކަން ކޮންމެ ދުވަހަކުމެ ހަނދާންކޮށްދޭ ކަމަށާއި އެކަންކަން ހުުއްޓުވުމުގެ މުހިއްމުކަން ބޮޑުވަމުން އަންނަ" ކަމަށެވެ.

ސަރުކާރުން ބުނެފައި އެވަނީ ތެދެކެވެ. އެ މައްސަލައިގައި ރޯހިންޔާ މީހުންގެ ވާހަކަ ހިމަނާފައެއް ނެތެވެ.

އަސްލުގައި އެމީހުންގެ ނަން އެ މައްސަލައިގައި ހިމަނާކަށް ނުވެސް ޖެހެއެވެ. ހިމެނި ނަމަ ވީހީ ވަރަށް ބޮޑު ބޭއިންސާފަކަށެވެ. މައްސަލައިގައި ބުނެފައިވާ ކުށްތައް ދުނިޔޭަގައި އޮތީ އެއަށް ވުރެ މާބޮޑަށް އާއްމުވެފަ އެވެ. އެފަދަ ޖަރީމާތައް ކޮންމެ ދުވަހަކު ވެސް ދަނީ ހިންގަމުންނެވެ. އެކަމުގެ ވޭން ތަހައްމަލު ކުރާ މީހުން އަދަދުގެ ގޮތުން ރޯހިންޔާއަށް ވުރެ މާ ގިނަ އެެހެން ގައުމުތައް ވެސް އެބަ ހުއްޓެވެ.

ލިސްޓެއް ހަދާ ނަމަ ފުރަތަމަ ވެސް ފަށަން ޖެހެނީ މެދުއިރުމަތިންނެވެ. އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނަށް ބަލާލިޔަސް ފެންނަން އޮތީ އެ މަންޒަރެވެ. އދ. ގެ ތިން އެޖެންސީއަކުން ގުޅިގެން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި އެ ގައުމުގައި ކާނާގެ ރައްކާތެރިކަން ނެތް މީހުންގެ އަދަދު މިހާރު ވަނީ 17.1 މިލިޔަނަށް އަރާފަ އެވެ. އެއީ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނެވެ.

ޔަމަނަށް އެހާލަތު ކުރިމަތިވީ ސުނާމީއެއް ނުވަތަ ތޫފާނެއް އަރައިގެނެއް ނޫނެވެ. ސައުދީން މަދަދުދޭ ސަރުކާރަކާ ދެކޮޅަށް ނުކުތް ބަޔަކު ވެރިކަން ފިރުކައި ގަތުމުން ސައުދީ އިސްވެ އޮވެ ފެށި ހަމަލާތަކުންނެވެ. އެ ހަމަލާތަކުގައި ޔަމަނުގެ ބަނދަރުތައް ބަންދުކޮށް، ކާނާއި ބޭސް އެތެރެ ކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.

ސޫރީޔާގެ ވާހަކަ ދެއްކުމެއް ނެތެވެ. އެ ގައުމުގެ ހަ އަހަރުވީ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ބައި މިލިޔަނަށް އަރާފައެވެ. ވެރިކަން ގަދަ ބާރުން ދަމަހައްްޓަން ސަރުކާރުން ނުކުރަނީ ކޮން ކަމެއް ހެއްޔެެވެ. ނުރައްކާތެރި ކެމިކަލް ހަތިޔާރުވެސް ދަނީ ތަކުރާރުކޮށް ބޭނުން ކުރަމުންނެވެ.

އިރާގުގެ ހާލަތު އޮތީ ވެސް އެފަދަ ގޮތަކަށެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) ބަލި ކުރުމުގެ ނަމުގައި އެމެެރިކާއިން އެޅި ބޮންތަކުން އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ޝަހަރު ކަމަށްވާ މޫސަލް ވަނީ ފަޅުވެފަ އެވެ. އެރަށުގެ ދެ މިލިޔަނެއްހާ މީހުން ތިބީ ފޭލިގެ ތަކުގައި ވަރަށް ހާލުގަ އެވެ. އެރަށުން ނުކުތް އާއްމުން ކޮންސެންޓްރޭޝަން ކޭމްޕްތަކަކަށް ލައި ލާއިންސާނީ އަނިޔާ ކުރުން އިރާގުން ގެންދަނީ ކުރިއަށެވެ.

އެޖެންޑާގައި އާރްޓޫޕީ ހިމެނުމުން ވާނީ ކޮން ކަމެއް؟

ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދޭން ސަރުކާރާ އެއްކޮޅު ބައެއް މީހުން ބުނެފައި ވަނީ އެ މައުލޫއު އެޖެންޑާގައި ހިމެނިޔަސް އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. ނަމަވެސް މައުލޫ ހިމަނަން ހުށަހެޅި ދެ ގައުމުން އޭގެ ނަތީޖާައަކަށް ވާނެ ކަމަށް ފާހަގަކޮށްފައި ވަނީ ވަރަށް މުހިއްމު ކަމެެކެވެ.

ފިޔަވަޅު އެޅުމުގައި ނާކާމިޔާބު، ފާޑުކިއުމުގައި އިންސާފެއް ނެތް އދ. ގައި އާއްމުކޮށް ކުރެވޭނެެ އެއް ކަމަކީ ބޭނުންވާ ކަންކަމާ އަޑު އުފުލުމެވެ. އެތަނުގެ ތަޅުމުގައި އަޑު އުފުލުމަކީ ވެސް ދެން ލައްކަ ބޮޑު ވަރެކެވެ. ހުށަަހެޅި ދެގައުމުން ބުނެފައި ވަނީ ވެސް އެވާހަކަ އެވެ. "އެޖަރީމާތައް ހުއްޓުވުމާ މެދު މެމްބަރު ގައުމުތަކަން ދެކޭ ގޮތް ރެކޯޑް ކުރުމަށް ފުރުސަތު ލިބޭނެ" ކަމަށެވެ.

"ޖެނެރަލް އެސެމްބްލީގައި ބަހުސް ކުރުމަކީ ހިމާޔަތް ކުރުމުގެ ޒިންމާ" އާ މެދު މެމްބަރު ގައުމުތަކުން ދެކޭ ގޮތް ރެކޯޑް ކުރަން ފުރުސަތު ލިބޭނެ ކަމެކެވެ. ގަތުލު އާއްމުތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތައިލުމުގެ އަމަލުތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހުއްޓުވުމުގެ ކަންތަކުގައި އެންމެން އެއްބަސްވާ ގޮތްތައް ހޯދުުމަށް އޭގެ ސަބަބުން މަގުފަހިވާނެއެވެ،" އެޖެންޑާގައި އާރްޓޫޕީ ހިމަނަން އެދި އޮސްޓްރޭލިއާ އާއި ގާނާއިން ސެކްރެޓަރީ ޖެނެރަލް އަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

އެހެންވިމާ ސަރުކާރުން އެބުނަކީ ތެދެކެވެ. އެ ބަހުސަކީ ރޯހިންޔާ މީހުންނާ ބެހޭ ބަހުސެއް ނޫނެވެ. އެކަމަކު އެއީ ރޯހިންޔާ މީހުންގެ އިތުރުން އެފަދަ އަނިޔާތައް ތަހައްމަލު ކުރަމުންދާ އެހެން އެތައް މިލިޔަން މީހުންނަކާ ވެސް ގުޅުން ހުރި ބަހުސެކެވެ.