ހަބަރު

އަނެއްކާވެސް މިފެނުނީ ހާރިޖީ ސިޔާސަތު ވިއްކާލާފައި އޮތްތަން: އިދިކޮޅު

އދ. ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަންގައި ބަހުސް ކުރުމަށް ސަޕްލިމެންޓްރީ އައިޓަމެއްގެ ގޮތުގައި އާރްޓޫޕީ ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން ދޭހަވަނީ ހާރިޖީ ސިޔާސަތު ވިއްކާލާފައިވާކަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބުދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭން އެގޮތަށް އަމަލުކުރީ ޗައިނާގެ ނުފޫޒުން ކަމަށް މާނަ ކުރެވިދާނެ ކަމަށެވެ.

" އަޅުގަނޑުމެންނަށް އަނެއްކާވެސް ފެނިގެން މިދިޔައީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މިވަނީ ދިވެހިިރާއްޖޭގެ އަތްމަތީގައި ނޫންކަން. ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މިވަނީ ބޭރުގައުމުތަކުން ބުނާ ގޮތެއް ހެދުމަށް ވިއްކާލެވިފައި ކަން، " ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިއްޔެ ނެގި ވޯޓުގައި ރާއްޖެއިން ބައިވެރި ނުވުމުން ދޭހަވަނީ ރާއްޖޭގެ މައްޗަށް ބޭރުގައުމުތަކުން ބަސްކިޔަމުންދާކަން ކަަމަށެވެ. އެއީ ދިވެހިން ލަދުވެތިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތް ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން ކުރާ މަސައްކަތަށް ވެސް ހުރަސް އެޅޭނެ ކަމަށެވެ.

" ... އެންމެ ކުޑަމިނުން އާއެކޭ ނުވަތަ ނޫނެކޭ ވެސް ބުނަން ނުކެރޭ ބަޔަކު ، އެހެން ގައުމަކުން ބަސްބުނީމާ އެގޮތަށް އެގައުމެެއްގެ ހާރިޖީ ސިޔާސަތު ކުޅޭ ކުޅޭހެން ގެންގުޅޭ ގައުމެއް އިންތިހާބުކޮށްފައި ސަލާމަތީ މަޖިލީހުގައި ބައިންދާނެ ކަމަކަށް ހަމަ ގައިމުވެސް ހަމަ ބުއްދިއަކުން ވިސްނައިލީމަކާ ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ބޭަބޭފުޅު މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވީ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުންދަ ދަނޑިވަޅެއްގައި ރާއްޖޭން ވޯޓުގައި ބައިވެރި ނުވުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއް ކަމަށެވެ.

"... އެއް ކަމަކަށް ، ބޭރުގައުމެއްގެ ނުފޫޒާ ހެދިތޯ ސަރުކާރުން މިގޮތަށް މިއަމަލު ކުރެއްވީ؟ އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިހާރު ގޮސްފައި އޮތް ހިސާބުން އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމެއް ނެތީތޯ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކާ މެދު އަޅުގަނޑުމެން ބަސްބުނަން؟" ޔުމްނާ ވިދާޅުވިއެވެ.

ބަޔާނުގައި ބުނެފައި ވަނީ "މިއަދު ނެގުނު ވޯޓަކީ ރޮހިންޔާ މުސްލިމުންނާއި ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޔާ މުސްލިމުންގެ ނަން ހިމަނާފައެއް ވެސް ނެތް" ކަމަށެވެ.

ވޯޓުގައި ބައިވެރިނުވުމުން ކުރިމަތިވީ ފާޑުކިއުންތަކަށް ރައްދު ދިނުމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާރްޓޫޕީ ގެ ނަމުގައި ފިޔަވަޅު އެޅުމަށް އދ. ގައި ނަގާ ވޯޓްތަކުގައި ބައިވެރިވެރި ނުވާން ކުރިން ވެސް ނިންމާފައިވާ ކަަމަށެވެ. އެ ގޮތުން ނަގާ ވޯޓުތަކުގައި ބައިވެރި ނުވާން ނިންމި ސަބަބެއް ކަަމަށް ބުނެފައި ވަނީ އާރް.ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާހިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުސަތު ދެވޭ ކަމަށް ރާއްޖޭން ގަބޫލު ކުރުމެވެ.

" 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައެވެ،" ބަޔާނުގައި ވެއެވެ.

އދ.ގެ 72 ވަނަ ސެޝަނުގެ އެޖެންޑާގައި ހިމަނަން އޮސްޓްރޭލިއާއާއި ގާނާއިން ހުށަހެޅި ''ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ" އަކީ ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް ޓަކައި ހުށަހެޅި ކަމަކަށް ނުވިޔަސް އެއީ އެމީހުންގެ ހާލަތާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މިޔަންމާއަށް ފާޑުކިއުމަށް މަގުފަހިވާނެ ހުށަހެޅުމެކެވެ. އެ އައިޓަމް ހިމަނަން ހުށަހެޅީ މިޔަންމާގައި ހިންގަމުންދާ ޖަރީމާތައް މިފަހަރު ހައްދު ފަހަނަ އަޅައި ދިޔަ ހާދިސާ ހިނގުމުގެ ކުރިން ކަމަށް ވިޔަސް އެކަން އެޖެންޑާ ކުރަން ފެނޭތޯ ވޯޓަށް އެހީ އެޖަރީމާތައް ވަރަށް މައްޗަށް ދިޔަ ފަހުންނެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގައެވެ