ކުޅިވަރު

ރޮއީ ހޮޑްސަންގެ ފުރަތަމަ މެެޗުގައި ކްރިސްޓަލް ޕެލެސް ބަލިވެއްޖެ

އަމިއްލަ ދަނޑުގައި 0-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން އަތުން ބަލިވެ ކްރިސްޓަލް ޕެލެސް ރެކޯޑު ފޮތުން ޖާގަހޯދައިފިއެވެ. މިރޭގެ މެޗުން ބަލިވުމާއެކު ކްރިސްޓަލް ޕެލެސް ވެގެން ގޮސްފައިމިވަނީ އިންގިރޭސި ފުރަތަމަ ޑިވިޝަންގެ ތާރީހުގައިވެސް ފުރަތަމަ ފަސް މެޗުން ބަލިވެ އެންމެ ގޯލެއް ވެސް ކާމިޔާބުކުރެވިފައި ނުވާ ފުރަތަމަ ޓީމަށެވެ.

މެޗުގެ ހަމައެކި ގޯލް ފެނިގެންދިޔައީ މެޗުގެ 6 ވަނަ މިނިޓުގައެވެ. މި ގޯލްގައި ކްރިސްޓަލް ޕެލެސްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ޑިފެންސެކެވެ. މި ގޯލް ސައުތުހެމްތަންއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސްޓީވަން ޑޭވިސްއެވެ. މިގޯލް އޭނާ ކާމިޔާބުކުރީ އަރިމަތިން ޑުސާ ޓަޑިޗް ނަގައިދިން ހުރަހަކުން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ކްރިސްޓަލް ޕެލެސްއަށް ލަނޑެއް ކާމިޔާބުކުރަން ދެހާފުގައި ދެފުރުސަތު ލިބުނެވެ. ނަމަވެސް ސައުތުހެމްޓަންގެ ކީޕަރު ފްރެއިސާ ފޯސްޓާ ވަނީ މިދެހަމަލާވެސް ދިފާއުކޮށްފައެވެ. އަދި މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައުގެން ކުޅެން ފުރުސަތުދީފައެވެ.

ކްރިސްޓަލް ޕެލެސް ވެގެން ގޮސްފައިވަނީ 2006-2005 ވަނަ އަހަރުގެ ސީޒަންގައި ނިއުކާސަލްއަށްފަހު ފުރަތަމަ ފަސް މެޗުގައި ގޯލްއެއް ކާމިޔާބުކުރެވިފައި ނުވާ ފުރަތަމަ ޓީމަށެވެ. ނިއެކާސަލްއަށް 438 މިނިޓުން ގޯލެއް ކާމިޔާބުކުރެވުނު އިރު 450 މިނިޓު ކުޅެގެން ކްރިސްޓަލް ޕެލެސްއަށް ގޯލެއް ނުޖެހެއެވެ.

ތާވަލުގެ 20 ވަނައިގައި ޕޮއިންޓެއް ނުލިބި ލަނޑެއް ކާމިޔާބުނުކުރެވި ޕެލެސް އޮތްއިރު ސައުތުހެމްޓަން އޮތީ 8 ޕޮއިންޓާއެކު 5 ވަނަ މަގާމުގައެވެ. ނަމަވެސް މިރޭ ކުޅޭ އެހެން މެޗުގެ ނަތީޖަތަށް ނިކުންނަ ގޮތަކުން ސައުތުހެމްޓަން 5 ވަނަ މަގާމު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރޭ ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ބޯންމަތު އިންވަނީ ބްރައިޓަންގެ މައްޗަށް 1-2 ކުރިހޯދާފައެވެ. މިއީ ބޯންމަތުވެސް ޕްރިމިއާ ލިގުގައި މިސީޒަންގައި ހޯދި ފުރަތަމަ މޮޅެވެ. އެޓީމު އޮތީ 19 ވަނަ މަގާމުގައި 3 ޕޮއިންޓާއެކިއެވެ. ބްރައިޓަން އޮތީ 14 ވަނަ މަގާމުގައި 4 ޕޮއިންޓާއެކއެވެ.