ދުނިޔެ

ރޯހިންޔާ މީހުން ބަންގްލަދޭޝްގެ އެތެރޭގައި ދަތުރުކުރުން މަނާކޮށްފި

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގާ ޖަރީމާތަކާ ހެދި އެގައުމު ދޫކޮށްދާ މީހުން ބަންގްލަދޭޝްއަށް އެތެރެވާން ހުއްދަ ދިނަސް އެގައުމުގެ އެކި ހިސާބުތަކަކަށް އެމީހުން ދަތުރުކުރުން ބަންގްލަދޭޝް ސަރުކާރުން މަނާކޮށްފިއެވެ.

ބީބީސީ ބުނީ ބަންްގްލަދޭޝްގެ ކޮކްސް ބާޒާރާޒުގައި ރޯހިންޔާ މީހުންނަށް ހާއްސަކޮށްފައިވާ ކޭމްޕުން ބޭރަށް އެމީހުން ނުކުތުން އެގައުމުގެ ފުލުހުން މަނާކޮށްފައިވާ ކަމަށެވެ. ބަންގްލަދޭޝް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޯހިންޔާ މީހުން އެމީހުންނަށް ހާއްސަކޮށްފައިވާ ތަންތަން ނޫން އެހެން ތަނަކަށް ދިއުމަށް ދޫނުކުރާނެ ކަމަށާއި އާއިލާގެ މެމްބަރެެއް ނުވަތަ އެކުވެރިއެއްގެ ގާތުގައި ދިރިއުޅުމަށް ވެސް އެހެން ތަނަކަށް ނުދެވޭނެ ކަމަށެވެ.

ރޯހިންޔާ މީހުން އުފުލުމަކީ މަނާކަމެއްކަން ބަންގްލަދޭޝްގެ ޑްރައިވަރުންނަށް އަންގާފައި ވާއިރު ގެދޮރުވެރިންނަށް އަންގާފައި ވަނީ އެމީހުންނަށް ތަނެއް ކުއްޔަށް ވެސް ނުދިނުމަށެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ބަންގްލަދޭޝް ސަރުކާރުން އެފިޔަވަޅު އެޅީ ރޯހިންޔާ މީހުން އަނބުރައި މިޔަންމާއަށް ނުވަތަ އެހެން ގައުމަކަށް ނަމަވެސް ބޭރުކޮށްލެވެންދެން ފަސޭހައިން ފެންނަ ހިސާބުގައި ބޭތިއްބުމަށެވެ. އަދި ބަންގްލަދޭޝްގެ އާބާދީއާ އެމީހުން އެކުވިޔަ ނުދިނުމެވެ.

ރޯހިންޔާ މީހުން ބަންގްލަދޭޝްގައި އާބާދު ވިޔަ ނުދޭން އެގައުމުން އުޅޭ އިރު އެމީހުންގެ އަސްލަކީ ވެސް ބަންގްލަދޭޝްއެވެ. މިހާރު ތިބި ރޯހިންޔާ މީހުންނަކީ އިންޑިއާގައި ކުރިން އޮތް މޫޣަލް އެމްޕަޔަރުގެ ދުވަސްވަރު މިހާރުގެ ބަންގްލަދޭޝް ސަރަހައްދުން މިޔަންމާއަށް ހިޖުރަކުރި މީހުންގެ ދަރިފަސްކޮޅެވެ.


ރޯހިންޔާ މީހުން ބަންގްލަދޭޝް ތެރެއަށް ފެތުރިގަތުން މަނާކުރުމަށް ފަހު އެގައުމުން ބުނީ ގާތްގަނޑަކަށް 400000 މީހުންނަށް ދިރިއުޅެވޭ ވަރުގެ ބޯހިޔާވަހިކަން އެމީހުންނަށް ޓަކައި ބިނާކުރާނެ ކަމަށެވެ. އެގޮތުން ބިނާ ކުރާ ހިޔާވަހިތަކާއި އެކު 8500 ފާހާނާއާއި މުދާ ރައްކާކުރާނެ 14 ގުދަންވެސް ބިނާކުރާނެ ކަމަށް ބަންގްލަދޭޝް އިން ވަނީ ބުނެފައެވެ. ހިޔާވަހިތައް 10 ދުވަހުގެ ތެރޭގައި ބިނާކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގައެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެގައުމުގެ ސިފައިންް ހިންގަމުންދާ ޖަރީމާތައް އދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި ސަލާމަތީ މަޖިލީހުން ވަނީ ކުށްވެރިކޮށްފައެވެ. ނަަމަވެސް އެކަމުގައި މިޔަންމާ ސަރުކާރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.


ނަސްލު ނައްތައިލުމުގެ ބޮޑު ކެމްޕޭނެއް މިޔަންމާގައި ކުރިއަށް ގެންދާތާ 30 އަށް ވުރެ ގިނަ އަހަރު ވީ އިރު ފިޔަވަޅެއް ނޭޅިޔަސް އެހެން ބައެއް ގައުމުތަކުގައި ހިނގި އެފަދަ ކަންތައްތައް އދ. އިން ހުއްޓުވާފައި ވަނީ ބާރުގެ ބޭނުންކޮށްގެނެވެ. އެގޮތުން އިންޑޮނޭޝިއާގެ ދަށުގައި ކުރިން އޮތް އީސްޓް ޓީމޯރު( މިހާރު ޓީމޯރް ލެސްތޭ) ގައި އިންޑޮނޭޝިއާ ސިފައިން ހިންގި ޖަރީމާތައް ހުއްޓުވަން އދ. އިން އެތަނަށް ސިފައިން ވެސް ފޮނުވިއެވެ. އަދި އެ ސަރަހައްދުގައި އިންޑޮނޭޝިއާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް 1999 ވަނަ އަހަރު މިނިވަން ވަކި ދައުލަތެއް ވެސް ހަދައިދިނީ އދ. އިންނެވެ