ދުނިޔެ

ހަރިކޭން ހޯސޭ ވެސް އެމެރިކާއާ ދިމާލަށް

އެއް ފަހަރު ހަރިކޭން އެއްގެ ގޮތުގައި އަނެއް ފަހަރު ޓްރޮޕިކަލް ސްޓޯމެއްގެ ގޮތުގައި އެޓްލާންޓިކް ކަނޑުގައި އެނބުރޭތާ ދުވަސްތަކެއް ވެފައިވާ ތޫފާން ހޯސޭ ވެސް އެމެރިކާއާ ގާތަށް ޖެހިދާނެ ކަމަށް މޫސުން ދިރާސާކުރާ މާހިރުން ބުނެފިއެވެ.

ތޫފާން ހޯސޭއަށް ވާނުވާ ބަލަމުން އަންނަ އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރު ( އެންއެޗްސީ) އިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ހޯސޭ މިހާރު ހުރީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އިރުމަތިން، ބާމިއުޑާގެ ހުޅަނގު ދެކުނުން އެޓްލާންޓިކް ކަނޑު ތެރޭގައެވެ. އެންއެޗްސީން ފާހަގަކޮށްފައިވާ ގޮތުގައި އެތޫފާން މިހާރު ދަނީ ވަރަށް ބޮޑަށް އުތުރަށް އެނބުރެމުންނެވެ. އަދި ދެން ދަތުރުކުރާނީ އެމަގުން ކަމަށް ވާތީ އެމެެރިކާގެ އިރު އުތުރުގެ ހަ ސްޓޭޓެއް ހިމެނޭ ' ނިއު އިންގްލޭންޑް' ނަމަކަށް ކިޔާ ސަރަހައްދާ ދިމާލަށް އުތުރަށް ކަަމަށް އެ ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

ނަމަވެސް އެ ސަރަހައްދަށް ދިއުމުގެ ކުރިން ތޫފާނުގެ ބާރު ދަށްވެ، އަނެއްކާވެސް ޓްރޮޕިކަލް ސްޓޯމަކަށް ބަދަލުވުމަކީ ވެދާނެ ކަމެއް ކަމަށް ވެސް އެސެންޓަރުން ބުނެއެވެ.

ހޯސޭ މިހާރު ހުރީ ކެޓަގަރީ އެކެއްގައެވެ. އެ ތޫފާނުގެ ވައިގެ ބާރުމިން ހުރީ ގަޑިއަކު 70 މޭލާ 80 މޭލާ ދެމެދުގައެވެ.

ހަރިކޭން ހޯސޭ އެމެރިކާއާ ދިމާލަށް އެނބުރެމުން ދާއިރު އެޓްލާންޓިކް ކަނޑުގައި މިހާރު ވަނީ އިތުރު ދެ ޓްރޮޕިކަލް ސްޓޯމް އުފެދިފައެވެ. އެއީ ޓްރޮޕިކަލް ސްޓޯމް މާރިއާ އާއި ޓްރޮޕިކަލް ސްޓޯމް ލީ އެވެ. ޓްރޮޕިކަލް ސްޓޯމް ލީގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނެެއްގައި ވައި ޖެހެމުން ދާއިރު ލީގެ ވައި އަދި ހުރީ 35 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އެމެރިކާއަށް ދާދި ފަހުން އެރި ދެ ތޫފާން ކަމަށްވާ ތޫގާން ހާވީ އާއި އަރމާގެ ސަބަބުން 100 އެއްހާ މީހުން މަރުވެ، 200 ބިލިޔަން ޑޮލަރުގެ ގެއްލުން ލިބުނެވެ.