ދިވެހި ސިނަމާ

މި މަހުގެ 27 ގައި: "ނޭދެން ވަކިވާކަށް"

މި އަހަރަކީ އޮލިމްޕަސް ބިޒީ އަހަރެކެވެ. އަހަރު ފެށުނީއްސުރެން ގާތްގަނޑަކަށްހެން އޮލިމްޕަސް އޮތީ އެއްކޮށް ފުލް ވެފަ އެވެ. އާ ފިލްމެއް ނާޅުވާ ދުވަސްވަރެއް މަދެވެ. އަހަރުގެ ހަ ވަނަ ފިލްމުގެ ގޮތުގައި ފިލްމު "ހައްދު" އަޅުވާފައިވާއިރު ހަތް ވަނަ ފިލްމަކަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މި އަހަރުގެ ހަތް ވަނަ ފިލްމެއްގެ ގޮތުގައި އަޅުވަން ތައްޔާރުވެފައިވަނީ ފިލްމު "ނޭދެން ވަކިވާކަށް" އެވެ. މި މަހުގެ 27 ވަނަ ދުވަހު އެ ފިލްމް ރިލީޒްކޮށް އޮލިމްޕަހުގައި ދައްކަން ފަށާނެ އެވެ. އެ ފިލްމަކީ މަހުދީ އަހްމަދުގެ ސްކްރީން ޕްލޭ އަކަށް ހަދާފައިވާ ލޯބީގެ ފިލްމެކެވެ.

ފިލްމާ ބެހޭގޮތުން ފިލްމުގެ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުނީ މި ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ އަދި އަހަރުގެ އެންމެ އުންމީދީ ފިލްމަށް ވެގެންދާނެ ކަމަށެވެ.

"ނޭދެން ވަކިވާކަށް" ފިލްމުގައި ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަހްމަދު ސައީދު އާއި ފާތިފަތު އާޒިފާ، އާރިފާ އިބްރާހިމް އަދި ޖާދުﷲ އިސްމާއީލެވެ. މިއީ ޖާދުގެ ފުރަތަމަ ފިލްމެވެ. އަހުމަދު އަޒްމީލް (އަޒޭ) އާއި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އިބްރާހީމް ރިޔާޒް ވެސް ފިލްމުގައި ހިމެނެ އެވެ.

ފިލްމުގެ ހަތަރު ލަވަ ހިމެނޭއިރު ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާ އާއި ރާފިޔަތު ރަމީޒާ އަދި މުމްތާޒް މޫސާ އެވެ. އެ ހަތަރު ލަވަޔަކީ ވެސް ކޮޕީ ލަވަ އެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ އަދި އއ. ތޮއްޑޫގަ އެވެ. ފިލްމުގެ ދެ ޓްރެއިލާ މިހާރުވަނީ ރިލީޒްކޮށްފަ އެވެ.

މާއެނބޫ ބުނީ ފިލްމުގެ ޕްރިމިއާގައި ބޭރުގެ ފަންނާނުންތަކެއްވެސް ބައިވެރިވާނެ ކަމަށާއި ނަމަވެސް އެއީ ކޮން ތަރިންނެއްކަން ފައިނަލް ނުވާ ކަމަށެވެ. "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ. ޕްރިމިއާ ޝޯގެ ޓިކެޓެއް 200 ރުފިޔާއަށް އަދި އެހެނިހެން ޝޯތަކުން 100 ރުފިޔާއަށެވެ.