މެޗު އެއްވަރު ވެގެން ނިމެން ދަނިކޮށް، ފަހު ވަގުތު ޕައުލީނިއޯ ކާމިޔާބު ކުރި ލަނޑުން ގެޓަފޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ބާސާއިން ލީގްގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.
މެޗުގެ ފުރަތަމަ ލީޑް ނެގީ، ގެޓަފޭއިން ނެވެ. މެޗުގެ 39 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ، މިދިޔަ އަހަރު ކުލަބު ވޯލްޑް ކަޕްގެ ފައިނަލުގައި، ޖަޕާނުގެ ކަށިމާ އެންޓަލާސްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ގަކޫ ޝިބަސަކީ އެވެ.
މެޗުގެ 62 ވަނަ މިނެޓްގައި ސާޖީ ރޮބާޓޯ ތަނަވަސް ކޮށް ދިން ފުރުސަތަކުން ބާސާއަށް ނަތީޖާ ހަމަހަމަ ކޯށްދިނީ ޑެނިސް ސުއަރޭޒް އެވެ. މެޗުގެ 84 ވަނަ މިނެޓްގައި ބާސާ މޮޅު ކޮށް ދިން ލަނޑު ޕައުލީނިއޯ ކާމިޔާބު ކުރީ، 84 ވަނަ މިނެޓްގައި ލިއޮނަލް މެސީ ތަނަވަސް ކޯށްދިން ފުރުސަތަކުން ނެވެ.
ޕައުލީނިއޯ އަކީ، ނިމިގެން ދިޔަ ޓްރާންސްފާ ޕީރިއަޑްގައި، ޗައިނާގެ ސްޕަ ލީގްގެ ގްއަންގުޒޫ އެވަންގްރެންޑޭއިން ނެވެ. ބާސާއާ ގުޅުނު ކުޅުންތެރިޔެކެވެ. އޭނާ އަކީ ބާސާ އަށް ގެންނަން އެ ޓީމުގެ ޓްރާންސްފާ ލިސްޓްގައި ހިމެނުނު ކުޅުންތެރިޔެއް ނޫނެވެ. އޭނާ ބާސާ އަށް ގެނައީ، އެ ޓީމުން ގެންނަން މަސައްކަތް ކުރި ލިވަޕޫލްގެ ފިލިޕޭ ކުޓީނިއޯ ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ނެވެ.
"އަހަރެންގެ އެންމެ ރަނގަޅު ކެރެކްޓާ އަކީ ދުރު ޕޮޒިޝަންގައި ދުވެފައި ދިއުން އީވާން ރެކިޓިޗް ގޮތަށް، އަދި މެސީ ދިނީ އަހަންނަށް ވަރަށް ހިތްގައިމު ޕާހެއް." މެޗަށް ފަހު ވާހަކަ ދައްކަމުން ޕައުލީނިއޯ ބުންޏެވެ. "މެޗުގެ ހާލަތު ދިޔައީ ވަރަށް އުނދަގޫ ކޮށް، އަހަރެމެންނަށް އެނގޭ އަހަރެމެން ތިން ޕޮއިންޓް ގެންނަން ޖެހޭނެ ކަން އެހެންވެ އަހަރެމެން މެޗު ނިންމާފަ އެހާ ބޮޑަށް އުފާ ފާޅު ކުރީ."
ރެޔަކީ އެތުލެޓިކޯ އަށް ތާރީހީ ރެޔެކެވެ. އެ ޓީމުގެ އާ ސްޓޭޑިއަމް ކަމަށްވާ ވޮންޑާ މެޓްރޯޕޮލިޓްނޯގައި އެޓީމުގެ ފުރަތަމަ މެޗު ކުޅުނު ދުވަހެވެ. ސްޓޭޑިއަމް ރަސްމީ ކޮށް ހުޅުވި މެޗު މަލަގާއާ ދެކޮޅަށް އެތުލެޓިކޯ ކާމިޔާބު ކުރީ 1-0 ން ނެވެ.
އާ ސްޓޭޑިއަމްގައި ފުރަތަމަ ގޯލް ކާމިޔާބު ކުރީ އެންޓޯން ގްރީޒްމަން އެވެ. އެންހަލް ކޮރެއާ ތަނަވަސް ކޯށްދިން ފުރުސަތަކުން ތާރީހީ ލަނޑު ގްރީޒްމަން ކާމިޔާބު ކުރީ މެޗުގެ 61 ވަނަ މިނެޓްގަ އެވެ. މެޗަށް ފަހު ގްރީޒްމަން ބުނީ އޭނާ މިހާތަނަށް ކުޅުނު އެންމެ ފުރިހަމަ ސްޓޭޑިއަމްއަކީ ވޮންޑާ މެޓްރޯޕޮލިޓްނޯ ކަމަށެވެ.
"ހަގީގަތަކީ އަހަރެން ކުޅުނު އެންމެ ހިތްހަމަޖެހޭ ސްޓޭޑިއަމްއަކީ މި ސްޓޭޑިއަމް، އެއީ އަހަރެމެންގެ ހޯމް ދަނޑު ވެގެނެއް ނޫން." ގްރީޒްމަން ބުންޏެވެ.
ރޭގެ މެޗަކީ ސަސްޕެންޝަނަށް ފަހު ސްޕެނިޝް ލީގްގައި ގްރީޒްމަން ކުޅުނު ފުރަތަމަ މެޗެވެ. ލީގް ފުރަތަމަ މެޗުގައި، މުޅިން އަލަށް ސްޕެނިޝް ލީގްގައި ވާދަ ކުރާ ޖިރޯނާ އަތުން 2-2 ން އެއްވަރުވި މެޗުގައި ރެފްރީއަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން ވާހަކަ ދެއްކުމުން ސްޕެއިންގެ އެފްއޭއިން ގްރީޒްމަން ދެ މެޗަށް ސަސްޕެންޑް ކުރި އެވެ.