ކުޅިވަރު

ޔުނައިޓެޑަށް ނޫނެކޭ ބުނެ ޗެލްސީއާ ގުޅުނީ ކޮންޓޭ ހުރުމުން

Sep 17, 2017
1

މެންޗެސްޓާ ޔުނައިޓަޑްގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަށް ފަހު ވާދަވެރި ޗެލްސީއާ ގުޅުނީ އެޓީމުގައި ކޯޗް އެންޓޯނިއޯ ކޮންޓޭ ހުރުމުން ކަމަށް، ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާ ބުނެފި އެވެ.

މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅުނު ފޯވަޑް ގެންދަން، އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅު ކުރީ، ޔުނައިޓަޑުން ނެވެ. މޮރާޓާ ބުނީ، އޭނާއަށް ޔުނައިޓަޑްގެ އިތުރުން ބައެއް އެހެން ކުލަބުތަކުންވެސް ހުށަހެޅުން އައިސްފައި ހުރި ކަމަށެވެ. ޔުނައިޓަޑުން ވެސް އޭނާ ބޭނުން ވެގެން ހުށަހެޅި އެވެ. ނަމަވެސް 70 މިލިއަން ޕައުންޑްގެ ޓްރާންސްފާގެ އަގަކަށް އޭނާ ބަދަލުވީ ޗެލްސީ އެވެ.

ޗެލްސީގެ ރާޑަރުގައި ފުރަތަމަ މޮރާޓާއެއް ނެތެވެ. އެ ޓީމުން މަސައްކަތް ކުރީ، ކުރިން އެ ޓީމަށް ކުޅުނު އެވަޓަންގެ ފޯވަޑް ބެލްޖިއަމްގެ ރޮމެޔޫ ލުކާކޫ ގެނައުމަށެވެ. ނަމަވެސް، ޗެލްސީއަށް ފުރުސަތެއް ނުދީ، ލުކާކޫ ގެންދިޔައީ ޔުނައިޓަޑުން ނެވެ. ޗެލްސީގެ އަމާޒު މޮރާޓާއަށް އަނބުރާލީ ލުކާކޫ ނުލިބުމުން ނެވެ. މޮރާޓާވެސް ބުނީ ޓްރާންސްފާ ޕީރިއަޑް ފެށުނު އިރު، ޗެލްސީން އޭނާ އަށް ޝައުގުވެރިވާ ކަމެއް އޮތް ކަން އެނގިފައި ނެތް ކަމަށެވެ.

"އަހަރެން ހީކުރީ އެމީހުން [ޗެލްސީން] ޝައުގު ވެރި ވަނީ ތަފާތު ކުޅުންތެރިޔަކަށޭ ފަހަރެއްގައި ލުކާކޫ ނުވަތަ އެހެން ކުޅުންތެރިޔަކަށޭ، އަހަރެން ހީއެއް ނުކުރަން ޗެލްސީގެ އޮޕްޝަންތައް އިތުރަށް ހުޅުވިގެން ދާނެ ކަމަކަށް." މޮރާޓާ24 ބުންޏެވެ. އޭނާ ބުނީ މެންޗެސްޓާ ޔުނައިޓަޑްގެ އިތުރުން ބައެއް އެހެން ލީގް ތަކުގެ ޓީމުތަކުން ވެސް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

"އެންމެ މުހިންމު އަދި އެންމެ ރަނގަޅު މުއާމަލާތްތަކެއް އަހަރެން ކުރީ ކޮންޓޭއާ އެކު، އޭނާ ބޭނުންވި އަހަރެން މިތަނަށް [ޗެލްސީ އަށް] އަންނަން. މޮރާޓާ ބުންޏެވެ. "އަހަންނަށް އިހްސާސް ކުރެވުނު އަހަރެން ކޮންޓޭއަށް އަދާ ކުރަން ޖެހޭ ދަރަންޏެއް އޮތް ކަމަށް، އެއީ އަހަރެން ޔުވެންޓަސް އަށްވެސް ސޮއި ކުރުވީ އޭނާ ނަމަވެސް އަހަރެން އައި ފަހުން އޭނާ ވަރަށް އަވަހަށް ޔުވެންޓަސް ދޫކޮށް ލައިފި އިޓަލީގެ ގައުމީ ޓީމާ ހަވާލުވާން، އޭގެ ފަހުން އަހަރެން ވަރަށް ބޭނުންވި އޭނަ އަށް ޓަކައި ކުޅުވަން."

ރެއާލް މެޑްރިޑުން ސީނިއާ ކެރިއާ ފެށި، މޮރާޓާ ވަނީ ޗެލްސީ އަށް ބަދަލުވެ މިހާތަނަށް މި ސީޒަންގެ ހަތަރު މެޗުގައި ތިން ލަނޑު ޖަހާފަ އެވެ. ޕްރިމިއާ ލީގްގައި، މިއަދު އެ ޓީމު ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.