ދުނިޔެ

ރޯހިންޔާ މައްސަލަ މިހާރު ހައްލު ނުކުރިއްޔާ ދެން ހައްލެއް ނުވާނެ: އދ

މިޔަންމާގައި ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމުގެ ފުރުސަތު އެގައުމުގެ ލީޑަރު އަން ސަން ސޫޗީއަށް އެބަ އޮތް ކަމަށާއި އެކަން މިހާރު ނުހުއްޓުވައިފި ނަމަ ދެން ހުއްޓުވޭނެ ގޮތެއް ފެންނަން ނެތް ކަަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ގުޓަރެސް ވިދާޅުވެފައި ވަނީ ރޯހިންޔާ މީހުންނަށް ލިބެމުންދާ އަނިޔާ ހުއްޓުވަން ސޫޗީ މިހާރު ފިޔަވަޅު ނާޅައިފި ނަމަ މައްސަލަ ވަރަށް ބިރުވެރި ހިސާބަކަށް ދާނެ ކަމަށެވެ.

ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގަމުންދާ އަމަލުތަކަކީ ނަސްލު ސާފު ކުރުމުގެ އަމަލެއްް ކަމަށް އދ. އިން ކުރިން ވަނީ ބުނެފައެވެ.

" އޭނާ ( ސޫޗީ) މިހާރު ހާލަތު ބަދަލު ނުކޮށްފި ނަމަ، އަަހަރެންނަށް ހީވަނީ މުސީބާތް ވަރަށް ބިރުވެރި ހާލަތަކަށް ދާނެހެން. ނަސީބު ދެރަކަމުން ، އަޅުގަނޑަކަށް ނުފެނޭ މުސްތަކުބަލުގައި މިހާލަތު ބަދަލުކުރެވޭނެ ގޮތެއް،" ގުޓަރެސް ވިދާޅުވެފައި ވެއެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގައެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެގައުމުގެ ސިފައިންް ހިންގަމުންދާ ޖަރީމާތައް އދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި ސަލާމަތީ މަޖިލީހުން ވަނީ ކުށްވެރިކޮށްފައެވެ. ނަަމަވެސް އެކަމުގައި މިޔަންމާ ސަރުކާރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.


ނަސްލު ނައްތައިލުމުގެ ބޮޑު ކެމްޕޭނެއް މިޔަންމާގައި ކުރިއަށް ގެންދާތާ 30 އަށް ވުރެ ގިނަ އަހަރު ވީ އިރު ފިޔަވަޅެއް ނޭޅިޔަސް އެހެން ބައެއް ގައުމުތަކުގައި ހިނގި އެފަދަ ކަންތައްތައް އދ. އިން ހުއްޓުވާފައި ވަނީ ބާރުގެ ބޭނުންކޮށްގެނެވެ. އެގޮތުން އިންޑޮނޭޝިއާގެ ދަށުގައި ކުރިން އޮތް އީސްޓް ޓީމޯރު( މިހާރު ޓީމޯރް ލެސްތޭ) ގައި އިންޑޮނޭޝިއާ ސިފައިން ހިންގި ޖަރީމާތައް ހުއްޓުވަން އދ. އިން އެތަނަށް ސިފައިން ވެސް ފޮނުވިއެވެ. އަދި އެ ސަރަހައްދުގައި އިންޑޮނޭޝިއާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް 1999 ވަނަ އަހަރު މިނިވަން ވަކި ދައުލަތެއް ވެސް ހަދައިދިނީ އދ. އިންނެވެ