ހަބަރު

މެރިޓައިމް އެކަޑަމީގެ ބިޒްނަސް ސްކޫލް އިފުތިތާހުކޮށްފި

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (އެމްއޭއެމް) ގެ ބިޒްނަސް ސްކޫލު އިފްތިތާހުކޮށް، ވިޔަފާރީގެ ގިނަ ކޯސްތަކެއް ހުޅުވާލައިފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި "އެމްއޭއެމް ބިޒްނަސް ސްކޫލު" އިފުތިތާހުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު އެވެ.

މެރިޓައިމް ދާއިރާގެ ގިނަ ކޯސްތަކެއް ހިންގާތާ 10 އަހަރު ވެފައިވާ އެކަޑަމީގެ ބިޒްނަސް ސްކޫލާ ބެހޭ ގޮތުން، އެމްއޭއެމްގެ ސީއީއޯ ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ އެ ސްކޫލުގެ ހުރިހާ ކޯސްތަކަކީ ވެސް ޒަމާނަށް ފެތޭ އަދި އަގު ހެޔޮ ކޯސްތަކަށްވާނެ ކަމަށެވެ. އަދި އެ ސްކޫލުން އަހަރަކު ހިލޭ ފަސް ސްކޮލާޝިން ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު ކޯސްތަކެއް ހިންގުން،" އާދިލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމަށް އޮތް ތަރުހީބު ހަލުވިކަމާއެކު އިތުރުވަމުންދާތަން ފެނޭ ކަމަށެވެ.

"މީގެ 10 އަހަރު ކުރިއާ ބަލާއިރު ވަރަށް ބޮޑަށް މަތީ ތައުލީމުގެ ދާއިރާ މިވަނީ ފުޅާވަމުން. މިފަދަ ދަނޑިވަޅެއްގައި މިފަދަ ކޯސްތަކެއް ފެށިގެން ދިއުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއް،" ނަޒީރު ވިދާޅުވި އެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުން ސެޓްފިކެޓް ތިނަކުން ފެށިގެން ޑިޕްލޮމާއާ ދެމެދުގެ ކޯސްތައް ހުޅުވާލާފައިވެ އެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުގެ ކޯސްތައް

1- ބިޒްނަސް މެނޭޖުމަންޓް
2- ހިއުމަން ރިސޯސް މެނޭޖުމަންޓް
3- އެޑިއުކޭޝަން- އާލީ ޗައިލްހުޑް
4- ޓްރެވަލް އެންޑް ޓޫރިޒަމް
5- ޕްރޮކެކްޓް މެނޭޖުމަންޓް
6- އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް

އެމްއޭއެމް ބިޒްނަސް ސްކޫލުން ވަނީ މި ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލާފަ އެވެ.