ރިޕޯޓް

އދ ބޭނުން ނަމަ އޮންނާނީ ރޯހިންޔާގެ މިނިވަން ދައުލަތެއް

މިހާރު މިޔަންމާގެ ބައެއްގެ ގޮތުގައި އޮތް ރަޚާން ސްޓޭޓް ( ކުރިން އަރާކަން) ގައި ރޯހިންޔާ މީހުންގެ ކާބަފައިން ވަޒަންވެރިވީ އެތަނުގައި މިހާރު އަޣުލަބިއްޔަތު އޮންނަ ޓިބެޓް ދަރިކޮޅުގެ ބުދިސްޓުންނަށް ވުރެ ކުރިންނެވެ. އަދި އެމީހުންގެ ގިނަ ބަޔަކަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނު އިރުވެސް މި ބުދިސްޓުންނެއް ނާދެއެވެ.

އެމީހުންގެ ގިނަ ބަޔަކު އިސްލާމްވީ މީލާދީން އަށް ވަަނަ ގަރުނުވައި ކަމަށް ވީ އިރު ޓިބެޓް ދަރިކޮޅުގެ ބުޑިސްޓުން ރަޚާން ސްޓޭޓަށް އައީ 10 ވަނަ ގަރުނުގައެވެ. ( ޕަމެލާ، ދަ ލޮސްޓް ކިންގްޑަމް، ބެންކޮކް 2002، ސޮފްހާ ނަމްބަރު 5). ނަމަވެސް އޭގެ ފަހުން އެކި ދުވަސް ވަރު މުސްލިމުންގެ އިތުރު މީހުން އެތަނަށް ހިޖަރު ކުރިއެވެ. އަދި ޕޯޗުގީޒުންގެ ދުވަސްވަރު އަޅުންގެ ގޮތުގައި އީސްޓް ބެންގާލާއި ވެސްޓް ބެންގާލުން އަޅުންގެ ގޮތުގައި ގެނައި އެތައް ބަޔަކު ވެސް ވަނީ އެމީހުންނާ މަސްހުނި ވެފައެވެ. އިނގިރޭސިން އިންޑިއާގެ މައްޗަށް އަތްގަދަކޮށްގެން އުޅުނު ދުވަސްވަރު މިހާރުގެ މިޔަންމާ އަކީ ވެސް އިންޑިއާގެ ބައެކެވެ. އެހެންވެ އޭރުވެސް އެތައް ބަޔަކު އަނެއްކާ ހިޖުރަކުރިއެވެ. އެހުރިހާ އެންމެންގެ ދަރިފަސްކޮޅު ދެމިގެން އައިސް މިއަދު އެ އެންމެން ވެސް ވެފައި ވަނީ ރޯހިންޔާ މީހުންނަށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން 1980 ވަނަ އަހަރު އެގައުމުގެ ވެރިކަމަށް ވެރިވެގަތުމަށް ފަހު ބުނަމުން ދިޔައީ ރަށްވެހިކަން ލިބޭނީ އިނގިރޭސީންގެ ދުވަސްވަރު އައި މީހުން ނޫން މީހުންގެ ދަރިފަސްކޮޅުން އައި ރޯހިންޔާއިންނަށް އެކަނި ކަމަށެވެ. އެކަން ސާބިތު ކޮށްދެވޭނެ ލިޔެކިއުން ހުރި ބަޔަކު ރޯހިންޔާ މީހުންގެ ތެރޭގައި ނެތެވެ. މިހާރު އެތިބަހެން އެއްވެސް ގައުމެއްގެ ރަށްވެހިކަން ރަސްމީކޮށް ނެތް ބަޔަކަށް އެމީހުން ވީ އެހިސާބުންނެވެ. އެހެންވީމާ މިޔަންމާގެ އަސްކަރީ ސަރުކާރުން ކަނޑައެޅީ އެ އެންމެންނަކީ ބެންގާލުން ހިޖުރަކުރި މީހުން ކަމަށެވެ. އެމީހުންނަށް ދިނީ " ބެންގާލީ"ގެ ލަގަބެވެ. ދެން މަސައްކަތް ފެށީ ރަޚާން ސްޓޭޓުން އެމީހުން ފައްސައި ހުސްކޮށްލުމަށެވެ. މިހާރު މި ފެންނަނީ އެކަން އެންމެ މައްޗަށް ގެންގޮސްފައިވާ ތަނެވެ.


މިހާ ދިގު މުއްދަތެއްގައި ރޯހިންޔާ މީހުންނަށް އަނިޔާ ލިބެމުން ދިޔަ ނަމަވެސް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން އެކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ދައްކަނީ ބޭކާރު ހުސް ވާހަކަ ތަކެކެވެ. އެންމެ ފަހުން އިއްޔެގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ދެއްކެވި ވާހަކަފުޅުގައި ވެސް ވިދާޅުވެފައި ވަނީ ރޯހިންޔާ މައްސަލައިގައި ކުރެވެން އޮތީ އެންމެ ކަމެއް ކަމަށެވެ. އެއީ ސޫޗީ ނުކުމެ މިޔަންމާ ސިފައިން ހުއްޓުވުމެވެ. ސޫޗީ އެކަން ނުކުރާނެ ކަން އެހެން ވިދާޅުވާއިރުވެސް ގުޓަރެސް އަށް އެނގިވަޑައިގަންނަވާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިބާވަތުގެ އެހެން ހަމަނުޖެހުންތައް ހުއްޓުވަން ޔޫއެން އިން މަސައްކަތްކޮށްފައި އޮތީ މިހާ ދޯހަޅިކޮށް ނޫން ކަމެވެ. އޭގެ ބައެއް އަލިގަދަ މިސާލުތައް ތިރީގައި މިވަނީއެވެ.

ޓީމޯރް ލެސްތޭ އުފެއްދުން

ނެދަލޭންޑް މީހުންގެ އަތްދަށުން ސަލާމަތްވެ، އިންޑޮނޭޝިއަން އާކިޕެލަގޯގައި މިނިވަން ދައުލަތެއް އުފެއްދި އިރު އާކިޕެލަގޯގައިވާ ޖަޒީިރާތަކުގެ ތެރެއިން އެގައުމަށް ނުލިބުނު އެއްތަނަކީ ކުރިން ކިޔާ ގޮތުން ނަމަ އީސްޓް ޓީމޯރެވެ. އެތަން އޭރު އޮތީ ޕޯޗުގީޒުންގެ އިސްތިއުމާރުގެ ދަށުގައެެވެ. ނަމަވެސް އެތަނާ މެދު ޕޯޗުގީޒުންގެ މާބޮޑު އަޅައިލުމެއް ނެތި، ހާލަތު ދަށަށް ދާން ފެށުމުން އުފެދުނު ގަޑުބަޑެއްގައި އެތަން ދޫވީ 1975 ވަނަ އަހަރުއެވެ. އެތަނުގައި ވަކި ދައުލަތެއް ހަމަ އިއުލާން ކުރުމާ އެކު އިންޑޮނޭޝިއާއިން އެތަން ހިފިއެވެ. އެކަން އެގޮތަށް ކުރީ އިނގިރޭސިންނާއި އެމެރިކާނުންނާއި އޮސްޓްރޭލިއާގެ ތާއީދާ އެކުގައެވެ.

އިންޑޮނޭޝިއާއިން އީސްޓް ޓީމޯރް ހިފިޔަސް އެތަން ވަކި ދައުލަތެއް ހެދުމުގެ ހަރަކާތަށް ނިމުމެއް ނާދެއެވެ. އެތަނުގައި އޮތް ޕޯޗު ގީޒު ބަހުން ވާހަކަ ދައްކާ އާބާދީން އުފައްދާފައިވާ ހަނގުރާމަވެރި ޖަމާއަތަކުން ގެންދިޔައީ އިންޑޮނޭޝިއާ ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ. އެހަރަކާތްް ނައްތައިލަަން އިންޑޮނޭޝިއާ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގަން ފެށުމުން ޔޫއެން އިން އެތަނަށް ސުލްހަ ބަލަހައްޓާ ލަޝްކަރެއް ފޮނުވިއެވެ. އަދި ޔޫއެންއިން އެތަން ބަލަހައްޓަން ފަށައި، މިނިވަން ވާން ފެނޭތޯ 1999 ވަނަ އަހަރު ވޯޓެއް ނެގިއެވެ. އެވޯޓުގައި މައްސަލަތަކެއް ހުރި ނަމަވެސް ނަތީޖާ ވެސް ގަބޫލުކޮށް، އީސްޓް ޓީމޯރު މިނިވަންވާން ފެންނަ ކަމުގެ ނަތީޖާއަކާ ހަމައަށް ދެވުނެވެ. އަދި 2002 ވަނަ އަހަރު " ޓީމޯރް ލެސްތޭ" ގެ ނަމުގައި 21 ވަނަ ގަރުނުގެ ފުރަތަަމަ ދައުލަތް އުފަންވިއެވެ.

މިތަނުގައި ފާހަގަކޮށްލަން ޖެހޭ ކަމީ އިންޑޮނޭޝިއާގެ އަނިޔާ ލިބުނީ ނަސޯރާއިންނަށް ކަމެވެ. އަދި އެމީހުންނަކީ 18 ވަނަ ގަރުނުގައި ޕޯޗު ގީޒުން ގަދަކަމުން އެދީނަށް ވަައްދައި ބާރުގެ ބޭނުންކޮށްގެން ޕޯޗުގީޒު ބަސް ދަސްކޮށްދިން މީހުންގެ ދަރިފަސްކޮޅު ކަމެވެ. އެގޮތުން ބަލާއިރު އެމީހުންނަކީ ރަޚާން ސްޓޭޓްގެ މައްޗަށް ރޯހިންޔާ މީހުންނަށް އޮތް ހައްގަށް ވުރެ އިތުރު ހައްގެއް ޓީމޯރު ޖަޒީރާގެ މައްޗަށް އޮތް ބައެއް ނޫނެވެ.

ކޮސޯވޯ

ކޮސޯވޯގެ ބައި ގިނަ އަލްބޭނިއާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ކުރޫގެ ޔޫގޯސްލާވިއާއިން ވަރުގަދަ ގަތުލު އާއްމުތަކެއް ހިންގަން ފެށީ 1990ގެ އަހަރުތަކުގައެވެ. އެކަން ހައްދުފަހަނަ އަޅައި ދިޔައީ 1999 ވަނަ އަހަރުއެވެ. އެ އަހަރު 11000 އަށް ވުރެ ގިނަ މީހުން މަރައިލި ކަމަށް ރެކޯޑްކުރެވިފައި ވެއެވެ. ގެދޮރުން ބޭރުކޮށްލި މީހުންގެ އަދަދު މިލިޔަނަކަށް އަރައެވެ. އެހިސާބުން އެކަން ހުއްޓުވަން އައީ އެމެރިކާގެ އިސްނެގުމާއި އެކު ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން( ނޭޓޯ) އެވެ. ޔޫގޯސްލާވިއާ ސިފަައިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދީ އެމީހުން ބަލި ކުރުމަށް ނޭޓޯއިން ޔޫއެންގެ ހުއްދައަކަށް ނޭދެއެވެ. ނަަމަވެސް އެކަމަށް ޔޫއެން އިން ނުސީދާ ގޮތެއްގައި ތާއީދު ކުރިއެވެ.

އެހަނގުރާމައިގައި ޔޫގޯސްލާވިއާ ބަލިވުމުން ކޮސޯވޯގައި ސުލްހަ ބަލަހައްޓާ ލަޝްކަރެއް ބައިތިއްބަން ޔޫއެން އިން ފާސްކުރިއެވެ. ސަލާމަތީ މަޖިލީހުގެ 1244 ވަނަ ގަރާރުން އެތަން ބެލެހެއްޓުމާ ޔޫއެން އިން ހަވާލުވިއެވެ. އަދި އެއަށް ފަހު ' ކޮސޯވޯ ފޯސް' ގެ ނަމުގައި އުފެއްދި ލަޝްކަރުގެ ކޮންޓްރޯލް ދޫކޮށްލީ ނޭޓޯއަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެމެރިކާއަށެވެ.

ދެން ހަމަ ޔޫއެންއިން ހަމަޖެއްސި އިންތިޒާމްތަކެއްގެ ތެރެެއިން 2008 ވަނަ އަހަރު ކޮސޯވޯގެ މިނިވަަން ދައުލަތެއް އިއުލާންކުރިއެވެ.

މިތަނުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ޔޫގޯސްލާވިއާއަކީ ރަޝިޔާގެ މަދަދު ލިބުނު ގައުމެއް ކަމެވެ. ނަސާރާ ސާބުންނަކީ ދީނީ އަދި ނަސްލީ ގޮތުން ރަޝިޔާ މީހުންގެ އަޚުންނެވެ. އެހެންވީމާ ކޮންމެހެން މުސްލިމުން ވެގެން ހެއު އެދުމަށް ވުރެ، އެމެރިކާއާއި ރަޝިޔާއާ ދެމެދު އޮންނަ ވާދަވެރި ކަމަކީ ކޮސޯވޯއަށް އެހީތެރި ވުމުގެ މައިގަނޑު ސަބަބެވެ.

އެކަން ވާނީ ހުޅަނގުން ބޭނުން ވުމުން

ޓީމޯރް ލެސްތޭއާއި ކޮސޯވޯ މިނިވަން ކުރުމުގައި ޔޫއެން އިން ދެއްކި އާދަޔާ ހިލާފު ހިތްވަރާއި ސްޕީޑަށް ބަލާއިރު ރޯހިންޔާ މީހުންނަށް ދައުލަތެއް ހަދައިދީ ބުޑިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތް ކުރަން ހޭދަވާނީ ދާދި މަދު ދުވަސްކޮޅެއް ކަމަށް ގަބޫލު ކުރެވެއެވެ. އެހެނީ މިޔަންމާ އަކީ މާ ވަރުގަދަ އަސްކަރީ ބާރެއް ނޫނެވެ. އެކަމުގައި އޮތީ އެންމެ މައްސަލައެކެވެ. ކިތަންމެ ވާހަކަ އެއް ދެއްކިޔަސް އެކަން ހުއްޓުވުވުމުގެ މާބޮޑު ބޭނުމެއް ދޮން މީހުންނަށް ހަގީގަތުގައި ނެތީއެވެ.

ޓީމޯރް ލެސްތޭ މުހިއްމުވީ އެއީ ޕޯޗުގީޒު ބަހުން ވާހަކަ ދައްކާ، ނަސާރާއިން ކަމަށް ވުމެވެ. އެހެން ނޫނަސް އެމީހުން މިނިވަން ވާން އުޅުނީ ޑިކްޓޭޓަރު ސުހާޓޯގެ އިންޑޮނޭޝިއާގެ ދަށުންނެވެ. އެހެންވީމާ މުހިއްމުވީއެވެ. ކޮސޯވޯގެ އަލްބޭނިއާ ދަރިކޮޅުގެ މީހުންނަށް އަނިޔާކުރީ ރަޝިޔާގެ ކޮށްކޮއެއް ކަމަށްވާ ޔޫގޯސްލާވިއާއިންނެވެ. އެހެންވީމާ އެކަން ހުއްޓުވުމަކީ އެމެރިކާއަށް ކޮންމެހެން ކުރަން ޖެހެއެވެ.

އެކަމަކު ރޯހިންޔާ ދަރިކޮޅުގެ މުސްލިމުން ފަކީރުން ކުރާނީ ކީއްތޯއެވެ. އެމީހުންނަށް ވުރެ ޔޫއެންގެ ކުރިމަތީގައި އަން ސަން ސޫޗީ އަދިވެސް މާ ބަރެވެ.