ހަބަރު

ރާއްޖެ ވެސް ބައިވެރިވެގެން ރޮހިންޖާއާ ގުޅޭ ވޯޓެއް ނަގާނެ: މުންދު

މިޔަންމާގައި އަނިޔާ ލިބެމުންދާ ރޮހިންޖާ މުސްލިމުންނާ ގުޅޭ ގޮތުން އދ.ގައި ވޯޓެއް ނަގާނަމަ އެ މުސްލިމުންނަށް އެންމެ ފައިދާ ވާނެ ގޮތަށް ރާއްޖެއިން ވޯޓު ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރާއްޖެއިން ލަންކާއަށް އައްޔަންކުރަން ނިންމާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން ގެނެސްދޭ "ގޮނޑި ވިއްކުން ނިމުމަކަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު އދ.ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަނުގައި ބަހުސް ކުރުމަށް ހިމެނުމަށް އޮސްޓްރޭލިއާއާއި ގާނާއިން ހުށަހެޅި އައިޓަމް އެޖެންޑާގައި ހިމަަނަން ފެނޭތޯ ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ސީދާ ގުޅުންހުރި ވޯޓެއް ނޫން ކަމަށެވެ. އެ ވޯޓަކީ ވަކި އުސޫލެއް އިތުރުކުރަންވީތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި އާރްޓޫޕީ ވޯޓެއް ކަމަށެވެ.

އެ ވޯޓަކީ ސީދާ ރޮހިންޖާ މުސްލިމުންނާ ގުޅުންހުރި ނުވަތަ މުސްލިމުންނާ ގުޅުންހުރި ވޯޓެއް ކަމަށް ބުނެ ބަޔަކު ދަނީ އޮޅުވާލަމުން ކަމަށާއި ނަމަވެސް އެ ވޯޓަކީ އެފަދަ އަމަލެއް ހިނގާފާނެ ގައުމެއްގައި ނުވަތަ އެފަދަ އަމަލެއް ހިނގާފާނެތީ އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނެގުނު ވޯޓެއް ކަމަށް މުންދު ވިދާޅުވި އެވެ. އާރްޓޫޕީ ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމުން ފާޑުކިޔާ ފަރާތްތަކުގެ ސަރުކާރުގައި ފަލަސްތީނުގެ ރައްޔިތުްނނާ ގުޅޭ ގޮތުން ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވިކަން ފާހަގަކޮށް އެ ފަރާތްކަކަށް މުންދު ފާޑުވިދާޅުވި އެވެ. އެ ވޯޓަކީ ސީދާ ގޮތެއްގައި ފަލަސްތީނުގެ ރައްޔިތުންނާ ގުޅޭ ވޯޓަކަށްވާއިރު ލަދުވެތި ކަމަކީ އެ ވޯޓުގައި ރާއްޖެ ބައިވެރިނުވުން ކަމަށެވެ.

މުންދު ވިދާޅުވީ، ރޮހިންޖާ މުސްލިމުންގެ މައްސަލާގައި ވެސް ރާއްޖެއަކީ އެންމެ ކުރީގެ ސަފުގައި މަސައްކަތް ކުރަމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމާއެކު އޮތް ވިޔަފާރީ ގުޅުން ވެސް ފިޔަވަޅެއްގެ ގޮތުގައި ކަނޑާލާފައިވާ ކަމަށެވެ. އެހެން ގައުމުތަކުން ވެސް ރާއްޖެއިން އެކަމުގައި އަޅާފައިވާ ފިޔަވަޅުތައް ފާހަގަކުރާކަން މުންދު ވިދާޅުވި އެވެ. އެކި ޕްލެޓްފޯމްތަކުގައި ވެސް ރާއްޖެއިން ރޮހިންޖާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލަމުންދާކަން ވެސް މުންދު ފާހަގަކުރެއްވި އެވެ.

"މިފަހުން މި ނެގީ ރޮހިންޖާ މުސްލިމުންނާ ގުޅުން ހުރި ވޯޓެއް ނޫން، ރޮހިންޖާ މުސްލިމުންނާ ގުޅުން ހުރި ވޯޓެއް އެ އަދި މާދަމާ ނަމަވެސް ނަގައިފިނަމަ އެމީހުންނާ އެކޮށް ތިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން، އެއީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާދަތުގެ ދަށުން ކުރުން މަޖުބޫރު ވެސް ކަމެއް،" މުންދު ވިދާޅުވި އެވެ.

އާރްޓޫޕީ ވޯޓުތަކުގައި އަބަދުވެސް ރާއްޖެއިން އަމަލުކުރާ ގޮތަކީ އެއީ ކަމަށާއި 2010 ވަނަ އަހަރުން ފެށިގެން އެފަދަ ވޯޓުތަކުގައި ރާއްޖެއިން އަމަލުކުރަމުން އައި ގޮތާ މިފަހަރު އަމަލުކުރި ގޮތުގައި އެއްވެސް ތަފާތެއް ނެތް ކަމަށް މުންދު ވިދާޅުވި އެވެ.

"ރޮހިންޖާ މުސްލިމުންގެ މައްސަލާގައި އެންމެ ފާޅުކަން ބޮޑު ފިޔަވަޅެއް އެޅިފަ ވެސް މިއޮތީ ރާއްޖެއަށް، ކޮބައިތޯ އެހެން ގައުމުތައް، މާދަމާ ވެސް ހަމަ އަޅުގަނޑުމެން ފްރަންޓްގަ ތިބޭނީ،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، ރޮހިންޖާ މުސްލިމުންނާ ގުޅޭ ވޯޓެއް އދ.ގައި ނެގުމަށް ރާއްޖެއިން ވެސް ބައިވެރިވެގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ވޯޓާ ހަމައަށް ދިޔުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާއިރު އެ ވޯޓުގެ ލިޔުން އޮންނާނީ ރޮހިންޖާ މުސްލިމުންނަށް ފައިދާވާ ގޮތަށް ކަމަށާއި އެކަން ރާއްޖެއިން ޔަގީންކުރާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަންގައި ބަހުސް ކުރުމަށް ސަޕްލިމެންޓްރީ އައިޓަމެއްގެ ގޮތުގައި އާރްޓޫޕީ ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން، އެއި ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުގައި ލީ ވޯޓެއްގައި ބައިވެރި ނުވުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ހާރިޖީ ސިޔާސަތު ވަނީ ޗައިނާ ފަދަ ގައުމުތަކުގެ ނުފޫޒުގެ ދަށުގައި ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ގުޅިގެން ބުނެފަ އެވެ.

ރާއްޖޭން ބައިވެރި ނުވިޔަސް އެ އައިޓަމް އެޖެންޑާގައި ހިމަަނަން 117 ގައުމެއްގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ. އެ އައިޓަމް ހިމަނަން ނުފެންްނަން ކަމަށް ވޯޓް ދީފައިި ވަނީ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޗައިނާއާއި ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ނަސްލު ގައުމުން ފުހެލަން އުޅޭ މިޔަންމާއާއި މިސްރާއި އިކުއެޑޯއާއި ބޮލީވިއާ އެވެ. ރައްޔިތުންނާ ދެކޮޅަށް ތަކުރާރުކޮށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ސޫރިޔާއިން ވެސް ވަނީ އެކަމާ ދެކޮޅަށް ވޯޓް ދީފައެވެ. ޒިމްބާބްވޭއާއި ވެނެޒުއޭލާއިން ވެސް ބުނެފައި ވަނީ ނޫނެކޭއެވެ. ޗައިނާއާ އެންމެ އެކުވެރި ރަޝިޔާއާއި އުތުރުކޮރެއާއިން ވެސް ވޯޓްދީފައި ވަނީ އައިޓަމް ހިމަނަން ނުފެންނަ ކަމަށެވެ.