ވިޔަފާރި

ސެންޓާރާ ރިސޯޓުތައް އިޝްތިހާރު ކުރަން އިންޑިޔާއަށް

ތައިލެންޑުގެ ސެންޓާރާ ހޮޓެލް އެންޑް ރިސޯޓުންގެ ރިސޯޓު އަދި ހޮޓާތައް އިޝްތިހާރު ކުރުމަށް އިންޑިޔާގައި ރޯޑްޝޯއެއް ބާއްވައިިފި އެވެ.

ރާއްޖޭގައި ވެސް ދެ ރިސޯޓެއް ހިންގާ ސެންޓާރާ ގްރޫޕުން ބުނީ އިންޑިޔާގެ ލީލާ ހޮޓަލުގައި އިޝްތިހާރު ކުރަން ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ކުންފުނިން ރިސޯޓުތައް ހިންގާ ތައިލެންޑާއި ސްރީލަންކާ އަދި ރާއްޖޭގެ އިތުރުން ވިއެޓްނާމް އާއި އޮމާންގެ ހޮޓާތައް ބައިވެރިވެފައިވާ ކަމަށެވެ.

ތައިލެންޑުގެ މި ގްރޫޕުން އިންޑިޔާގައި މި ފަދަ މާކެޓިން ހަރަކާތެއް ހިންގި މިއީ ފުރަތަމަ ފަހަރެވެ. ޓޫރިޒަމް ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ސެންޓާރާ ގްރޫޕުން އިންޑިޔާގައި އިޝްތިހާރު ކުރަން ހިންގި ހަރަކާތްތަކުގެ އެ ކުންފުނީގެ ރިސޯޓުތަކުން ދޭ އާއިލީ ޗުއްޓީގެ ފުރުސަތުތަކާއި މައިސް ޓޫރިޒަމަށް އޮތް ފުރުސަތު ތައް ވަނީ އަންގައިދީފަ އެވެ.

އިންޑިޔާގައި ބޭއްވި ރޯޑްޝޯއާ ބެހޭ ގޮތުން އެ ކުންފުނީގެ ވައިސް ޕްރެސިޑެންޓް ޕައުލް ވިލްސަން ވިދާޅުވީ މި ހަރަކާތުގެ މަގުސަދަކީ އެ ކުންފުނީގެ ޕްރޮޕަޓީތަކުގައި ހުރި ހިދުމަތްތައް އެޖެންޓުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައިވެސް މިފަދަ ރޯޑްޝޯތައް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައިލެންޑުގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ސެންޓާރާ އިން ރާއްޖޭގައި ހިންގަމުން ގެންދަނީ ސެންޓާރާ ރަސްފުއްޓާއި ސެންޓާރާ އައިލެންޑް ރިސޯޓު އެންޑް ސްޕާ އެވެ. އަދި އިތުރު ރިސޯޓުތައް ވެސް ރާއްޖޭގައި ހުޅުވަން އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.