ކުޅިވަރު

ލީގްގައި މޮޅުވުމުގެ ރޭހަށް ރެއާލް އެނބުރި އަތުއްވެއްޖެ

Sep 18, 2017

ރެއާލް ސޮސިއަދާދުގެ މައްޗަށް 3-1 ގެ ނަތީޖާ އކަުން ކާމިޔާބު ހޯދައި، އުނދަގޫ ހާލަތެއްގައި އޮތް ރެއާލް މެޑްރިޑް ސްޕެނިޝް ލީގްގައި މޮޅުވުމުގެ ރޭހަށް އަތުވެއްޖެ އެވެ.

އަނިޔާ އާއި ސަސްޕެންޝަނާ ހެދި، މުހިންމު ކުޅުންތެރިން ކަމަށްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ މާސެލޯ އާއި ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫޒް ނުލައި ކުޅުނު މެޗުގައި، ރެއާލްގެ ތަރިއަކަށްވީ، 20 އަހަރުގެ ފޯވަޑް ބޮރަހާ މަޔޮރަލް އެވެ. އެއް ލަނޑު ޖެހުމުގެ އިތުރަށް އޭނާ ވަނީ، ދެ ވަނަ ލަނޑު، ސޮސިއެދާދު ކުޅުންތެރިންގެ އަތުން ބައިކޮޅަށް ލަނޑު ވަނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ގެރެތު ބޭލް އެވެ.

މި މޮޅާއެކު، ތާރީހީ ރެކޯޑާކާ، ރެއާލް ވަނީ ހަމަހަމަ ކޮށްފަ އެވެ. އެއީ ޖެހިޖެހިގެން 73 މެޗު ލަނޑު ޖަހައިގެން، ބްރެޒިލްގެ މަޝްހޫރު ޕެލޭ ސަންޓޯސްއަށް ކުޅުނު އިރު އެ ޓީމުން ހަދާފައިވާ ރެކޯޑެކެވެ.

މިދިޔަ ސީޒަންގައި، ޖަރުމަންގެ ވްލްފްސްބާގްގައި، އުނދަގޫ ސީޒަނެއް ހޭދަ ކުރުމަށްފަހު، އަލުން ރެއާލްއާ ގުޅުނު މަޔޮރަލް އަށް އޮތީ، ރެއާލުން ޗެލްސީއަށް ވިއްކާލި އަލްވާރޯ މޮރާޓާގެ ދައުރު އަދާ ކުރުމެވެ. ރޭގެ މެޗުގައި އޭނަ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 19 ވަނަ މިނެޓްގައެވެ.

އޭގެ 10 ވަރަކަށް މިނެޓްފަހުން، ކެވިން ރޮޑްރިގޭޒް ވަނީ، ސޮސިއަދާދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ ފޮނުވަލި ބޯޅަ، ގޯލް ތެރެއަށް ވަނީ، ރެއާލްގެ ކީޕަރު ކޭލޯ ނާވަސް އަށް ހެދުނު ގޯހަކުން ނެވެ. ނާވަސް ބޯޅައަށް ޑައިވް ވެސް ކުރި އެވެ. ނަމަވެސް ބޯޅަ ދިޔައީ އޭނާގެ ގައި ދަށުން ނެވެ.

ރެއަލްގެ ދެ ވަނަ ލަނޑަކީ ކެވިން ރޮޑްރިގޭޒް އަތުން ބައިކޮޅަށް ވަން ލަނޑކެވެ. ސޮސިއަދާދުގެ ޑިފެންޑަރުން ކައިރިން ބޯޅަ ނައްޓާލަުމަށްފަހު، މަޔޮރަލް މަސައްކަތް ކުރީ ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ކުރާށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިފާއު ކުރުަން ރޮޑްރިގޭޒް ފައި ދިއްކޮށްލުމުން ބޯޅަ ގޯލް ތެރެއަށް ވަނީ އޭނާގެ ފައިގައި ޖެހުމުން ނެވެ.

ރެއާލްގެ ތިން ވަނަ ލަނޑު، އިސްކޯ ދިން ފުރުސަތަކުން، ބޭލް ގޯލް ޖެހީ، އޭނާގެ ސްޕީޑް ބޭނުން ކޮށްގެން ނެވެ. ރެއާލްގެ ހާފުގެ ތެރޭގައި އިސްކޯ ހުރެ، އޭނާ ބޯޅަ ދިނީ މެދު ރޮނގާ ދިމާލުގައި، ސޮސިއަދާދުގެ ހާފުގެ ތެރޭގައި ހުރި ބޭލް އަށެވެ. އެ ބޮޅަ ހިފައިގެން ދުވެފައި ގޮސް، ބޭލް ގޯލް ތެރެއަށް އެ ބޮޅަ ފޮނުވާލީ، ބޮޅަ ދިފާއު ކުރަން ނިކުތް ސޮސިއަދާދުގެ ކީޕަރު ހިރޮނިމޯ ރޫލީ ގައި މަތިން ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، މަޔޮރަލް ގޯލް ޖެހުމުގެ އިތުރަށް މުޅި މެޗުގައި އޭނާ ކުޅުނު ކުޅުންވެސް ފާހަގަ ކުރާ ކަމަށެވެ.

"އޭނަ އަކީ ސްކޮޑްގެ ބައެއް، އޭނާ ޒުވާން، އެކަމަކު އަހަންނަށް އެނގޭ އޭނާ [މަޔޮރަލް] އަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަން، ގޯލް އޭނާ އަށް ވަރަށް މުހިންމު، އެހެންނަމަވެސް އަހަރެން އެއަށްވުރެ މާ ހިތްހަމަ ޖެހޭ އޭނާ ކުރި މަސައްކަތް ފެނިފައި، އޭނާ ޓީމަށް އެހީވުުގައި ގެނައި މޫވްތައް ފެނިފައި." މަޔޮރަލްއާ ބެހޭގޮތުން ޒިދާން ބުންޏެވެ.

ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޒިދާން ވަނީ، ބޭލްގެ ފަރާތުން ގޯލެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ. އެވެ. ބޭލް ގޯލް ޖެހުމުން ޒިދާން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. މިދިޔަ މެޗުތަކުގައި ބޭލްގެ ފަރާތުން ފެނުނު ޕާފޯމަންސާ މެދު އޭނާ އަށް ވަނީ ފާޑު ކިޔުން އަމާޒު ވެފަ އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން، ސަބަބަކީ އޭނާ [ބޭލް] އާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ ދެކެވޭ [ރޭ] އޭނަ ދައްކައި ދީފި އޭނާ ކިހާ މޮޅުކަން އަހަރެމެން ޖެހޭނީ އޭނާ އާ މެދު ކެތްތެރިވާން."

ރޭ، ސެވިއްޔާ ވެސް ވަނީ ޖިރޯނާ އަތުން މޮޅުވެ، ތާވަލުގެ ދެ ވަނަ އަށް ޖެހިލާފަ އެވެ. އެ ޓީމު މޮޅުވީ 1-0 ން ނެވެ. އެއް ވަނައިގައި އޮތީ، 12 ޕޮއިންޓާއެކު އޮތް ބާސެލޯނާ އެވެ. ސެވިއްޔާ ދެ ވަނައިގައި އޮތީ 10 ޕޮއިންޓާއެކު އެވެ. ނުވަ ޕއޮިންޓާއެކު ރެއާލް ސޮސިއެދާދު ތިން ވަނައިގައެވެ. ރެއާލް އާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑަށްވެސް އަށް ޕޮއިންޓެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ލިބެނީ ރެއާލް އަށެވެ.