ހަބަރު

5.9 މިލިއަން ރުފިޔާގެ ރޯހައުސް ގަތީ ހަލާލް ފައިސާ އިން: މުއިއްޒު

Sep 18, 2017
14

ހުޅުމާލެއިން 5.9 މިލިއަން ރުފިޔާގެ ރޯ ހައުސް ގަނެފައި ވަނީ ލިބިފައިވާ ހަލާލް ފައިސާ އިން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މީހަކަށް ލިބިފައިވާ އާމްދަނީ އާއި މުދަލުގެ ބޭނުން ހިފައިގެން ހެޔޮ ގޮތުގައި އަމިއްލަ ބޭނުން ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި އެކަންކަން ހާމަ ކުރާކަށް ނުޖެހޭ ކަމަށެވެ. ނަމަވެސް ހުޅުމާލެއިން ރޯ ހައުސްއެއް ގަތީ އެކަން ކުރުމުގެ ގާބިލިއްޔަތުކަން ހުރީމަ ކަމަށާއި އެކަން ކުރީ އެމަނިކްފާނުގެ އަތުގައި ހުރި ހަލާލު ފައިސާއިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ދީނުގައި އޮންނަ ހަމަތަކުގެ މަތިން ލިބޭ ތަރިކަ މުދާ ވެސް ހުރޭ، އެހެން ގޮތްގޮތުން ލިބޭ މުދާވެސް ހުރޭ، އެހެންވީމަ އެ އޮންނަ ނިޒާމުގެ ތެރެއިން އަޅުގަނޑަށް ވެސް ލިބިފައި އޮންނަ މުދަލެއްގެ ބޭނުން އަޅުގަނޑު ކުރުމަކީ އަޅުގަނޑަށް ވެސް އޮންނަ ހައްގެއް، އެހެންވެ އަޅުގަނޑަށް ވެސް ގުދުރަތީ ނިޔާގެ ތެރެއިން ލިބިފައި ހުރި ބައެއް މުދަލުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ބޭނުންމުގައި އަޅުގަނޑު ކުރި ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކްފާނު ބިން ގަތީ ގާނޫނާ ހިލާފަށް ކަމަށް ވަރަށް ފުންނާބު އުސް ލޯޔަރަކު ވިދާޅުވުން ވަރަށް އަޖައިބުވި ކަމަށެވެ. ނަމަވެސް އެއީ ތާކުންތާކުން ނުޖެހޭ ވާހަކަ ކަމަށާއި އެކަމާ އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ރޯ ހައުސް ބައްލަވައިގަތީ 5.9 މިލިއަން ރުފިޔާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދެއްކެވުމަށްފަހު އެވެ. މުއިއްޒު ބައްލަވައިގަތް ރޯ ހައުސްއަކީ 3،388 އަކަފޫޓްގެ ދާދި ފަހުން ހުޅުމާލޭގައި ތަރައްގީކުރި ރޯ ހައުސްއެކެވެ. ރޯ ހައުސް ބައްލަވައިގަތުމަށް މިނިސްޓަރު މުއިއްޒާއި އެޗްޑީސީއާ ދެމެދު ހިނގި މުއާމަލާތް ސައްހަ ކަމަށް އިއްޔެ ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

އެގޮތަށް ކަނޑައަޅާ ކޮށްފައިވާ ހުކުމްގައިވާ ގޮތުން އެ ރޯ ހައުސްއަކީ މުއިއްޒު ބައްލަވައިގަތް ފުރަތަމަ ފްލެޓް ކަމަށްވާތީ ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭނެ އެވެ. ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތަކުން މީހަކު ފުރަތަމަ ފަހަރަށް ފްލެޓެއް ގަންނަނަމަ، އެ މުއާމަލާތަށް ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭނެ އެވެ.

ހުޅުމާލޭގައި ފަހުން ތަރައްގީކުރި ރޯ ހައުސްތައް މުއިއްޒުގެ އިތުރުން ވެސް ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ބައްލަވައިގެންފައިވެ އެވެ.