ހަބަރު

ޕެޓިޝަންގައި ސޮއިނުކުރާ ވަކީލުންނާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަކީލުންނާ ބައްދަލުކުރައްވަން ނިންމައިފި އެވެ. ވަކީލުންނާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މިރޭ އެވެ.

މިރޭ ވަކީލުންނާ ބައްދަލުކުރެއްވުމަށް ސުޕްރީމް ކޯޓުގައި ހާއްސަ ރިސެޕްޝަނެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. މި ރިސެޕްޝަނަށް ގިނަ ވަކީލުންނަށް ވަނީ ދައުވަތު ދެއްވާފަ އެވެ.

އުއްތަމަ ފަނޑިޔާރު ވަކީލުންނާ ބައްދަލުކުރައްވައި މި ދަނޑިވަޅަކީ ގިނަ އަދަދެއްގެ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން އެ ވަކީލުން ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެކެވެ. ޖުމްލަ 54 ވަކީލެއް އެކަމާ ގުޅިގެން ސަސްޕެންޑްކުރިއިރު އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ.

ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވަލައި އިތުރު 35 ވަކީލެއް ސޮއިކުރައްވައި، އިއްޔެ ވަނީ އިތުރު ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށްފަ އެވެ. ނަމަވެސް ވަކީލުން ސަސްޕެންޑްކުރީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ގޮތަށް ސުޕްރީމް ކޯޓަށް ދޮށަށް އެއްވެ ހަރަކާތްތަކެއް އެ ވަކީލުން ހިނގާފައިވާތީ ކަމަށް ބުނެ އެވެ.

މިރޭ ވަކީލުންނާއެކު އުއްތަމަ ފަނޑިޔާރު ބާއްވައި ރިސެޕްޝަނަކީ ވަކީލުންގެ ހުރި ކަންބޮޑުވުންތައް އެއްސެވުމަށް ބާއްވައި ރިސެޕްޝަނެއް ކަމަށް ބެލެވުނު ނަމަވެސް ޕެޓިޝަންގައި ސޮއިކޮށް ކަންބޮޑުވުން ފާޅުކުރި ވަކީލުންނަށް މި ރިސެޕްޝަނަށް ދައުވަތު ދީފައިނުވާ ކަމަށް އޭގެ ތެރެއިން ބައެއް ވަކީލުން ވިދާޅުވި އެވެ.

އެކަމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، ޕެޓިޝަންގައި ސޮއިކުރެއްވި 56 ވަކީލުންނަށް ރިސެޕްޝަނަށް ދައުވަތު ލިބިފައިނުވާ ކަމަށާއި އިއްޔެ ހުށަހެޅި ޕެޓިޝަންގައި ސޮއިކުރައްވާފައިވާ ވަކީލުންނަށް ވެސް ދައުވަތު ނުލިބޭ ކަމަށެވެ.