ހަބަރު

ވަކީލުން ސަސްޕެންޑްކުރުމުން ލޯ އޭޝިއާގެ ވަފުދެއް ރާއްޖެއަށް

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅުއްވި 54 ވަކީލުން ސަސްޕެންޑްކުރުމާ ގުޅިގެން ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ ފޮނުވުމަށް ނިންމާފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ ވަކީލުންތަކެއް ސަސްޕެންޑްކޮށްފައިވާތީ، ލޯ އޭޝިއާއިން ކަންބޮޑުވެފައިވާ ކަމަށާއި ފެކްޓް ފައިންޑިން މިޝަންއެއް ރާއްޖެއަށް ފޮނުވުމަށް ވެސް ލޯ އޭޝިއާއިން ނިންމާފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން އެ ވަކީލުން ސަސްޕެންޑްކޮށްފައިވާއިރު އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިއަދު ވަނީ އުވާލާފަ އެވެ.

ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވަލައި އިތުރު 35 ވަކީލެއް ސޮއިކުރައްވައި، އިއްޔެ ވަނީ އިތުރު ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށްފަ އެވެ. ނަމަވެސް ވަކީލުން ސަސްޕެންޑްކުރީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ގޮތަށް ސުޕްރީމް ކޯޓަށް ދޮށަށް އެއްވެ ހަރަކާތްތަކެއް އެ ވަކީލުން ހިނގާފައިވާތީ ކަމަށް ބުނެ އެވެ.