ކުޅިވަރު

ޑެމެބެލޭއަށް އަނިޔާވެ ވަލްވަރުޑޭއަށް ބޮލުގެ ރިހުމެއް

Sep 18, 2017

ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޖަރުމަންގެ ބްރޫޝިއާ ޑޯޓަމުންޑުން ބާސެލޯނާއަށް ބަދަލުވި ފޯވަޑް އުސްމާން ޑެމެބްލޭއަށް އަނިޔާވެ، ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ބާސެލޯނާއިން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ގެޓޭފޭއާ ދެކޮޅަށް ކުޅުނު މެޗުގައި، ޑެމެބެލޭގެ ފަލަމަސް ގަނޑަށް ވަނީ އަނިޔާވެފަ އެވެ. ބާސެލޯނާ ގައި އިއްޔަ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޑެމެބެލޭގެ ޓެސްޓަތަކުން އޭނާގެ ވާތު ފައިގެ ފަލަމަސް ގަނޑަށް އަނިޔާވުމުން ތިން މަހާއި ބައި ނުވަތަ، ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ.

ޑެމެބެލޭ އަށް ފަރުވާ ކުރުމަށް ހަމަޖެހިފައި ވަނީ، ފިންލެންޑްގެ މަޝްހުރު ޑޮކްޓަރެއް ކަަމަށްވާ ސަކަރީ އޮރަވާ އެވެ. އޭނާ އަކީ މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ ބާސެލޯނާ އަށް ކުޅުނު ދުވަސް ވަރު އޭނާ އަށް އަނިޔާވުމުން ފަރުވާ ދިން ޑޮކްޓަރެވެ. އަދި އޮރަވާ ވަނީ ޑޭވިޑް ބެކަމް އާއި ހޮލެންޑްގެ ވެން ބާސެޓެންވެސް ކުޅުނު ދުވަސް ވަރު އެ ކުޅުންތެރިންނަށް އަނިޔާވުމުންވެސް ފަރުވާ ދީފަ އެވެ.

ޑެމެބެލޭއަށް އަނިޔާވި ޚަބަރަކީ، ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ އަށް ބޮލުގެ ރިހުމަކަށް ވާނެ ޚަބަރެކެވެ. ނޭމާ، ޕީއެސްޖީ އަށް ދިއުމުން، އެ މަގާމު ފޫބައްދަން ގެނައި ޑެމެބެލޭ އަށް އަނިޔާވުމަކީ، ވަލްވެރުޑޭ ހައްލު ހޯދަން އުނދަގޫ ވާނެ ކަމެކެވެ. ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އާއެކު، އެންމެ ކުރިއަށް ކުޅުވަން އޭނާގެ އަތުގައި އޮތީ އެވަޓަންގެ ކުރީގެ ފޯވަޑު ޖެރާޑް ޑެލޭފޫ އާއި ޕަކޯ އަލްކާސާއެވެ.

ވަލްވަރުޑޭގެ އިތުބާރު އެންމެ ބޮޑީ ޑެލެފޫ އަށެވެ. ގެޓޭފޭގެ މެޗުގައިވެސް ޑެމެބެލޭގެ ބަދަލުގައި އެރުވީ އޭނާ އެވެ.