ފިނިޕޭޖް

ޝީލާއަށް ރަނގަޅީ ކުދިން ގާތުގައި ހުރުން!

ނަވާރަ ސަތޭކަ ނުވަ ދިހަ ނުވަ ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް އިރެކޭ މިހާރެކޭ ޝީލާ ނަޖީބް ތަފާތެއް ނޫނެވެ. އޭރުގެ ލޫޅާފަތި ހަށިގަނޑަށް ކުޑަ ބަދަލެއް އައި ނަމަވެސް އަދިވެސް ފެންނަނީ ވަރަށް ޒުވާންކޮށެވެ. ސަތޭކައަށްވުރެ ގިނަ ވީޑިއޯ ލަވަޔާއި އެތައް ފިލްމެއް އަދި ޑްރާމާ ސިލްސިލާތަކެއް ޝީލާ ކުޅެފި އެވެ. ބަތަލާގެ ރޯލުން ފެށިގެން މަދުމަދުން މަންމައެއްގެ ރޯލު ކުޅެން ފެށިއިރު އޭނާގެ އެކްޓިން ދުވަހެއް ދުވަހަކަށް އަދިވެސް ދަނީ ރަނގަޅު ކުރަމުންނެވެ.

އެންމެ ފަހުން ޝީލާ ފެނިގެންދިޔަ "ބައިވެރިޔާ" އަދި "4426"ގައި ޝީލާ ދައްކާފައިވަނީ މޮޅު އެކްޓިން އެކެވެ. "4426"ގައި ޝީލާ ދެއްކި އެކްޓިން އަށް ފަސް ތަރި ދޭހާވެ އެވެ. ނަމަވެސް އެ ފަހުން ޝީލާއެއް ނުފެނުނެވެ. "4426" އެޅުވިތާ ގާތްގަނޑަކަށް އަހަރެއްވީއިރު ޝީލާގެ އެހެން މަސައްކަތެއް ނުފެނެ އެވެ. އިތުރު މަސައްކަތެއް ކުރާކަމުގެ ހަބަރެއް ވެސް ނުލިބެ އެވެ. މި އަހަރު ކުރިއަށް އަޅުވަން ހުރި އަދި މިހާރު މަސައްކަތް ފަށައިގެން އުޅޭ ފިލްމެއްގެ ކާސްޓުންގެ ތެރެއިންވެސް ޝީލާ ނުފެނެ އެވެ.

ޝީލާގެ ހަބަރެއް ނުވެގެން އޭނާގެ ފޭނުން ކުރާ ސުވާލުތައް ޝީލާގެ ކުރިމައްޗަށް ގެންދިއުމުން ބުނީ ދިރިއުޅުން ބިޒީވެފައި ވަގުތު ނުވަނީ ކަމަށެވެ. ޝީލާގެ ހުރިހާ ވަގުތެއް ވެސް ހުސްކޮށްފައިވަނީ އޭނާގެ ކުޑަކުޑަ އާއިލާއަށް ކަމަށެވެ.

"މިހާރު ގޭގައި ހުންނަނީ އެހެންވެ ވަގުތެއް ނުވަނީ ފިލްމު ކުޅެން، ފިލްމު ލިބެންވެސް ލިބޭ، އެކަމަކު ގިނަ ފިލްމުތައް މާލެއިން ބޭރުގައި މި ނަގަނީ އެހެންވެ ނުކުޅެވެނީ، މިހާރު ކުދިން ބައިތިއްބާފައި މާލެއިން ބޭރަށް ދެވެން ނެތީ،" ޝީލާގެ ފިލްމެއް ނުފެންނާތީ ޝަކުވާ ކުރާ މީހުންނަށް ޝީލާ ދިން ޖަވާބަކީ މިއީ އެވެ.

"މިހާރު ޖޮބަކަށްވެސް ނުދަން، އެކަމަކު މަންމަ އާއި ކުދިން ހަވާލުކޮށްފައި ނުދާން ވެގެން، ކޮއްކޮމެންނަށް ވެސް މިހާރު ދަރިން ލިބުނީމަ ނުބެލޭނެއްނު އަނެއްކާ މަންމަ މުސްކުޅިވި ދުވަހު މަންމަ އާއި ކުދިން ހަވާލުކޮށްފައި ޝީލާމެންގެ އަމިއްލަ އުފަލަށް ފިލްމު ކުޅެންދާކަށް ބޭނުމެއް ނޫން، ކުދިންނަށްވެސް އެންމެ ރަނގަޅުވާނީ ޝީލާ ކުދިންގެ ކައިރީގައި ހުރީމަތާ،" އެފްއޭއެމްގައި ކުރިން ވަޒީފާ އަދާކުރި ޝީލާ ބުންޏެވެ.

މި އަހަރު ޝީލާގެ ފިލްމެއް ނުފެނި ދަރިންނާއެކު ހުރިހާ ވަގުތެއް ހޭދަކުރި ނަމަވެސް އަންނަ އަހަރު ޝީލާގެ ފިލްމެއް ފެނިގެން ހިނގައިދާނެ އެވެ. ކުރިއަށް އޮތް ސްކޫލް ބަންދުގައި ފިލްމެއް ކުޅެން ލިބިއްޖެނަމަ ޝީލާ ހުރީ ތައްޔާރަށެވެ.

ޝީލާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ޒުލޭހާ، ޔޫސުފް، 4426 ފަދަ ފިލްމުތައް ހިމެނެ އެވެ.