ރިޕޯޓް

މުއިއްޒާހެދި ޕޮއިންޓް ކެނޑުނީ ސަރުކާރަށް!

Sep 19, 2017
20

ސަރުކާރުން ފެށި ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ތެރެއިން ރެކޯޑު އަދަދަކަށް ހައުސިން ޔުނިޓު އަޅަން ކުރިޔަށް ގެންދާ މަޝްރޫއުތައް އެއީ ބަރާބަރު ކަމެކެވެ. އެކަން ފުރިހަމަ ކުރަން ކުރާ މަސައްކަތްތައް ވެސް ރަނގަޅެވެ. ނަމަވެސް އަލަށް އިއުލާން ކުރި ފްލެޓުތައް ލިބޭ 661 މީހުންގެ ވަނަވަރު ހާމަ ނުކުރި މައްސަލާގައި ސަރުކާރަށް ކުޅަދާނަ ނުވާ ވަރަށް މައްސަލައާ ޝަކުވާ ބޮޑުވެގެން މި އަންނަނީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ.

ފްލެޓު ލިބުނު ފަރާތްތައް އިއުލާންކުރި އިރު ދެފުށް ފެންނަ ގޮތަށް އެކަން ނުކުރުމާއި އިއުލާން ކުރުމުގެ ދުވަސްކޮޅެއް ކުރިން އިއްތިފާގުން ނަމަވެސް އެ ލިސްޓާ މެދު ސުވާލު އުފެދޭ ފަދަ ކަންކަން ދިމާވުމަކީ އޭގެ ހަގީގަތްތައް ހާމަކޮށް ފާޅުކަން ބޮޑު ގޮތެއްގައި މީހުންނާ ފްލެޓުތައް ހަވާލު ކުރުމުގެ މުހިންމުކަން ބޮޑުވާ ސަބަބުތަކެވެ. އެކަން ކޮށްގެން ރައްޔިތުންގެ ހިތަށް ލުޔެއް ދިނުމުގެ ބަދަލުގައި ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ސަރުކާރުން ދެނީ ކީއްވެ ހެއްޔެވެ؟ ސަރުކާރަށް ހައްގުވާ ތައުރީފު ލިބޭނެހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭގެ މާނައަކީ ބައެއް މީހުން ތުހުމަތު ކުރާފަދަ ގޯސް މަގަކުން އެކަން ގެންގޮސްފައި އޮތީ ހެއްޔެވެ؟

މައްސަލައަށާއި ފާޑުކިޔުންތަކަށް ރައްދު ދެއްވަން އަމިއްލަފުޅަށް އިސް ނަންގަވައިގެން މީޑިއާގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ދެއްކެވި ވާހަތަކުން އިތުރު ސުވާލުތައް އުފެދެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ނިކަމެތި ހާލަށް ބަލާފައި ދޭ ފްލެޓުތަކަކަށް ވާތީ ފްލެޓު ލިބުނުކަން ހާމަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ފްލެޓު ލިބޭ މީހުންގެ ނަންތައް ހާމަކޮށްގެން އެމީހުންގެ ފަގީރުކަން ހާމަވެގެން ދާނެތީ އެވެ. މިއީ ކޮންކަހަލަ ވާހަކަ އެއް ހެއްޔެވެ؟

"ގެދޮރުވެރިކަން މިދެނީ މީހެއްގެ ވަރަށް ޒާތީ ދިރިއުޅުމަކަށް ބިނާކޮށްގެން، އެ މީހާގެ ހާލަތަށް ރިއާޔަތްކޮށް ދެވޭ ފްލެޓެއް ލިބިއްޖެކަން އެންމެން އެނގުމަކީ އެމީހަކު ބޭނުންވާނެ ކަމެއް ނޫން، ފަސް ކުދިން ގޮވައިގެން ނުވަތަ ނުކުޅެދުންތެރިކަން ހުރި ކުއްޖެއް ގޮވައިގެން އުޅުން ފަދަ ކަންކަމަކީ ވަރަށް ޒާތީ ކަންކަން، އެގޮތަށް ބަލާއިރު އެންމެންގެ ވަނަވަރު ހާމަ ކުރުމަކީ އެ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަތުންކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު އެ ވިދާޅުވާ ގޮތަށް ދަތި ހާލުގައި އުޅެމުން ހައުސިން މިނިސްޓްރީ ކުރިމަތީ 15،000 މީހުންގެ ދިގު ކިއުލައިނެއް ދަމާލީ އެއީ އެ މީހުން ހާލަތު ފޮރުވައިގެން ތިބެން ބޭނުންވާތީ ހެއްޔެވެ؟ ނުވަތަ އެގޮތަށް ނިންމެވީ ފްލެޓު ލިބުމުގެ އުފާވެރި ހަބަރު ލިބުމުން އެކަން ބޮޑު ސިއްރަކަށް ހަދައިގެން މީހުން އުޅެން ބޭނުންވާނެ ކަމަށް ބަލައިގެން ހެއްޔެވެ؟

އެއްކަމެއް ވަރަށް ސާފެވެ. ދިރިއުޅުން ހުރި ގޮތުން ފްލެޓު ލިބުނު މީހުން އެކަން ހާމަ ކުރަން ބޭނުން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ފްލެޓު ލިބުނު މީހުންގެ ނަން ލިސްޓު އާންމު ކުރުމާއެކު އެ މީހުންގެ އިހުސާސްތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި އެވެ. ވަރަށް އުފަލާއެކުގަ އެވެ. ފްލެޓު ލިބުނު ކަން ހާމަ ކުރަން ފަސް ޖެހޭ ތަނެއް ނުވަތަ ލަދު ގަންނަ ތަނެއް ނުފެނެ އެވެ.

އެހެންކަމުން ފްލެޓު ލިބުނު ކަން ހާމަ ކުރަން ބޭނުން ނުވާނެ ކަމަށް މިނިސްޓަރު އެ ވިދާޅުވަނީ ކޮން ބައެއްގެ ވާހަކަތޯ ސުވާލު އުފެދިއްޖެ އެވެ. ހަމަގައިމުވެސް ރަނގަޅު ގޮތުގައި ފޯމު ހުށަހަޅައިގެން ސައްހަ މައުލޫމާތުތަކާއެކު އެއްވެސް ނުފޫޒެއް ނުފޯރުވާ ފްލެޓު ލިބުނު މީހެއް ނަމަ އެކަން ހާމަ ކުރުމަކީ އެ މީހަކު ލަދު ގަންނާނެ ކަމެއް ނޫނެވެ. ފަހުރުވެރިވާނެ ކަމެކެވެ. ނަމަވެސް އެ މީހުންނަށް ނުލިބި އަތްމަތި ތަނަވަސް، ގޯތިގެދޮރު ހުރި މީހަކަށް ފްލެޓު ލިބުނު ނަމަ މިނިސްޓަރުގެ ވާހަކަފުޅަކީ ހަގީގަތެކެވެ. ވަނަވަރު ހާމަ ކުރުމުން ވަރަށް ބޮޑު މައްސަލައަކަށް ވާނެ އެވެ. އެ މައުލޫމާތުތައް ހާމަ ކުރަން އެއްގޮތަކަށް ވެސް އެ މީހުން ބޭނުން ނުވާނެ އެވެ.

ޒާތީ މައުލޫމާތު ހިމެނޭތީ ފްލެޓު ލިބޭ މީސް މީހުންގެ ވަނަވަރު ހާމަ ނުކުރާނެ ވާހަކަ މިނިސްޓަރު ވިދާޅުވާތީ ހަނދާނަށް ގެންނަން ޖެހޭ އެހެން ކަމެއް އެބައޮތެވެ. ގުޅީ ފަޅުން ފްލެޓު ގަތް ފަރާތްތަކަށް ފްލެޓު ދޭނެ ކަމަށް ލިޔުން ހަވާލު ކުރުމަށް ސަރުކާރުން ކުލަ ގަދަ ރަސްމިއްޔާތެއް ބޭއްވި އެއެވެ. ފްލެޓު ހައްގުވާ މީހުން ކަމަށް ބުނެ އާއިލާތަކެއް ގެނެސް ފޮޓޯ ނަގާ ވީޑިއޯކޮށް އުފަލާއެކު އެ ވާހަކަދެއްކި އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވެސް ހުންނެވި އެވެ؟ ކޮންމެ މީހަކު ވަކިވަކިން ސްޓޭޖަށް އަރުވާ ލިޔުން ހަވާލު ކުރި އިރު މިކަން ވެސް ކުރީ ހަމަ ސަރުކާރުން ނޫންތޯ އެވެ؟

އަނެއް ކަމަކީ ކުއްލިއަކަށް ކާޑުގެ ބާވަތުން ސަބްސިޑީ ކަނޑާލުމުން ފަގީރުންގެ ގޮތުގައި ރެޖިސްޓާ ވުމަށް، އެންމެ މީހުން ގިނަ ސަރަހައްދުތަކުގައި ފޯކަލް ޕޮއިންޓު ހަދައިގެން މޭޒުތައް ބަހައްޓާ އެކަން ކުރި ހަނދާން ނެތުނީތޯ އެވެ؟ ކޮންމެ މީހަކު އައިސް އެތަށް ބަޔަކު އައިސް ފަގީރު ކަމުގެ ފޯމެއް ފުރާ ހަވާލު ކުރީ އެންމެންގެ ކުރިމަތީގަ އެވެ. އޭރު އެ މީހުންގެ ފަގީރުކަން ހާމަވެދާނެތީ ސަރުކާރުން ކަންބުޑު ނުވީ ކީއްވެ ހެއްޔެވެ؟ އެ މީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރަން އޭރު މައްސަލައަކަށް ނުވެ، ފްލެޓު ލިބުނު މީހުންގެ ނަން ލިސްޓު ހާމަ ކުރަން އެދުމުން ކުއްލިއަކަށް އެ މީހުންގެ ޒާތީ މައުލޫމާތަށް ބޮޑު އަހަންމިއްޔަތު ކަމެއް ލިބިގެން މިދާ ގޮތެއް ނޭނގުނެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް، ފަގީރު މީހާއަށް ފްލެޓު ލިބުނީމަ އެކަން އޭނަ ހާމަކޮށްލަން ބޭނުން ނުވާނެ ކަމަށް މުއިއްޒު ވިދާަޅުވާ ވާހަކަތައް ދެކޮޅު ނުޖެހޭ، ފްލެޓު ލިބިގެން މީހުން އެބަ އުޅޭ މޭގަ އަތް ޖަހާފައި ތިމަންނައަށް ފްލެޓު ލިބިއްޖޭ ބުނާ، ނިކަމެތި ހާލުގަ ތިބި މީހުންނަށް ފްލެޓު ލިބުނީމަ އެ މީހުން ފްލެޓު ލިބުން ވާހަކަ ބުނާނީ އުފަލުން ހިތްހަމަ ޖެހިގެން، އެއީ ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން، ތެދު ފޮރުވަން ޒާތީ މައްސަލައެކޭ ކިޔާފަ ސަރުކާރަށް މިކަންކަން ހާމަ ނުކޮށެއް ނުހުރެވޭނެ، މިކަންކަން ބަލާނަން،" ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.

ދެން އޮތީ އަނެއް ވާހަކައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ފަރާތްތަކަށް ފްލެޓު ނުލިބުނީ ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތު ސައްހަ ނޫންކަން އެނގިގެން ޕޮއިންޓުތައް އިސްލާހުކޮށްފައިވާތީ އެވެ. އަދި ސްލިޕުގައި 100 ޕޮއިންޓު ލިބުނު މީހުންނަށް ނުލިބި އެއަށް ވުރެ ދަށްކޮށް ހުރި މީހުންނަށް ލިބުނު ކަމަށް ވަނީ އެއީ އެ ޕޮއިންޓުތައް ފަހުން އިސްލާހުކޮށްފައިވާތީ އެވެ.

އެހެންކަމުގައި ވާނަމަ 100 ޕޮއިންޓު ދިނުމަށް ފަހު، ފަހުން އެ ޕޮއިންޓު އުނި ކުރަން ޖެހުނު ސަބަބެއް އެނގުމަކީ އެ ފަރާތްތަކުގެ ހައްގެއް ނޫން ހެއްޔެވެ؟ އެންމެ ކުޑަ މިނުން ފްލެޓު ލިބުނު މީހުންނަށް އެ ލިބުނީ ކިތަށް ޕޮއިންޓުންތޯ ހާމަކޮށްލުމުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ އޭރުން އޭރުން ފްލެޓު ލިބުނީ ސައްތައިން ސައްތަ ޕޮއިންޓު ލިބުނު ފަރާތްތަކަށް ކަން ވެސް ކަށަވަރުވީ އެވެ ނަމަވެސް އެކަން ވެސް ހާމައެއް ނުކުރި އެވެ. އަދި މިނިސްޓަރު މުއިއްޒު ވިދާޅުވާ ގޮތުގައި ފްލެޓު ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމު ކުރާ އިރުވެސް ޕޮއިންޓު ލިބުނު ގޮތުގެ މައުލޫމާތެއް ހާމައެއް ނުކުރާނެ އެވެ.

ސުވާލަކީ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިން ނިކަމެތިންނަށް އަޅާ ފްލެޓުތައް އެ ފަރާތްތަކާ ހަމަޔަށް ފޯރާތޯ ކަށަވަރު ކުރުމުގެ ހައްގެއް ރައްޔިތުންނަށް ލިބިފައި ނެތްތޯ އެވެ. މާދަމާ ފްލެޓުތަކަށް މީހުން ވަންނަ އިރު މަޖިލީސް މެންބަރުންތަކެއް ނުވަތަ ސަރުކާރުގެ އިސް ބަޔަކު ވަދެ، އެތަންތަން ކުއްޔަށް ދީގެން އުޅެން ފެށުމުގެ ކުރިން ކަން އޮޅުންފިލުވުމުގެ ހައްގެއް ވެސް ނުލިބޭނެ ހެއްޔެވެ؟ ދެފުށް ފެންނަ އުސޫލުން ކަންކަން ކުރިޔަށް ގެންދިޔަނަމަ މި މައްސަލަ މިހާ "އަޑުގަދަ" ނުވީސް ނޫން ހެއްޔެވެ؟ މަޑު ދުވެލީގައި ހިނގަމުން އަންނަ ސަރުކާރުގެ ބޯހިޔާވެހިކަމުގެ ވައުދަށް ލިބުނު ކުރިއެރުން އުފަލުގައި ފާހަގަ ކުރެވުނީ ނޫން ހެއްޔެވެ؟

ވަރަށް ނިކަމެތި ހާލުގައި "ކުޑަ ގޮޅިއެއް" ތެރޭ ގަނަތެޅެމުން އައި އެތަށް އާއިލާތަކުން ދިރިއުޅެވޭނެ އެ ނޫން އެހެން ގޮތަކަށް އެދި، ފްލެޓަށް ފޯމު ހުށަހެޅިތާ ހަތަރު އަހަރަށް ވުރެ ވެސް ގިނަ ދުވަސްވީ އެވެ. އެ ހާލުގައި ކުރަމުން އައި ދިގު އިންތިޒަރު ނިމުމަކަށް އައިސް، އުންމީދުގެ ރަހަ ކަރުތެރޭ ލީ، އެ ފްލެޓަށް ހޮވުނު ފަރާތްތަކުގެ ލިސްޓު މިދިޔަ ހަފުތާ ތެރޭގައި އާންމު ކުރުމާ އެކުގަ އެވެ. މިއީ ހަމައެކަނި ފްލެޓު ކަށަވަރުވި 661 އާއިލާތަކަށް ލިބުނު ބޮޑު އުފަލެއް ނޫނެވެ. ސަރުކާރަށް ވެސް ތައުރީފު ހައްގެވެ. ނަމަވެސް ގޮތް ދޫނުކުރުމާއި ދެފުށް ފެންނަ ސިޔާސަތާ ދުރު ވިސްނުމެއް ނުގެންގުޅޭނަމަ އެކަން "ބޮލުގަ ރިހުމަކަށް" ނުވީހެވެ. މިހާރު މިވީ ގޮތުން ޕޮއިންޓް ކެނޑުނީ ސަރުކާރަށެވެ.