ކުޅިވަރު

ރޫނީގެ ޑްރައިވިން ލައިސެންސް ދެ އަހަރަށް ބާތިލް ކޮށްފި

Sep 19, 2017

ބަނގުރާ ބޮއެގެން ހުރެ، ކާރު ދުއްވި ކަމުގެ ކުށް ސާބިތު ވުމުން، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އަށް ދީފައިވާ ޑްރައިވިން ލައިސެންސް ދެ އަހަރަށް ބާތިލް ކޮށްފި އެވެ.

މި މަހު އެއް ވަނަ ދުވަހު، އިނގިރޭސި ޓްރެފިކް ފުލުހުން ވަނީ މެންޗެސްޓާގެ ވިލްމްސްލޯ ޓައުންގައި، ކާރު ދުއްވާފައި ދަނިކޮށް ރޫނީ ހުއްޓުވާފަ އެވެ. ފުލުހުން އޭނާ ހުއްޓުވީ، ބަނގުރާ ބޮއެގެން ހުރެ ދުއްވި ކަމުގެ ތުހުމަތު ގައެވެ.

މެންޗެސްޓާގެ ސްޓޮކްޕާޓް ޓައުންގައި ހުންނަ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ، އެ ކުށް އޭނާގެ މައްޗަށް ސާބިތު ވުމުން، ލައިސެންސް ބާތިލު ކޮށް، ކޯޓުން ކަނޑައަޅާ ވަގުތު ފުރިހަމަ ވަންދެން ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އަމުރު ކޮށްފަ އެވެ. އެގޮތުން އެއް އަހަރަށް ދެމިގެންދާ ގޮތަށް 100 ގަޑިއިރު ވަންދެން އިޖުތިމާއީ މަސައްކަތް ހިލޭ ސާބަހަށް ކުރުމަށް ރޫނީގެ މައްޗަށް އަމުރު ކޮށްފައި ވެއެވެ.

ރޫނީ ކޯޓަށް ދިޔައިރު، ބައެއް ފޮޓޯގުރާފަފަރުންނާ އޭނާ އާ ބައްދަލުވި އެވެ. ނަމަވެސް އެއްވެސް އެއްޗެއް ހާމަކޮށްފަ އެއް ނުވެ އެވެ. ފަހުން އޭނާގެ ވެބްސައިޓްގައި ނެރެފައިވާ ބަޔާނެއްގައި ރޫނީ ވަނީ، އޭނާ ކުރި ކުށަށް ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.

"ގާނޫނީ ހައްދުގެ ބޭރުން ދުއްވިފައި ވުމުން އަހަރެން ބޭނުން ޕަބްލިކްގައި މާފަށް އެދެން، އަހަންނަށް ހެދުނީ ބޮޑު ގޯހެއް،" ރޫނީގެ ވެބްސައިޓްގައި ނެރެފައިވާ ބަޔާނެއްގައި އޭނާ ބުނެފައި ވެއެވެ. "އަހަރެންގެ އާއިލާގެ ކިބައިން އަހަރެން މާފަށް އެދިއްޖެއިން ކޯޗް [ރޮނަލްޑް ކޫމަން] އާއި ޗެއާމަންގެ ކިބައިން އަދި އެވަޓަން އެފްސީގެ ހުރިހާ އެންމެންގެ ގާތުން އަހަރެން މާފަށް އެދިއްޖެއިން، އަހަރެން މިހާރު ބޭނުން ވަނީ އާންމުންގެ ކިބައިންނާއި އަހަރެންގެ ސަޕޯޓަރުންގެ ކިބައިންނާއި އަހަރެންގެ ކެރިއަރުގައި އަހަންނަށް ސަޕޯޓް ކުރި އެންމެންގެ ކިބައިން މާފަށް އެދެން."

ރުނީ ބުނީ، ކޯޓުން އޭނާއަށް، އިޖުތިމާއީ މަސައްކަތް ކުރުމަށް ކުރި އަމުރު ބަލައި ގަންނަ ކަމަށާއި އިޖުތިމާއީ އެ މަސައްކަތުން އޭނާ ކުރި ކުށް ފޫބެދިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ދެހާސް ދެ ވަނަ އަހަރު، އުމުރުން 16 އަހަރުގައި، އެވަޓަންއިން ސީނިއާ ކެރިއާ ފެށި ރޫނީ، ކުލަބާއި ގައުމީ ޓީމުގައިވެސް ވިދުން ގަދަ އެވެ. މިދިޔަ މަހު ގައުމީ ޓީމުން ރިޓަޔާ ކުރި ރޫނީ31 އަކީ އިނގިރޭސީ ގައުމީ ޓީމުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 119 މެޗުގައި 53 ގޯލް ޖާހަފަ އެވެ.

އޭނާ އަކީ، އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓަޑްގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ. ޔުނައިޓަޑަށް ކުޅުނު 13 އަހަރުގެ މުއްދަތުގައި އޭނާ ވަނީ 253 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރޫނީ އެވަޓަންއާ އަލުން ގުޅުނީ ދެ އަހަރުގެ މުއްދަތަކަށެވެ. އޭނާ ވަނީ އެވަޓަން އަށް އަލުން ބަދަލުވި ފަހުންވެސް ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.