ދުނިޔެ

ޔޫގެންޑާ ހެލްތު މިނިސްޓަރުގެ އަންޑަކަވާ އޮޕަރޭޝަނެއް!

ޔޫގެންޑާގެ ސަރުކާރު ހޮސްޕިޓަލުތަކުގެ މުވައްޒަފުން މީހުން އަތުން ނުހައްގުން ފައިސާ އަތުލާ ވާހަކައަކީ ތެދެއްތޯ ބެއްލެވުމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ސާރާ އޮޕެންޑީ ހާއްސަ އޮޕަރޭޝަނެއް ހިންގަަވައި ދެ މުވައްޒަފެއްގެ ކަންތައް ފަޅާއަރުވައި ލައްވައިފި އެވެ.

މިނިސްޓަރު ކަމުގެ ބުރަ ޝެޑިއުލް އިން އެއްފަރާތްވެ ވަޑައިގެން ސާރާ ހޮސްޕިޓަލަށް ވަޑައިގެންނެވީ މޫނު ބުރުގާ އަޅުއްވައި ކާކުކަން ނޭނގޭ ގޮތަށެވެ. އާއްމު އާދައިގެ ބަލި މީހަކު ދާން ޖެހޭ މަގުން ވަޑައިގެން ހިދުމަތް ހޯއްދަވަން އުޅުއްވުމުން އޭނާއަށް ވެސް ޖެހިވަޑައިގެންނެވީ ހިލޭ ލިބޭ ދެ ހިދުމަތެއް ހޯއްދެވުމަށްޓަކައި "ރިޝްވަތު" ގެ ގޮތުފައި ފައިސާ ދެއްވާށެވެ.

"ހޮސްޕިޓަލުގެ މުވައްޒަފުންް މީހުން އަތުން ފައިސާ ނަގާ ކަމުގެ ގިނަ ޝަކުވާތަކެއް އަޅުގަނޑަށް ވަނީ ލިބިފައި،" ހޮސްޕިޓަލުގެ ހާލަތު ބެއްލެވުމަށް ފަހު އޭޖެންސެ ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ސާރާ ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލުން ސާރާ ހޯއްދަވަން އުޅުއްވި ހިދުމަތަކީ މެޑިކަލް ޓެސްޓްތަކެއް ހެއްދެވުމެވެ. ހިލޭ ލިބޭ އެ ހިދުމަތަށް އޭނާގެ އަތްޕުޅުން 150000 ޔޫގެންޑާ ޝިލިން (40 އެމެރިކާ ޑޮލަރު) އަތުލި އެވެ.

"އަޅުގަނޑު ބުނިން ފައިސާއެއް ނެތޭ. އެކަމަކު އޭނާ ބާރު އެޅި،" ރިޝްވަތު ހޯދަން އުޅުނު ފުރަތަމަ މުވައްޒަފު ކަަންތައް ކުރި ގޮތް ވިދާޅުވެ ދެއްވަމުން ސާރާ ވިދާޅުވެފައި ވެެއެވެ.

އޭނާއަށް ފައިސާ ދިނުމުން ދެން ފޮނުވީ ޓެސްޓިން ސްޓްރިޕް ނެގުމަށް ޓަކައި ނާސިން އެސިސްޓެންޓެއްގެ ގާތަށެވެ. އޭނާއަށް ފައިސާ ދެއްވުމަށް ފަހު ސާރާ ދެން ގުޅުއްވީ ފުލުހުންނަށެވެ.

ސާރާ އަންޑަ ކަވާ އޮޕަރޭޝަނެއް ހިންގެވީ ޗައިނާ ސަރުކާރުން ބިނާ ކޮށްދީފައިވާ ނަގޫރޫ ހޮސްޕިޓަލުގަ އެވެ.

މުވައްޒަފުންނަށް މަހަކު 70 ޑޮލަރަށް ވުރެ ކުޑަ މުސާރައެއްދޭ ޔޫގެންޑާގެ ހޮސްޕިޓަލުތަކުގައި ބަލިމީހުން އަތުން ފަައިސާ އަތުލުން އޮންްނަނީ އާއްމު ކަމަކަށް ވެފައެވެ.