ދުނިޔެ

ބައިނަލްއަގުވާމީ ފާޑުކިއުންތަކަށް ސޫކީ ގޮންޖައްސަވައިފި

(ބީބީސީ) -- ރަޚާން ސްޓޭޓްގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ހެދި ބައިނަލް އަގުވާމީ ގޮތުން ކުރިމަތިކުރަމުންދާ ފާޑުކިއުންތަކަށް ބިރުފުޅުގެން ވަޑައި ނުގަންނަވާ ކަމަށް މިޔަންމާގެ ލީޑަރު (ސްޓޭޓް ކައުންސިލާ) އަންސަން ސޫކީ ވިދާޅުވެއްޖެ އެވެ.

ސޫކީ މިހެން ވިދާޅުވީ ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްވި ތަގުރީރެއްގަ އެވެ. ރަޚާން ސްޓޭޓުގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގާ އަނިޔާވެރި އަމަލުތަކުގެ މިފަހަރުގެ ސިލްސިލާ ފެށުނު ފަހުން ސޫކީ އާއްމު ތަގުރީރެއް ދެއްވި މިއީ ފުރަތަމަ ފަހަރެވެ.

ގޮތް ދޫނުކުރައްވައި އަމިއްލަފުޅު ރައުޔު ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސޫކީ ވިދާޅުވީ ރަޚާން ސްޓޭޓު ހާލަތަށް ރިއާޔަތްްކޮށް އޭނާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ބައިނަލް އަގުވާމީ މުޖުތަމައުން ދަންނަން ޖެހޭނެ ކަމަށެވެ.

ރަޚާން ސްޓޭޓްގައި ހިންގާ އިންސާނީ ހައްގުތައް ނަގައިލުމުގެ ހުރިހާ އަމަލެއް ކުށްވެރިކުރައްވާ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ހުރިހާ ފަރާތްތަކެއްް ވެސް ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ތަގުރީރަކީ އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައި ނުގެންނެވުމުން ދެއްވި ތަގުރީރެއް ކަމަށް ސޫކީ ވިދާޅުވި އެވެ.

އަންސަން ސޫކީ ކުރިއްސުރެ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރަޚާން ސްޓޭޓުގައި މިޔަންމާ ސިފައިން ހިންގަމުންދާ އޮޕަރޭޝަން ތަކަކީ ހަނގުރާމަވެރިން ބަލި ކުރުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ. ނަމަވެސް އެއީ އިތުރުފުޅެއްކަން މާކުރިން ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން ރޯހިންޔާ ދަރިކޮޅުގެ އާއްމުން މަރައި ގެދޮރު އަންދައި އަންހެނުންގެ އިއްފަތްތެރިކަން ނަގައިލުން ފަަދަ އެތައް ޖަރީމާތަކެއްގެ މިޔަންމާ ސިފައިން ހންގާ ކަމަށް އދ. އިން މިދިޔަ އަހަރުވެސް ބުންޏެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގައެވެ.