ތޫފާން

ތޫފާން މާރިއާ ޑޮމިނިކާއަށް އެރީ ކެޓަގަރީ ފަހެއްގެ ބާރުމިނުގައި

ކެރީބިއަން ސަރަހައްދުގައިވާ ބާރުގަދަ ތޫފާން "ހަރިކޭން މާރިއާ" ޑޮމިނިކާއަށް އަރައި ބޮޑެތި ގެއްލުންްތައް ލިބިއްޖެ އެވެ.

އެ ތޫފާން އަރާއިރު ބާރުމިން ހުންނާނީ ކެޓަގަރީ ހަތަރެއްގައި ކަަމަށް ކުރިން ބެލެވިފައި ވިޔައަސް ޑޮމިނިކާއަށް އެރިއިރު ތުފާނުގެ ބާރުމިން ހުރީ ކެޓަގަރީ ފަހެއްގަ އެވެ. އެއީ ހަރިކޭންތައް މިންކުރާ ސެފިފް ސިމްޕްސަން ސްކޭލުގައިވާ އެންމެ މަތީ މިންގަނޑެވެ.

ޑޮމިނިކާއަށް އެރި އިރު ތޫފާނުގައި ވައިޖެހެމުން ދިޔައީ ގަޑިއަކު 160 މޭލުގެ ބާރު މިނުގަ އެވެ.

ތޫފާން އެރުމާއެކު ފުރަަތަމަ ހަލާކުވި ގެތަކުގެ ތެރޭގައި ޑޮމިނިކާގެ ބޮޑުވަޒީރު ރޫޒްވެލްޓް ސްކެރިޓްގެ ގެކޮޅު ހިމެނެ އެވެ. ސްކެރިޓްގެ ގެކޮޅުގެ ފުރާޅު އެއްލާލާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ބޮޑުވަޒީރު ވަނީ ސޯޝަލް މީޑިއާ ފޭސްބުކްގައި އާއްމުކުރައްވާފަ އެވެ. ފޭސްބުކްގައި އޭނާ ވިދާޅުވެގައި ވަނީ ގެކޮޅުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އޭނާ ސަލާމަތްކޮށްގެން އެެހެން ތަނަކަށް ގެންގޮސްފައިވާ ކަމަށް ފަހުން ވަނީ ވިދާޅުވެފަ އެވެ.

ތޫފާން އެރުމުން ޑޮމިނިކާގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް ވަނީ ބަންދުކޮށްފަ އެވެ.

ތޫފާން މާރިއާއަށް ތައްޔާރުވުމަށް މާޓިނިކިއު އަށްވެސް ވަނީ ދީފައެވެ. އެތޫފާން އަރާނެ ކަމަށް ބެލެވޭ ތަންްތަނުގެ ތެރޭގައި ޕޮޓޯރިކޯއާއި ޔޫއެސް އަދި ބްރިޓިޝް ވާޖިން އައިލެންޑްސް ހިމެނެއެވެ.

ސީއެން އެން ބުނީ ކެރީބިއަން އަަށް ކުރިން އެރި ތޫފާން އަރމާގެ ސަބަބުން ގެއްލުންތައް ލިބިފައިވާ ޕޯޓޯރިކޯގައި ތޫފާން މާރިއާ ހެދި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަަމަށެވެ. ތޫފާން އަރމާގައި ހަލާކުވި ބައެއް ރަށްތަކުގެ މީހުން ހިޔާވަހިކަން ހޯދައިގެން މިހާރު ތިބީ ވެސް އެތަނުންނެވެ.

އެތޫފާނުގެ އިތުރުން އެމެރިކާއަށް ވެސް ކުރާނެ ކަމަށް ބެލެވޭ އިރު ހަރިކޭން ހޯސޭ ވެސް އެސަރަހައްދުގައި އަދި އެބަހުއްޓެވެ. ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި އެމެރިކާއަށް ވަނީ ބާރުގަދަ ދެތޫފާން އަރައި 100 ވަރަކަށް މީހުން މަރުވެ 200 ބިލިޔަން ޑޮލަރުގެ ގެއްލުން ވެފައެވެ.