ދުނިޔެ

ނިއުކްލިއަ ހަނގުރާމައަކުން ދުނިޔެ ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ

ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއި ޔޫނިއަން އޮފް ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކް (ޔޫއެސްއެސްއާރް) އަދި މިހާރުގެ ރަޝިޔާ އާއި އެމެރިކާއާ ދެމެދު ނިއުކްލިއަ ހަނގުރާމައެއް ފެށެން މެދުވެރިވާ ފަދަ ހާލަތެއްގައި އެކަން ފިނިކޮށް، އެފަދަ ހަނގުރާމައެއް ފެށުނަ ނުދިން ސްޓެނިސްލާވް ޕެޓްރޯވް މަރުވެއްޖެ އެވެ.

ފިނި ހަނގުރާމައިގެ ގޮތުގައި މަޝްހޫރުވެފައި ވަނީ ޔޫއެސްއެސްއާރްއާއި އެމެރިކާއިން ފުޅާ ދާއިރާއެއްގައި ހަނގުރާމައަކަށް ތައްުޔާރުވެގެން އެހެން ނަމަވެސް ހަނގުރާމައެއް ނުފަށައި ތިބި ދުވަސްވަރަކަށެވެ. އަނެއް ގައުމަށް ނިއުކްލިއަ ހަމަލާއެއް ދޭން ވެސް ދެގައުމުން އޭރު އޮތީ ތައްޔާރަށެވެ. ދެފަރާތުގެ ދެމެދުގައި ސީދާ ގޮތެއްގައި ހަނގުރާމަ ނުހިނގިޔަސް ދެފަރާތުގެ މަދަދާއި އެކު ސަރަހައްދީ ހަނގުރާމަތައް އެދުވަސްވަރު ހިނގިއެވެ. ދެވަނަ ބޮޑުހަނގުރާމަ ހަމަ ނިމުމާއެކު ފެށުނު އެ ހަމަނުޖެހުން ނިމުމަކަށް އައީ 1991 ވަނަ އަހަރު ޔޫއެސްއެސްއާރު އުވައިލުމުންނެވެ.

ޕެޓްރޯވް މަރުވީ އޭނާގެ ގޭގައި މިއަހަރުގެ މޭމަހުއެވެ. ނަމަވެސް އެކަން ބައިނަލް އަގުވާމީ މީޑިއާތަކަށް އެނގުނީ މިއަދުއެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ޔޫއެސްއެސްއާރްގެ ނިއުކްލިއަ އާލީ ވޯނިން ސެންޓަރުގެ ކޮމްޕިއުޓަރުތަކަށް އެމެރިކާގެ ނިއުކްލިއަ މިސައިލްތަކެއް އަންނަ ކަމުގެ ނުބައި މައުލޫމާތު ލިބުނީ 1983 ވަނަ އަހަގެ ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. އޭރު އެސެންޓަރުގެ ޑިއުޓީގައި ހުރީ ޕެޓްރޯވް އެވެ. ސެންޓަރުގެ ކޮމްޕިއުޓަރުތަކުން ދެއްކީ އެމެރިކާއިން ފަސް މިސައިލް ލޯންޗްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަސްކަރިއްޔާގެ ވެރިންނަށް އެމައުލޫމާތު އެގޮތަށް ނުދީ ސިފައިންގެ ހެޑްކުއާޓަރުގައި ހުރި ޑިއުޓީ އޮފިސަރަށް އެންގީ ސިސްޓަމްތަކުގައި މައްސަލައެއް އުޅޭ ކަމަަށެވެ.

ކޮމްޕިއުޓަރުތަކުން ލިބުނު މައުލޫމާތަކީ ހަގީގަތެއް ކަމަށް ބަލައި، އެމައުލޫމާތު ދިން ނަމަ ޔޫއެސްއެސްއާރުން އެމެރިކާއާއި އެގައުމުގެ ބައިވެރިންނަށް ނިއުކްލިއަ ހަމަލާތަކެއް ދިނީހެވެ. އަދި ނަތީިޖާއެއްގެ ގޮތުން އެމެރިކާއިން ވެސް އެފަދަ ހަަމަލާތަކެއް ދީ ދުނިޔޭގައި ވ ވަރުގަދަ ނިއުކްލިއަ ހަނގުރާމައެއް ފެށުނީހެވެ.

" ( މިސައިލް ހަމަލާއެއް އެބަދޭކަމަށް ކަނޑައަޅަން ބޭނުންވާ) ހުރިހާ މައުލޫމާތެއް އަހަރެންގެ އަތުގައި ހުރި، ޗެއިން އޮފް ކޮމާންޑަށް އަހަަރެން އެގޮތަށް ރިޕޯޓް ކުރި ނަމަ އެކަމާ ދެކޮޅަށް އެކަކުވެސް ބަހެއް ނުބުނީސް،" ބީބީސީ ރަޝަން ސާވިސްއަށް 2013 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޕެޓްރޯވް ބުނެފައި ވެއެވެ.

އެމެރިކާއިން މިސައިލްތަކެއް ފޮނުވައިލި ކަމަށް ކޮމްޕިއުޓަރު ތަކުން ދެއްކިޔަސް އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ނިންމި ސަބަބާ ބެހޭ ގޮތުން އޭނާ ބުނެފައި ވަނީ އެމެރިކާއިން ހަމަލާއެއް ދޭނަމަ ދޭނާނީ އެކީ އެކައްޗަކަށް ކަމަށް އޭނާއަށް ކުރިން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވީމާ އެންމެ ފަސް މިސައިލަކީ މާ މަދު އަދަދެއްކަމަށް އޭނާއަށް ގަބޫލުކުރެވުނީއެވެ.

ކޮމްޕިއުޓަރުތަކަށް ލިބުނު މައުލޫމާތު ނުބައި ކަމަށް ނިންމި ނިންމުން ރަނގަޅުކަން އެނގުނީ އޭގެ ފަހުން 23 މިނެޓް ވީ އިރު ވެސް ޔޫއެެސްއެސްއާރުގެ ސަރަހައްދަކަށް މިސައިލެއް ނޭރުމުންނެވެ. ފަހުން ކުރި ތަހުގީގަކުން އެނގުނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކެއްގެ އިންޖީނުގެ ގޮތުގައި ސެޓެލައިޓްތަކަށް ދެއްކީ ވިލާތަކަށް އެޅިފައިވާ އަވި ކަމެވެ.

ޕެޓްރޯވްގެ ނިންމުމާ ބެހޭ ގޮތުން ބޮޑު ތަހުގީގެއް ހިންގި ނަމަވެސް އޭނާއަށް ޔޫއެސްއެސްއާރުން އަދަބެެއް ދީފައެއް ނުވެއެވެ. އަދި އޭނާގެ ސަބަބުން ވީ އެހާބޮޑު ފައިދާއަށް ޓަކައި އިނާމެއް ވެސް ނުމެދޭމެއެވެ. އޭނާ އަސްކަރީ ހިދުމަތުން ރިޓަޔާ ކުރީ ލެފްޓިނެންޓް ކާނަލެއްގެ ރޭންކްގައި ހުރެގެންނެވެ.

މޭމަހުގެ 19 ވަނަ ދުވަހު ޕެޓްރޯވް މަރުވި ނަމަވެސް ބައިނަލް އަގުވާމީ މީޑިއާތަކަށް އެކަން އެނގުނީ މިހިނގާ ސެޕްޓެމްބަރުމަހުއެވެ. އެކަން އެނގުނީ ޖަރުމަނުގެ ފިލްމު އުފައްދާ މީހެއް ކަމަށްވާ ކާލް ޝޫމާ އޭނާއަށް ގުޅަން ކުރި މަސައްކަތުންނެވެ. ޕެޓްރޯވްގެ އުފަން ދުވަސް ކަމަށްވާ ސެޕްޓެމްބަެރު ހަތެއްގައި ޝޫމާ ގުޅުމުން މަރުގެ ހަބަރު ދިނީ އާއިލާގެ މެމްބަރުންނެވެ. - ބީބީސީ