ވާހަކަ

މިންނުގެ ޑައިރީ

(17 ސެޕްޓެމްބަރ 2017 އާ ގުޅޭ)
ހިނިއައިސްފައި އިނދެ ޔާނާ ފުންނޭވާއެއް ލާ އޭނާއާއެކު އެނދުގައި އިން ޒޭނަށް ބަލާލިއެވެ. އޭނާ އެ އޮތީ ޝައުގުވެރިކަމާއެކު އަޑުއަހާންކަން ޔާނާއަށް އެނގެއެވެ.

"އަދިވެސް ކިޔަންވީތަ؟" ޒޭން ގާތުގައި ޔާނާ އަހާލިއެވެ. އެއާއެކު ނިކަން އަވަހަށް އާނއެކޭ ބުނުމުގެ ގޮތުން ޒޭން ބޯޖަހާލިއެވެ. ޒޭންގެ އެއްވެސް ސުވާލަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. އެކަމަކު އެ ޑައިރީގެ ސަބަބުން އުފެދޭ ސުވާލުތައް ވީ ހައްތަހާ ގިނައެވެ. ދޮންމަންމައަކީ ކާކުބާއޭ އަދިވެސް ޒޭންގެ ހިތަށް އަރައެވެ. އެ ޑައިރީގައި ލިޔެފައި އެވަނީ އޭނާއާ ނުވެސް ގުޅޭ ވާހަކަތަކެކެވެ. ޒޭންގެ ދޮންމަންމައަކީ އެހެން މީހުންނާ ދޭތެރޭ ވިސްނާނޭ މީހެއްނޫނެވެ. އެއަށްވުރެ އޭނާގެ އަމިއްލަ އެދުން ބޮޑެވެ. އޭނާއަކީ މުދަލާއި ފައިސާއާ ހެދި އުޅޭ އަންހެނެކެވެ.

ޚިޔާލުތަކުގައި ޒޭން އޮތް އިރު ޔާނާ ސައިތަށި އެއްކޮށް ހުސްކޮށްލައިފިއެވެ. އޭރު ސައިތަށި ހުރީ އެއްކޮށް ފިނިވެފައެވެ. ޒޭންގެ މޫނަށް ޔާނާ އަދިވެސް އެއްފަހަރު ބަލާލިއެވެ. އޭނާ ކަމަކާ ވިސްނަނީކަން ޔާނާއަށް އެނގެއެވެ.

"މިންނު ހީވަނީ ވަރަށް ސުވީޓު މީހެއްހެން" ޔާނާ ބުނެލިއެވެ.

"ނުވާނެ އެހެނެއް. ތީ އެހެން މިންނުއެއް ކަންނޭނގެ... ދޮންމަންމަގެ ވާހަކައެއްނޫން ތި ފޮތުގައި ތި އޮތީ. އޭނާއަކީ އެހާ އިނޮސެންޓް މީހެއްނޫން" ޔާނާގެ ޚިޔާލާ ޒޭން އެއްބަހެއްނުވިއެވެ. އަދި އެނދުން ތެދުވެލައި ސައިހަދައިގެން ގެނައި ތަބަށްނަގާ ދޮރުކައިރީ ހުރި މޭޒުމަތީ ބެހެއްޓިއެވެ. ޔާނާ އެނދުގައި ހަމަޖެހިލަމުން ދެފައި ދަމާލިއެވެ. ޒޭން ޔާނާގެ ގާތުގައި އޮށޯވެލައިގެން އޮތެވެ. އެހެން އޮތްއިރު އޭނާ ދިޔައީ ކުރިން ސިޓީއުރައިގެ ތެރޭއޮތް ރިހި ފަށަށް ބަލަމުންނެވެ. އެއީ ކާކުގެ ފަށެއް ބާއޭ ހިތަށް އަރާވަރުންނެވެ. ޒޭން ޔާނާއަށް ބަލާލަމުން ކިޔަން ފައްޓާށޭ ބުނެލިއެވެ. ޔާނާ ފޮތުގެ ގަނޑުއެއްލުމަށްފަހު ދެން ކިޔަންވީ ހިސާބުން ފެއްޓިއެވެ.

ޔާނާ ޑައިރީ ކިޔަން ފައްޓަން އުޅެނިކޮށް އޭނާގެ ފޯނު ރިންގުވާންފެށިއެވެ. އޭނާއަށް ގުޅީ އަޒާނެވެ. ޔާނާގެ ޚަބަރެއް ނުވާތާ ގިނައިރުވުމުންނެވެ. ގެއަށް އަންނަނީ ކޮންއިރަކުންތޯ އަހާލުމަށެވެ. ޔާނާގެ މަންމަ ޝަމްލާއަކީ ސުވާލުގިނަ މީހަކަށް ވާތީއެވެ. ހުރިހާ ޝަކުވާއެއް ކުރާނީ އަޒާނާއެވެ. އޭނާ ދަރިފުޅަށް މާބޮޑަށް މިނިވަންކަން ދެނީ ކަމުގައެވެ.

"ރޭގަނޑު ލަސްނުވަނީސް އަޅުގަނޑު ދާނަން" ކަންފަތާއި ފޯނު ކައިރިކޮށްލައިގެން އިނދެ ޔާނާ ބުންޏެވެ.

"މިހާރު އިރުއޮއްސެނީ... އެކަނި އަންނަންޏާ ބައްޕައަށް ގުޅައްޗޭ. ދެން ބޭއްވީ..." ފޯނުގެ އަނެއްކޮޅުގައި ހުރި އަޒާން ބުންޏެވެ. ޔާނާ އެއްބަސްވުމުގެ ގޮތުން ހޫންއެއް ލައްވާލާފައި ފޯނު ކޯލު ކަނޑާލިއެވެ.

"ބައްޕަ ގުޅީ... އިރުއޮއްސޭތީ... ލަސްނުވެ އަންނައްޗޯ" ޔާނާއަށް ބަލަން އޮތް ޒޭނަށް އޭނާ ބުނެލިއެވެ.

"އަހަންނަށް އަޑު އިވުނޭ... ބައްޕަގެ ތުއްތު ބަބާ" ހިނިއައިސްފައި ޒޭން ބުނެލިއެވެ. ޔާނާ ވެސް ހިނިތުންވެލިއެވެ. އަދި ދެ މީހުންގެ ސަމާލުކަން ޔާނާގެ އުނގުގައި އޮތް ޑައިރީއަށް ހުއްޓާލިއެވެ. މެދު ކަނޑާލި ހިސާބުން ޔާނާ ކިޔަންފެށިއެވެ.

* * * * *

މިންނުގެ ޑައިރީ:

އޭ އެކުވެރިޔާއެވެ. އާދުވަހަކަށް މަރުޚަބާއެވެ. ނަމަވެސް މިހާރު ދުނިޔެމައްޗަށްވަނީ ކަނުއަނދިރިކަން ފެތުރިފައެވެ. ކުރާނީ ކީއްހެއްޔެވެ. ކުރަން ހުރި ހުރިހާ ކަމެއްކޮށް ނިމުމުން މި ނުކުތީ ފެންވަރާ ތާޒާ ވެލައިގެންނެވެ. ތި އެކުވެރިޔާއަށް އަހަންނަށް މިއަދު ދިމާވި ހުރިހާކަމެއް ކިޔާދިނުމަށެވެ.

އެކުވެރިޔާއެވެ. މިއަދު އޮފީސް ސައިގަޑީގައި ހަސަނު އައިސް އެންމެނަށް ދިން ޚަބަރަކީ، އޮފީސް ފަރާތުން ދަތުރެއް ރާވާ ޚަބަރެވެ. މާދަމާ އަކީ ހުކުރު ދުވަހަށްވެފައި ދަތުރު އޮތީ މާދަމާކަމުގައި ބުންޏެވެ. އަދި އޭނާ ކުރިކަމެއް އެނގޭ ހެއްޔެވެ. ހުރިހާ އަންހެނުން ތަކުގެ ތެރޭހުރެ އަހަރެންގެ ގާތުގައި މާދަމާ ދަތުރުދާނަންތޯ އެހިއެވެ. ކޮންމެހެން ވެސް މި ދަތުރުގައި އަހަރެން ބައިވެރިވާން ވާނޭ ކަމުގައި ބުންޏެވެ. އެއްވެސް ބަހަނާއެއް އޭނާ ޤަބޫލެއް ނުކުރާނަމޭ ބުންޏެވެ. އަހަރެން ގޮސްފިނަމަ އޭނާ ވަރަށް އުފާވާނޭ ކަމުގައި ވެސް ބުންޏެވެ. ވީފޫއްސެއް ބުނެދޭން ވެސް ނޭނގެއެވެ. ތުންއަނބުރާލާފަ ވަރަށް ފޫހިވެއޭ ބުނެފާނަމޭވެސް ހިތަށްއެރިއެވެ. އެކަމަކު އަހަރެން ކުރި ކަންތައް ވެސް ކުޑައެއް ނޫނެވެ. އެހާ ފޫހިވެ ހިތްހަމަނުޖެހިފައި ހުރެ ވެސް ހަސަނު އެ ދެއްކި ވާހަކައަށް އަހަންނަށް ދެވުނީ ހިނިތުންވުމެކެވެ. އެހިސާބުން ހަސަނަށް ހީވީ އަހަރެންގެ ފަރާތުން އާނބަސް ލިބުނީ ކަމުގައެވެ. އަމިއްލަ ނަފްސަށް ލިބުނު މާޔޫސްކަމުގައި މޫނު އަނބުރާލި ވަގުތު... އަސްތާ! އަހަރެންގެ ހިތް ތެޅިގަތެވެ. ސައިކޮޓަރިތެރޭ އެހެންމީހުނާ އެކަހެރިކޮށް ދުރުގައި އެހެރީ އެއްކަލަ ޒުވާނާއެވެ. އަތުގައި އޮތް ކޮފީތަށި ސަމްސަލަކުން ގިރާލަ ގިރާލާ ހުއްޓެވެ. އޭނާގެ އެ ތޫނު ނަޒަރު ހުރީ އަހަރުމެން އަންހެނުންތަކުގެ ތެރެއަށް ހުއްޓިފައެވެ. ހިތް އަވަސްވި ވަރުން ތުންފަތުގައި ދައި ވެސް ގަނެވުނެވެ. ނަމަވެސް ދެރައީ އޭނާ އެ ހިސާބުގައި ހުރެ އެ ބަލަނީ އަހަރުމެންގެ ތެރެއިން ކޮން އަންހެނަކަށް ކަމެއް ނޭނގޭތީއެވެ. އެހެންވިޔަސް އޭނާ ބަލަން ހުރިތަން ފެނުމުން އަހަރެންގެ ހިތަށް ބުނެދޭންނޭގޭ ކަހަލަ އިޙްސާސެއް ކުރުވިއެވެ. ބޭއިޚްތިޔާރުގައި މޮޔައަކުހެން އަވަހަށް ހަސަނު ގާތު އަހާލެވުނީ އޮފީހުގެ ހުރިހާ މީހުން ދާނެތޯއެވެ. އޭނާއާ އިސްވެ އަހަރެން ވާހަކަދެއްކުމުން ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އަދި ނިކަން ގަޔާވެފައި ހުރެ އޮފީހުގެ ހުރިހާ އެންމެން ވެސް ދަތުރުގައި ބައިވެރިވާނޭކަމުގައި ބުންޏެވެ. އަދި މި ދަތުރުގައި ޚާއްޞަކޮށް އޮފީހުގެ ހުރިހާ މުއްވަޒަފުން ވެސް ބައިވެރިވުން މަޖުބޫރުކަމުގައި ބުނެ ގޮތް ބޮޑު ކޮށްލިއެވެ. އެވަގުތު އަހަރެންގެ ހިތަށް އެރީ އެހެންވީރު އެ ޕުރިންސް ޗާމިންގުވެސް ދާނެތާއެވެ. އެހެންނަމަވެސް އުޅެވުނު ގޮތް ހިތަށް ސިފަވުމުން ލަދުގަތެވެ. އެ ޒުވާނާ އަހަރެންގެ ޠަބީޢަތާ ވެސް ކުޅެލީއެވެ. އޮފީހުގައި ހޭދަވި ހުރިހާ ވަގުތެއްގައި ހެން އަހަރެންގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައީ އެއް ޚިޔާލެކެވެ. އެއީ އެ ޒުވާނާ ދަތުރުގައި ބައިވެރިވަންޏާ އަހަރެން ވެސް މި ދަތުރު ކޮންމެހެން ދާން ބޭނުންކަމެވެ.

ގެއަށް އާދެވުމާއެކު އެންމެ ފުރަތަމަ ވެސް ދިޔައީ ސުހައްތަ ހޯދާށެވެ. ސްކޫލު ދައުރު ނިމި ވަޒީފާއަކަށް ވަންއިރު މިހާތަނަށް އަހަރެން ދުވަހަކު ވެސް ދަތުރަކު ނުދަމެވެ. އެހެންވީމަ އޮފީހުން ރާވާ ދަތުރަކީ އަހަރެންގެ ހަޔާތުގައި ދާނޭ ފުރަތަމަ ދަތުރެވެ. އެހެންވެ ހަދާނެ ގޮތަކާއި މެދު ސުހައްތައާ މަޝްވަރާ ކުރީމެވެ. ސުހައްތަ ބުނިގޮތުގައި، ދުނިޔޭގައި އުޅޭއިރު ދުނިޔޭގެ އެކިކަންތައްތަކަށް ލޯހުޅުވަންޖެހޭނެއެވެ. އެކިއެކި އައު ތަޖުރިބާތައް ކުރަންވާނެއެވެ. ނަމަވެސް އެކަމަށްވެސް ހައްދެއް ކަނޑައަޅަންވާނެއެވެ.

ދަތުރު ދިއުމަށް ޓަކައި އަހަރެންގެ އަތުގައި ލާނޭ ހެދުމެއް ނެތެވެ. ހުރި ހަރުވާޅުތައް ހުރީ މާބޮޑަށް ބާވެފައެވެ. ދަތުރު ދިއުމަށް ހެދުމެއް ލައިގެން ދިއުމަކީ އެ މާޙައުލާ ގުޅޭނޭ ކަމެއްނޫނެވެ. އެހެންވެ ސުހައްތައާއި ޖައުބެއާއެކު އަހަރެން ހަވީރު ނުކުތީ ބާޒާރު ކުރުމަށެވެ. ދެތިން ފިހާރަ ބެލުމަށްފަހު ދިމާވި ފިހާރައެއްގެ ޝޯކޭސްގައި ނިކަން ފަރިކޮށް ހުރި ބުދެއް ލައްވާފައިވާ ހެދުން ޖައުބެ ދެއްކިއެވެ. ނަމަވެސް އަހަންނަށް ކަމަކު ނުދިޔައެވެ. ކުރުކުރު ޓީޝާޓުކޮޅާއެކު ލާފައި ހުރި ސޯޓު ވެސް އެހާ ކުރެވެ. އެވަރުގެ އެއްޗެއް ލައިގެން އުޅޭން ވެއްޖެނަމަ އަހަރެން ލަދުން މަރުވެދާނެއެވެ. އަހަންނަށް އެހެން ހެދުން އަޅާން ނުކެރޭނެކަން ސުހައްތައަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އަހަރެންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަން ސުހައްތައާއި ޖައުބެ ޚިޔާލު ދިނެވެ. އަހަންނަށް މިއުޅެވެނީ ތަންކޮޅެއް މުސްކުޅިކޮށް ކަމަށް އެމީހުން ބުންޏެވެ. އެހެންވިޔަސް އަހަންނަށް ނުކެރޭނެކަންކަން ކުރާނީ ކިހިނެއް ހެއްޔެވެ. މުސްކުޅިކޮށޭ ބުންޏަސް ވަރިހަމައެވެ. އެންމެފަހުން ސުހައްތަ ހުރެފައި އަހަންނަށް އެކަހަލަ ނިވާކަން ކުޑަ ހެދުން ލާކަށް ނުކެރޭނެއޭ ޖައުބެ ގާތު ބުންޏެވެ.

ބާޒާރު ކުރާން ނުކުތުމުން ފިހާރަތަކުގައި ލައްކަ އެއްޗެހި އޮންނަކަން އެނގުނެވެ. ފައިސާ ހުރިއްޔާ ނުގަނެވޭނެ އެއްޗެއް ނެތެވެ. އަހަރެން ދުވަހަކު އަޑު ވެސް ނާހާ ނުދެކޭ އެއްޗެހި ފިހާރަތަކުން ފެނުނެވެ. ރީތިވެފައި ގަންނަ ހިތްވާ ކަހަލަ އެތައް އެއްޗެކެވެ. ހީވީ ދުނިޔެއަށް އުފަން މި ވީ އަދިކިރިޔާހެނެވެ. ސުހައްތައާއި ޖައުބެ ވަކި ހިސާބަކުން ދިޔައީ ޖައުބެމެން ގެއަށެވެ. އަހަރެން އެކަނި ހިނގާލާފައި އައީ ގެއަށެވެ. އައި މަގުމަތީ ފެނުނު ވަރަށް ރީތި ރަތްކުލައިގެ ވާސް އެއްވެސް ގަތީމެވެ. އަހަންނަކީ މަލަށް ލޯބިކުރާ މީހަކަށްވާތީ ކޮޓަރީގައި މައު ބެހެއްޓުމަށެވެ. ޚާއްޞަކޮށް އަހަންނަށް ރަތްކުލައިގެ ފިނިފެންމާ ވަރަށް ރީއްޗެވެ. ހަމައެކަނި އެ އެއްނޫނެވެ. ރަތްކުލައަކީ ވެސް އަހަރެން ވަރަށް ލޯބިކުރާ ކުލައެކެވެ.

އެކުވެރިޔާއެވެ. ހަފިއްތަ މިއަދު ހަތަރުދަމު ހުންނަނީ ތުންފިއްތައިގެނެވެ. މީހަކާ އަނގައިންނެއް ނުބުނެއެވެ. އެކަމަކު އޭނާ މޯބައިލް ފޯނެއް ގެންގުޅޭތަން ފެނުނެވެ. ކާކު އޭނާއަށް ދިން އެއްޗެއް ކަމެއް ނޭނގެއެވެ. ބަދިގޭގައި އަހަރެން ކާން އިންއިރު އޭނާ ފެންބޯން ވަދެ މޭޒުމަތީ އެ ފޯނު ބޭއްވިގޮތުން ހީވަނީ އަހަންނަށް ދައްކަން ބޭއްވިހެނެވެ. ނަމަވެސް އަހަރެން އަޅައެއްނުލަމެވެ. ހިތަށް އެރިހާ ސުވާލެއް ހިތުގައި ބަހައްޓާލީއެވެ. ފޯނު ބަލާލާ ހިތް ވެސް ވިއެވެ. އެކަމަކު ސުވާލެއްކޮށްފިއްޔާ އޭނާ އަދި މާ ބޮޑާ ވާނެއެވެ.

މުޅިދުވަސް ހުސްވެގެން ދިޔައިރު އަދި މަންމަ ނުދެކެމެވެ. ސުހައްތަގެ ފަރާތުން އެނގުނު ގޮތުގައި މަންމަ ލަންކާއަށް ދެ ދުވަސް ތެރޭ ފުރައިގެން ދާނެއެވެ. މަންމަ އަހަރެން ކޮބާތޯ ވެސް ބަލާނުލައެވެ. ބައެއްފަހަރު ވަރަށް ދެރަވެއެވެ. އަހަރެން ދުނިޔެއަށް އައީ އެ މަންމަގެ ބަނޑުން ވިއްޔާއެވެ. ހަމަ އެންމެ ފަހަރަކު އައިސް ދަރިފުޅު ކިހިނެއްހޭ މިއަދު، އަހާލިޔަސް އަހަރެންގެ ހިތް އުފަލުން ބަންޑުންވާނެކަން ޔަގީނެވެ. އަނގައިން ނުބުނާ ތަނުގައި ދުވާލަކު އެއްފަހަރު އަހަނަށް ބަލާލާފައި ހިނިތުންވެލިޔަސް އަހަންނަށް އެވަރުން ފުދޭނެއެވެ.

އެކުވެރިޔާއެވެ. އަހަންނަށް ލިބޭ ދަރިއަކަށް މިފަދަ ބޮޑު ހިތްދަތިކަމެއް ނުދޭނަމެވެ. ކޮންމެ ހާލެއްގައި ވިޔަސް އަހަރެން އެ ދުވަހަކުން އެ ކުއްޖާ ބަލާނަމެވެ. އެދުވަހާ ހަމައަށް އަހަންނާއެކު ތި އެކުވެރިޔާ ވާނަމެއް ނޫންހެއްޔެވެ. ގައިމު ވެސް އެއީ އުފާވެރި ދުވަހަކަށް ނޫނީ ނުވާނެއެވެ. އެ ދުވަހަކުން އަހަރެންގެ އުފަލުގައި ބައިވެރިވާނެ ބައެއް ތިބޭނެކަން ގައިމެވެ. އަހަންނަށް ރަނގަޅީ ވެސް އަހަރެން ކަހަލަ އަންހެން ކުއްޖެއް ލިބިއްޖެއްޔާއެވެ. އޭރުން އެކުއްޖާ ވެސް އަހަރެން ކަހަލަ ހިތްވަރު ގަދަ އަންހެން ކުއްޖަކަށް ހެދުމަށެވެ.

މިހާރު ވާވަރަށް ޚިޔާލީ ފޮލާ ކެއްކިއްޖެއެވެ. ދެން މި އުޅެނީ ނިދާށެވެ. މާދަމާގެ ދަތުރަކީ އާމާން އޮމާން ބާއްޖަވެރި ދަތުރެއްކަމުގައި އިރާދަފުޅާއެކު ލައްވާށިއެވެ. އާމީން... ބާއްޖަވެރި ރެއަކާއެކީ އަލުން ބައްދަލު ވުމުގެ ފޮނުއުއްމީދާއެކު މިދަނީ ނިދާށެވެ.

* * * * *

ޑައިރީ ކިޔަމުން ދިޔައިރު ޔާނާގެ ތުންފަތުގައި ފަނޑުވުމެއްނުވާ ހިނިތުންވުމެއް ވިއެވެ. ބާވެ ގިނަ ދުވަސްވެފައި އޮތް ފޮތަކަށްވާތީ ގަނޑުތައް އެއްލަމުން ދިޔައީ ނުހަނު ބަލައިގެންނެވެ. ޔާނާ ދެން އޮތް ގަނޑަށް ނަޒަރު ހިންގާލިއެވެ. އޭރު ވެސް ޒޭން އޮތީ ރިހިކުލައިގެ ފަށް ހިފައިގެން އޭގެ ފަށު ފުލާ ކުޅޭށެވެ.

"މިންނު ޑައިރީ ލިޔަނީ ކޮންމެ ރެއަކު ނިދަން އޮވެހެން ހީވަނީ" ޔާނާ ޑައިރީ ކިޔާން ފެށުމުގެ ކުރީން ބުނެލިއެވެ. ޒޭން ވަކި އެއްޗެއް ނުބުނުމުން ޑައިރީގައި ވާ އެއްޗެއް ޔާނާ އަނެއްކާ ވެސް ކިޔާން ފެށީއެވެ.

* * * * *

މިންނުގެ ޑައިރީ:

މިރޭ މިއޮތީ ވަރަށް ވަރުބަލިވެފަ އެކަމަކު ވަރަށް އުފާވެފައެވެ. މިހެން ބުންޏަސް ވަރަށް ވަރަށް އުފާވެފައެވެ. މިއަދު ހެނދުނު އަހަރެން ފާލަން ދޮށަށް ލާދެން ދިޔައީ ޖައުބެއެވެ. އަހަރެން ހުރިހާ އެއްޗެއް ހަމައަށް ގެންދޭތޯ އަހަރެންގެ ދަބަސް ދެވަނަ ފަހަރަށް ވެސް ސުހައްތަ ބެލިއެވެ. ޖައުބެ އަހަރެން ފާލަން ކައިރިއަށް ފޭބުމުން އެނބުރި ދިޔައީ ބަލައިގެން އުޅޭން ނަޞޭޙަތް ދީފައެވެ. އޭރު ސެކްޝަނުގެ ގިނަބަޔަކު ކަހަލަ ގޮތަކަށް ފާލަން ދޮށަށް އެއްވެ ތިއްބެވެ. އަދި ފަސްވަރަކަށް އަންހެން ކުދީން ތިއްބެވެ. އެވަގުތު އަހަރެންގެ ފުރަގަހުން މިންނުއޭ ކިޔާ މީހަކު ގޮވާލިއެވެ. ބަލާލިއިރު ފަހަތުގައި ހުރީ ކާކުކަން އެނގޭ ހެއްޔެވެ. ފަޒްލާއެވެ. ދަތުރުދާން އައިސް ހުރިއިރު ވެސް އޭނށގެ ދެކޮލުގަޔާ ތުންފަތާ ތަންތަނުގައި ކުލަ އުނގުޅާފައި ހުއްޓެވެ. ބޮލުގައި ބޮޑު ތޮތްޕެއް އަޅާލާފައި ހުއްޓެވެ. ކޮނޑުގައި އޮތް ފިޔާތޮށި ކުލައިގެ ދަބަހާއެކު އަތުގައި ކަޅު އައިނެއްވެސް އޮތެވެ. އެއީ ހަމަ ފައްކާ ޖޯކަރެކެވެ. ފަރަންޖީއަކަށް ވާން ބޭނުންވެ ނުވެވިފައެވެ. ފިރިހެންކުދިންނަށް ތިއްތިދެއްކުމުގައި އޭނާވަރެއް ހަމަ ނޯންނާނެއެވެ. (ނުނިމޭ)