މެކްސިކޯ

ހަނދާން އާކުރަން ތިއްބާ މެކްސިކޯއަށް އައި ބިންހެލުމުގައި 140 މަރު

މެކްސިކޯއަށް ބާރުގަދަ ބިންހެލުމެއް އައިސް ގިނަ އިމާރާތްތަކެއް ވެއްޓި 140 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. ބީބީސީ ބުނީ މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީހިމެނޭ މެކްސިކޯ ސްޓޭޓްގެ އިތުރުން މޮރެލޭ ސްޓޭޓާއި ޕުއެބްލާ ސްޓޭޓަށް ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ރެކޯޑްކޮށްފައިވާ ގޮތުގައި ރިކްޓާ މިންގަނޑުން 7.2 ގެ ބާރުމިނުގައި އައި އެ ބިންހެލުން އައީ ވެރިރަށް މެކްސިކޯ ސިޓީއާ 120 ކިލޯމީޓަރު ދުރުން ބިމުގެ 51 ކިލޯމީޓަރު އަޑިއަށެވެ.

މެކްސިކޯއަށް މިފަހަރުގެ ބިންހެލުން އައީ އެ ގައުމަށް 1985 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުން އައި ދުވަސް ފާހަގަ ކުރުމަށާއި ބިންހެލުން ތަކަށް ތައްޔާރުވުމަަށް ޑްރިލް އެއް ކުރިއަށް ގެންދިޔަ ވަގުތެއްގަ އެވެ. އެފަހަރު އައި ބިންހެލުމުގައި 10000 މީހުން މަރުވިއެވެ.

ބިންހެލުމުގައި ބޮޑެތި ގިނަ އިމާރާތްތަކެއް ވެއްޓި، ބޮޑު ބަޔަކުން ކަރަންޓު ކެނޑި ގެއްލުންތައް ލިބުނު މެކްސިކޯ ސިޓީއަކީ ދުނިޔޭގައި އެންމެ މީހުން ގިނަ ސިޓީތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެސިޓީގެ މެޓްރޮޕޮލިޓޭން އޭރިއާގައި 20 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

މެކްސިކޯއަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ. އެގައުމަަށް މިމަހުގެ ކުރީކޮޅު ރިކްޓަ މިންގަނޑުން 8.1 ގެ ބާރުމިނުގައި ބިންހެލުމެއް އައިސް 90 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.