މެކްސިކޯއަށް އަންހެން ރައީސަކު އައްޔަންކުރަނީ އެވެ. ޖޫން 2، 2024 ގައި އެ ގައުމުގައި އޮތް ރިޔާސީ އިންތިހާބުގައި، ކްލޫޑިއާ ޝެއިމްބަމް، 61، ވަނީ ރައީސަކަށް ހޮވިވަޑައިގެންފަ އެވެ.
އިންތިހާބުގައި ވޯޓުދިން 60 ޕަސެންޓް ދެކޭ ގޮތުގައި ކްލޫޑިއާއަށް ރައީސެއްގެ ޒިންމާތައް އުފުއްލެވޭނެ އެވެ.
ކުލޫޑިއާ އަކީ ސިޔާސީ ލީޑަރެއްގެ އިތުރުން ތިމާވެއްޓާ ބެހޭ ސައިންސްވެރިއެކެވެ. އޭނާގެ އަތުގައި ފިޒިކްސްއިން މާސްޓާސް ޑިގްރީއެއް އޮވެ އެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ އެނާޖީ އިންޖިނޭރިންގެ ދާއިރާއިންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ކުރިން ކުލޫޑިއާ ވަނީ މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގެ މޭޔަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އދއިން ކަނޑައަޅާފައި އޮންނަ ސައިންވެރިންގެ ޓީމުގައިވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
ކުލޫޑިއާ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން އެ މަގާމުގައި މިހާރު ހުންނެވި އެންދްރޭ މެނުއެލް ލޮޕޭޒް އޮބްރާޑޯ، ސެޕްޓެމްބަރު 30، 2024 ގައި ސިޔާސީ ދާއިރާއިން މުޅިން ވަކިވެ ވަޑައިގަންނަވާނެ އެވެ.
ކުލޫޑިއާ ޝެއިމްބަމް މެކްސިކޯގެ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އޮކްޓޯބަރު 1، 2024 ގައެވެ.
މެކްސިކޯއަށް އަންހެން ރައީސަކު ލިބުމަކީ އެ ގައުމުގެ 200 އަހަރުވީ ރިޔާސީ ތާރީހުގައި މުޅިން އާ ކަމެކެވެ. ނަމަވެސް ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ކުލޫޑިއާއަށް ވެސް ޖެހިވަޑައިގަންނަވާނީ ކުރިން ރައީސްކަން ކުރެއްވި ލީޑަރުންގެ ގޮތްފޮތް ދަމަހައްޓަވާށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުލޫޑިއާ ޝެއިމްބަމް މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް އެންދްރޭ މެނުއެލް ލޮޕޭޒް އޮބްރާޑޯގެ ސިޔާސަތު ދަމަހައްޓާވާނެ އެވެ. އޭނާއަށް އިންތިހާބުގައި މިހާ ބޮޑު އަޣުލަބިއްޔަތެއް ލިބުނީވެސް މި ސަރުކާރުން މިހާރު ދަމަހައްޓަމުން ގެންދާ ސިޔާސަތަށް ބޮޑު ބަދަލުތަކެއް ނުގެންނަވާނެ ކަމަށް ވިދާޅުވެ ކުރެއްވި ކެމްޕޭންތަކުގެ ސަބަބުންނެވެ.
މެކްސިކޯގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ލޮޕޭޒް އޮބްރާޑޯގެ ވެލްފެއާ ސިޔާސަތުގެ ސަބަބުން ގައުމަށް ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. ފަގީރުކަން ނައްތާލައި ބައިނަލްއަގުވާމީ ގޮތުން މެކްސިކޯއަށް ރަނގަޅު ހައިސިއްޔަތެއް ހޯއްދަވައި ދެއްވުމަށް ލޮޕޭޒް އޮބްރާޑޯ ބުރަ މަސައްކަތްތަކެއް ކުރެއްވި ކަަމަށް އާންމުން ގަބޫލުކުރެ އެވެ.
މެކްސިކޯގެ އާންމު ހާލަތު މި ގޮތުގައި އޮތުމުން ކުލޫޑިއާއަށް ވެސް އެއިން ކަމެއް ދޫކޮށްލެވޭކަށް ނޯންނާނެ އެވެ. އަނެއްކޮޅުން އިންތިހާއަށް އިތުރުވެފައި އޮތް ކުށްކުރާ ރޭޓް ދަށްކުރުމަށްވެސް އާ ހިސާބުތަކެއް ޖައްސަވަން އޭނާ އަށް ޖެހިވަޑައިގަންނަވާނެ އެވެ.