އެކްއެޑޯގެ ވެރިރަށް ކީޓޯގައި ހުންނަ މެކްސިކޯ އެމްބަސީއަށް ވަދެގަންނަން އެކްއެޑޯގެ ފުލުހުންނަށް މަޖުބޫރުވީ އެ ގައުމުގެ ކުރީގެ ނައިބް ރައީސް ޖޯޖް ގުލާސް ސިޔާސީ ހިމާޔަތް ހޯއްދަވައި ގައުމުން ފިއްލެއްވުމުގެ ބިރު އޮތުމުން ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ގަބްރިއެލާ ސޮމާފެލްޑް ވިދާޅުވެއްޖެ އެވެ.
އެކްއެޑޯގައި ހުންނަ މެކްސިކޯ އެމްބަސީއަށް ހަތިޔާރާ އެކު ފުލުހުން ވަދެގަތް މައްސަލަ ވަރަށް ބޮޑަށް ހޫނުވެ -- މެކްސިކޯއިން ވަނީ އެކްއެޑޯއާ އެކު އޮތް ސިޔާސީ ގުޅުން މުޅިން ކަނޑާލާފަ އެވެ.
އެކްއެޑޯގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުން ޖޯޖް ގުލާސްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އެބައޮތެވެ.
މެކްސިކޯ އެމްބަސީން ހިމާޔަތް ހޯއްދަވައި މިދިޔަ ޑިސެމްބަރުން ފެށިގެން އޭނާ ހުންނަވަނީ އެ ތަނުގަ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައި ހުރި ދައުވާތައް ސާބިތުވެ އަތުވެދާނެ ޖަލު ހުކުމަކުން ސަލާމަތްވުމަށް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މެކްސިކޯއިން އޮތީ އޭނާއަށް ސިޔާސީ ހިމަޔާތް ދީފަ އެވެ. އަދި އެކްއެޑޯއިން ރައްކާތެރިކަމާ އެކު ޖޯޖް ގުލާސް ބޭރުކުރުމަށް ގޮތްތަކެއް އޮތީ ރާވާފަ އެވެ.
އެކްއެޑޯގެ ނައިބް ރައީސް ޖޯޖް ގުލާސް ގައުމުން ބޭރުވެދާނެ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ވިދާޅުވި ނަމަވެސް އޭނާ ގައުމުން ބޭރުވާން ރާވާފައި އޮތް ގޮތް ވަޒިރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ސިޔާސީ ގޮތުން ކަންތައްތައް ހިނގަމުންދާ ގޮތް އިންޓެލިޖެންސްގެ ޒަރިއްޔާ އިން އެކްއެޑޯގެ އޮފިޝަލުންނަށް އޮންނާނީ އެނގިފަ އެވެ. އެހެންކަމުން މެކްސިކޯ އެމްބަސީ މެދުވެރިކޮށް ނައިބު ރައީސް އެކްއޭޑޯއިން ބޭރުކުރަން އުޅޭކަންވެސް އޮންނާނީ އެ ގައުމުގެ އޮފިޝަލުންނަށް އެނގިފަ އެވެ.
މެކްސިކޯ އެމްބަސީއަށް އެކްއެޑޯ ފުލުހުން ގަދަބާރުން ވަދެގަތުމުގައި އެމްބަސީގެ ބައެއް އޮފިޝަލުންނަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް މެކްސިކޯގެ ރައީސް އަންދުރޭސް މެނުއެލް ލޮޕޭޒް އޮބްރާޑޯ ވިދާޅުވި އެވެ.
މެކްސިކޯ އަކީ މިނިވަން ދައުލަތަކަށް ވެފައި، މުސްތަގިއްލު ދައުލަތެއް ތަމްސީލްކުރާ އެމްބަސީއަކަށް ހަތިޔާރާ އެކު ފުލުހުން ވަނުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޖޯޖް ގުލާސް، އެމްބަސީ އިން ނެރެގެން ގެންގޮސް މިހާރު ހުންނެވީ ޖަލުގައި -- ފުލުހުންގެ ހިމާޔަތުގައި ކަމަށް ހަބަރުތައް ބުނެ އެވެ. އެކްއެޑޯގެ ވިސްނުމަކީ އޭނާ ހައްޔަރުގައި ބަހައްޓައި ޝަރީއަތް ހިންގުމެވެ.