އަމިއްލަ ދަނޑު، ކޭމްޕް ނޯ ގައި، އެއިބާއާ ދެކޮޅަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ މޮޅުވި މެޗުގައި، ލަނޑުގެ ރެކޯޑްގައި ބާސާގެ ލިއޮނަލް މެސީ ތަފާތު ހިސާބަކަށް ދަތުރުކޮށްފި އެވެ.
ރޭ ގެ މެޗުގައި، މެސީ ވަނީ، ހަތަރު ލަނޑު ކަމިޔާބު ކޮށްފަ އެވެ. ރޭ ކާމިޔާބު ކުރި ލަނޑު ތަކަކާއެކު މެސީ ވަނީ ކޭމްޕް ނޯ ގައި އޭނާ ޖެހި ލަނޑުގެ އަދަދު 300 އަށް އަރުވާފަ އެވެ. މެސީ އެންމެ ފުރަތަމަ ކޭމްޕް ނޯގައި ލަނޑެއް ޖެހީ މީގެ 12 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. އެއީ އެ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު، އަލްބާސިޓީއާ ދެކޮޅަށް ކުޅުނު މެޗު ގަ އެވެ.
މެސީ އަކީ ބާސެލޯނާގެ ލަނޑު ޖެހުމުގެ ހުރިހާ ރެކޯޑެއްގައި ވެސް އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާ އެވެ. ރޭ ގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ވެސް މެސީ އެވެ. މެޗުގެ 20 ވަނަ މިނެޓްގައި، އޭނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ނެވެ. މިއީ މި އަހަރު، މެސީ ކާމިޔާބު ކުރި 40 ވަނަ ގޯލެވެ.
އޭނާގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ، މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެސީ، ރޭ ހެދި ހެޓްރިކަކީ، މި ސީޒަންގައި، އޭނާ ހެދި ދެ ވަނަ ހެޓްރިކެވެ. އެންމެ ފުރަތަމަ ހެޓްރިކް ހެދީ މިދިޔަ ހަފުތާގައި އެސްޕަނޯލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ބާސާގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ޕައުލީނިއޯ އާއި ޑެނިސް ސުއަރޭޒް އެވެ. ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބާސާގައި އޭނާގެ ދައުރު ފެށި ފަހުން ލީގްގައި ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފަ އެވެ. އަދި ސްޕެނިޝް ސްޕަ ކަޕްގައި، ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށް ފަހުން ދެން ކުޅުނު ހުރިހާ މެޗަކުންވެސް އެ ޓީމު އަންނަނީ މޮޅުވުމުގެ ޓްރެކް ދަމައްހައްޓަމުން ނެވެ.
ރޭ ގެ މެޗުގައި، އެއިބާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ސާޖީ އެންރިކް އެވެ. މޮޅާ އެކު ބާސާ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެޓީމަށް 15 ޕޮއިންޓް ލިބިފައިވާރު، ދެ ވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.