ކުޅިވަރު

ޑެހެއާ ރެއާލްއާ ގުޅުމުގެ ޓްރާންސްފާ ހުއްޓުވީ ޒިދާން

Sep 20, 2017

މެނެޗެސްޓާ ޔުނައިޓެޑްގެ ސްޕެއިންގެ ކީޕަރު ޑެވިޑް ޑެހެއާ، ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލު ވުމުގެ ޓްރާންސްފާގެ ކަންކަން ހުއްޓުވީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ކަމަށް ސްޕެއިންގެ މާސާއިން ބުނެފި އެވެ.

ޓްރާންސްފާ ޕީރިއަޑްގައި، ޑެހެއާ ރެއާލްއާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް ވަރަށް ގަދަވި އެވެ. ކުރިން އެތުލެޓިކޯ މެޑްރިޑްގެ ގޯލް ބެލެހެއްޓި، ސްޕެއިންގެ އެއް ވަނަ ކީޕަރު ޑެހެއާ، ވެސް ހުރީ، ރެއާލް އާ ގުޅެން ބޭނުން ވެފަ އެވެ. ރެއާލްގެ މެނޭޖެމެންޓުންވެސް، ޔުނައިޓަޑްގެ އޮފިޝަލުންނާއެކު މަޝްވަރާތައް ވެސް ކުރި އެވެ. ނަމަވެސް އެކަން ހުއްޓުވީ ޒިދާން އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު، ޑެހެއާ، ރެއާލްއާ ގުޅުމާ ވަރަށް ގާތަށް ދިޔަ އެވެ. ދެ ކުލަބުގެ މެދުގައި އެކަމަށް އެއްބަސް ވެވުނީ ޓްރާންސްފާގެ އެންމެ ފަހު ދުވަހު އެވެ. ނަމަވެސް، އެންމެ ފަހު ވަގުތު، އެކަން ނުވީ، ވަގުތު ހަމަވިއިރު، ހުށަހަޅަން ޖެހޭ އެންމެ ލިޔުމެއް ހުށަހެޅިފައި ނުވުމުންނެވެ.

ރެއާލުގެ ސްކޮއުޓުން، ޗެލްސީގެ ބެލްޖިއަމްގެ ކީޕަރު ތައިބަޓް ކޯޓްއާ އާއި އޭސީ މިލާންގެ، ޒުވާން ކީޕަރު، ޖިއާންލުއީޖީ ޑޮނަރުންމާ ގެނައުމަށް ވެސް ލަފާ ދިނެވެ. ޑޮނަރުންމާގެ އެޖެންޓާ، ރެއާލުގެ ޓްރާންސްފާގެ އެޖެންޓުންވެސް ވާހަކަ ދެއްކި އެވެ.

ނަމަވެސް، އޭނާގެ ސްކޮޑްގެ އެއް ވަނަ ކީޕަރެއްގެ ގޮތުގައި، ކޭލޯ ނާވަސް ބަހައްޓަން، ޒިދާން ބޭނުންވީ، އެންމެ ފަހުގެ ދެ ޗެމްޕިއަންސް ލީގް ރެއާލްއަށް ހޯދައި ދިނުމުގައި ނާވަސް ދައްކާފައިވާ މޮޅު ކުޅުމުން ނެވެ. ނާވަސްއާ މެދު ޑެހެއާގެ އިތުބާރު ބޮޑުވީވެސް އެ ކާމިޔާބާ އެކު އެވެ. އަދި ރަނގަޅު ފޯމުގައި ހުރި ކީޕަރެއް ބަދަލު ކޮށްގެން އިތުރު ރިސްކެއް ނަގަން ޒިދާން ބޭނުން ނުވާތީ އެވެ.

މާސާއިން ބުނީ އަންނަ އަހަރު، ހޫނު މޫސުމުގެ ޓްރާންސްފާގައި، އެތުލެޓިކް ބިލްބައޯގެ ކީޕަރު ކެޕާ އަރިޒަބަލަގާ ގެނައުމަށް ރެއަލުން، ޓްރާންސްފާގައި ލިސްޓް ކޮށްފައިވާ ކަމަށެވެ. ބިލްބާއޯ އެކު ކެޕާ ހަދާފައިވާ އެއްބަސްވުން، މިސީޒަން ނިޔަލަށް ހަމަ ވާނެ އެވެ. އެ ޓީމުން ވަނީ މީގެ ކުރިން، ކެޕާގެ އެއްބަސްވުން އާ ކުރުމަށް ހުށަހަޅާފަ އެވެ. ނަމަވެސް މިހާތަނަށް އެ ކަމަށް ކެޕާގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެ އެވެ.